ENGLISH

21 އޭޕްރީލު 2025

Advertisement

ޢާއްމުކޮށް ފެންބޮޑުވާ 72 ރަށަކަށް ފެން ހިންދާ ޕަންޕު ފޯރުކޮށްދީފި

13 ޖެނުއަރީ 2025

|

އުމްނާ އިސްމާޢީލް

ފެންބޮޑުވާ ސަރަހައްދުތަކުގައި ވެލި ބަސްތާ ޖަހަނީ (ފޮޓޯ/ އެންޑީއެމްއޭ)

މިއަދުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައިވާތީ، ފެންބޮޑުވާކަމަށް އާއްމުކޮށް ރިޕޯޓުކުރާ 72 ރަށަކަށް ފެން ހިންދާ ޕަންޕު ފޯރުކޮށްދީފައިވާ ކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމެންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އިރުން ހުޅަނގު ދެކުނުން، ބޭ އޮފް ބެންގާލްގައި އުފެދިފައިވާ ކޮޅިގަނޑު ހުޅަނގަށް ޖެހި، ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ވިއްސާރަކުރާނެކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ސަމާލުވުމަށް އިލްތިމާސް ކުރައްވައިފަ އެވެ. އެއާއެކު، ވިއްސާރައިގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ކަމާ ބެހޭ އިދާރާތަކުން ވަނީ ޖޮއިންޓް އޮޕަރޭޝަނެއް ފައްޓަވައިފަ އެވެ.

އެމްއެންޑީއެފް އާއި ފުލުހުންގެ ޚިދުމަތް އަދި އެންޑީއެމްއޭއިން ގުޅިގެން ހިންގާ މި އޮޕަރޭޝަންގެ މައުލޫމާތު ދިނުމަށްޓަކައި އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ ހިސާން ހަސަން ވިދާޅުވީ ވިއްސާރައިން ލިބޭ ގެއްލުންތައް ކުޑަކުރުމަށްޓަކައި ރެއިން ފެށިގެން ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށެވެ. އެގޮތުން، އާއްމުކޮށް ފެންބޮޑުވާކަމަށް ރިޕޯޓުކުރާ ރަށްރަށަށް ފެން ހިންދާ ޕަމްޕާއި، އެއާ ގުޅޭ ވަސީލަތްތައް ފޯރުކޮށްދީފައިވާ ކަމަށް ވިދާޅުވި އެވެ.

"މީގައި އަޅުގަނޑުމެން މިހާރުވެސް 72 ރަށެއްގައި، އާއްމުގޮތެއްގައި ފެންބޮޑުވާ 72 ރަށެއްގައި ފެން ހިއްކާ ޕަމްޕާއި އެއާ ގުޅޭ ވަސީލަތްތައް ފޯރުކޮށްދެވިފައިވާނެ. އަދި ފިކްސްޑް ބޭސް ފެން ހިންދާ ނިޒާމުތައް ވެސް ރަށްރަށުގައި ގާއިމުކުރެވިފައި ހުންނާނެ،" ހިސާން ވިދާޅުވިއެވެ.

މީގެއިތުރުން މާލެ ސަރަހައްދުގައި އާއްމުކޮށް ފެންބޮޑުވާ ސަރަހައްދުތަކުގައި ދުރާލާ ވެލި ބަސްތާތައް ޖެހުމުގެ މަސައްކަތް ކުރަމުންދާކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ. އެގޮތުން ރެއިން ފެށިގެން 57 ތަނެއްގައި ވެލި ބަސްތާތައް ޖަހާފައިވާ ކަމަށް ވިދާޅުވި އެވެ. 

އެކަންކަން ފާހަގަކުރައްވަމުން ހިސާން ވަނީ ފަރުދީ ފެންވަރުގައާއި ކައުންސިލް ފެންވަރުގައި ވެސް ވިއްސާރައިން ލިބޭ ގެއްލުންތަކުގެ އަސަރުކުޑަކުރުމަށް ފިޔަވަޅުއަޅަން އިލްތިމާސްކުރައްވައިފަ އެވެ.

ކިޔުންތެރިންގެ ހިޔާލު