ENGLISH

21 އޭޕްރީލު 2025

Advertisement

ޑްރަގު ވިއްކައި މަނީ ލޯންޑާ ކުރި ދެ މީހުން އަލުން ހައްޔަރުކޮށްފި

13 ޖެނުއަރީ 2025

|

އުމްނާ އިސްމާޢީލް

ޑްރަގު ވިއްކައި މަނީ ލޯންޑާކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން

މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯންޑާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށް، ހައިކޯޓުން ދޫކޮށްލި ދެ މީހުން އަލުން ހައްޔަރުކޮށްފި އެވެ.

މަސްތުވާތަކެތީގެ ވިޔަފާރިއާއި ދެކޮޅަށް ފުލުހުން ފުވައްމުލައް ސިޓީގައި ހިންގި އޮޕަރޭޝަންގެ ތެރެއިން މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯންޑަރ ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާކަމުގެ ތުހުމަތުގައި އެ ރަށު ދޫޑިގަން، ކަރަންކާވިލާ، އަހުމަދު ނިއުޝާދު (34 އަހަރު) އާއި  ދޫޑިގަން، ޒަމާނީގެ، ހަސަން ޢާޒިމް (29 އަހަރު) ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ފުވައްމުލަކު މެޖިސްޓްރޭޓު ކޯޓުން އަމުރުކުރީ މިދިޔަ ޑިސެމްބަރު މަހުގެ ކުރީކޮޅު އެވެ.

އެހެންނަމަވެސް، އެ އަމުރު އިސްތިއުނާފްކުރުމުން ހައި ކޯޓުން ނިންމީ އެ މީހުންނަށް ތުހުމަތު ކުރެވޭ ކުށް ކުރި ކަމަށް ކޮންމެވެސް މިންވަރެއްގެ ހެކި ހުރި ކަމަށް ބަޔާންކޮށް، އެ މީހުން ޝަރީއަތް ނިމެންދެން ބަންދު ނުކުރެވޭނެ ކަމަށެވެ. އެހެންވެ އެ ދެ މީހުންވެސް ދޫކޮށްލީ އެވެ.

އޭގެފަހުން ފުވައްމުލަކު ކޯޓުން ނެރުނު އަމުރެއްގެ ދަށުން އެ ދެ މީހުން ހައްޔަރުކޮށް ކްރިމިނަލް ކޯޓަށް ހާޒިރުކުރީ އިއްޔެ އެވެ. ބަންދު އަމުރުން އެނގޭ ގޮތުގައި ނިއުޝާދު ހައްޔަރުކުރީ މާލެ އައުމަށްފަހު ކައިރި ރަށަކަށް ދާން އުޅޭ ކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތުގެ އަލީގަ އެވެ. އާޒިމް ވެސް ހައްޔަރުކުރީ މާލެއިންކަން އެ އަމުރުން އެނގެ އެވެ.

ކްރިމިނަލް ކޯޓުން އަމުރުކުރީ އާޒިމް 7 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށެވެ. އަދި ނިއުޝާދު 10 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް ވެސް އަމުރުކޮށްފައިވެ އެވެ.  

މި މައްސަލައިގެ ތަހުގީގާ ގުޅިގެން ފުލުހުން މީގެކުރިން އާއްމުކޮށްފައިވާ މައުލުމާތުން އެނގޭ ގޮތުގައި ފާއިތުވި 5 އަހަރު ތެރޭގައި ނިއުޝާދުގެ ބޭންކު އެކައުންޓް މެދުވެރިކޮށް 21 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވެ އެވެ. އާޒިމްގެ އެކައުންޓުން 5 މިލިއަން ރުފިޔާ ރޯލްކޮށްފައިވާކަން ވެސް އެނގެ އެވެ. އެކަމަކު އެއީ ދާއިމީކޮށް ވަޒީފާއެއްގައި އުޅުނު ބަޔެއް ނޫނެވެ.

ކިޔުންތެރިންގެ ހިޔާލު