ENGLISH

21 އޭޕްރީލު 2025

Advertisement

މުދަލު ޒަކާތުގެ ރެކޯޑެއް، 101.9 މިލިއަން ލިބުނު

12 ޖެނުއަރީ 2025

|

ޝިފްޒާން އަޙްމަދު

މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ ރެކޯޑު މިންވަރަކަށް އިތުރުވީ ފާއިތުވި އަހަރު މޯލްޑިވްސް ޒަކާތު ހައުސްއިން ކުރެއްވި މަސައްކަތުން، ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ނިމުނު އަހަރު ރެކޯޑު ޢަދަދަކަށް މުދަލު ޒަކާތުގެ ގޮތުގައި ފައިސާ ލިބުނުކަން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ހިސާބުތަކުން ދައްކައިފިއެވެ.

މީރާގެ ހިސާބުތައް ދައްކާ ގޮތުން 2024 ވަނަ އަހަރުގެ ނިޔަލަށް މުދަލު ޒަކާތުގެ ގޮތުގައި ލިބުނީ 101.9 މިލިއަން ރުފިޔާއެވެ. މިއީ 2023 ވަނަ އަހަރު ލިބުނު 90.2 މިލިއަން ރުފިޔާއަށްވުރެ 12.9 އިންސައްތަ އިތުރު ޢަދަދެކެވެ. 

ފާއިތުވި އަހަރުގެ ޑިސެމްބަރު މަހު 9.7 މިލިއަަން ރުފިޔާ ލިބުނުއިރު، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހު މުދަލު ޒަކާތުގެ ގޮތުގައި ލިބުނީ 6.7 މިލިއަން ރުފިޔާއެވެ. އެހެންކަމުން 2023 ގެ ޑިސެމްބަރާ އަޅާބަލާއިރު 2024 ގެ ޑިސެމްބަރުގައި މުދަލު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާގެ އަދަދު 51.5 އިންސައްތަ އިތުރެވެ. 

އިސްލާމިކް މިނިސްޓްރީން މިކަމާ ގުުޅިގެން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ މިއީ ރާއްޖޭގެ ތާރީޚުގައި މުދަލު ޒަކާތުގެ ގޮތުގައި އެއް އަހަރު ތެރޭގައި ލިބުނު އެންމެ ގިނަ ފައިސާ ކަމަށެވެ. 

މިނިސްޓްރީން ފާހަގަކުރެއްވި ގޮތުގައި ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އިތުރުވީ ފާއިތުވި އަހަރު ތެރޭގައި މޯލްޑިވްސް ޒަަކާތު ހައުސްއިން ޒަކާތާމެދު ދިވެހިން ހޭލުންތެރިކުރުމަށް ކުރެއްވި ބުރަ މަސައްކަތްތަކުގެ ސަބަބުންނެވެ. 

ރާއްޖޭގެ ތަނަވަސްކަމުގެ އަހުލުވެރިން މުދަލު ޒަކާތް އަދާކުރުމަށް ދޭ އަހަންމިއްޔަތު ފާހަގަކުރައްވައި އެ ބޭފުޅުންނަށް ޝުކުރު އަދާކުރެއްވުމާއެކު މިނިސްޓްރީންވަނީ މުދަލު ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ ޝަރުޢީ އުސޫލުތަކާއި މިންގަނޑުތަކުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ޙައްޤުވެރިންނަށް ޚަރަދުކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ. 

ކިޔުންތެރިންގެ ހިޔާލު