ENGLISH
21 އޭޕްރީލު 2025
ޤައުމަށް ހެޔޮއެދޭ ނަމަ، މި ވަގުތު ޤައުމުގެ ހަމަޖެހުން ގެއްލޭފަދަ ކަމެއް ނުކުރާނެ: މޫސާ ފަތުޙީ
12 ޖެނުއަރީ 2025
|
މޫސާ ފަތުޙީ އާދަމް އެމްއެމްޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ
އެމްޑީޕީގެ މަގުމަތީ ހަރަކާތްތަކުން ޤައުމުގެ މަސްލަޙަތު ނަގާލުމުގެ ނުރައްކާ އޮތްކަމަށާއި އެފަދަ ހަރަކާތްތަކަކީ ޤައުމުގެ އިޤްތިޞާދަށް ބޮޑު ގެއްލުމެއް ލިބިދާނެ ކަމެއް ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާކްސް އަލްއުސްތާޒު މޫސާ ފަތުޙީ އާދަމް ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މޫސާ ފަތުހީ ވިދާޅުވީ، މާޒީގައި އެމްޑީޕީން ސިޔާސީ ހަރަކާތްތަކުގެ ނަމުގައި ޤައުމުގެ މަސްލަޙަތު ނަގާލުމުގެ ބައެއް ކަންކަން ކޮށްފައިވާ ކަމަށެވެ.
"މާޒީއަށް ބަލާއިރު މަގުމަތީ ހަރަކާތްތަކުގައި ޕެޓްރޯލް ބޮން އަދި އަލިފާން ރޯކުރުމުގެ މަންޒަރުތައް ފެނިފައިވޭ. މިއީ ރައްޔިތުންގެ މެދުގައި ބިރުވެރިކަން އުފައްދައި، ދައުލަތުގެ އަމަން އަމާންކަން ނަގާލި މަންޒަރުތަކެއް. އަދި ފަތުރުވެރި ކަމަށް ގެއްލުންވާ ފަދަ ސިޔާސީ ހަރަކާތްތައް ވެސް ފެނިފައިވޭ. މިއީ ސިޔާސީ ހަރަކާތްތަކެއް ނޫން" - މޫސާ ފަތުޙީ އާދަމް
އެމްޑީޕީން މިހާރު މަގުމައްޗަށް ނުކުންނަން އުޅެނީ ކޮން ހާލަތެއް އޮވެގެންތޯ ސުވާލު އުފައްދަވަމުން، އޭނާ ވިދާޅުވީ މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަން ކަމަށާއި، މިއީ ރާއްޖޭގެ އިޤްތިޞާދަށް ފައިދާވާން އޮތް ދަނޑިވަޅެއް ކަމަށެވެ. އަދި ޤައުމުގައި އޮތް ހަމަޖެހުން ގެއްލުވާލައި، އެ މަންޒަރު ފަތުރުވެރިންނަށް ދައްކަން އުޅެނީތޯ ސުވާލު ކުރެއްވިއެވެ.
"ފަތުރުވެރިކަން ކުރިއެރުމުގެ އެއް ސިއްރަކީ ރާއްޖޭގައި އޮންނަ ސުލްޙަ މަސަލަސްކަމާއި އަމަން އަމާންކަން. މިތާ އޮންނަ އުޚުއްވަތްތެރިކަމާއި، ފަތުރުވެރިންނާމެދު ދިވެހިން ޢަމަލު ކުރަމުން އައި ގާތް ގޮތް، މިއީ ރާއްޖޭގެ ފަތުރުވެރިކަން މިހާ އުސްމިނަކަށް ވާސިލުވުމުގެ އެއް ސިއްރު" - ސްޓޭޓް މިނިސްޓަރ ފަތުހީ
މޫސާ ފަތުޙީ އިތުރަށް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދީ ހާލަތު ރަނގަޅުވުމުގެ އާ ސިޔާސަތެއް އެކަށައެޅި، އިޤްތިޞާދު ރަނގަޅުވުމުގެ ފެހި ސިގްނަލް ފެންނަމުންދާ ދަނޑިވަޅެއްގައި، ޤައުމަށް ހެޔޮ އެދޭ ނަމަ، މިވަގުތު ޤައުމުގެ ހަމަޖެހުން ގެއްލޭ ފަދަ ކަމެއް އެއްވެސް މީހަކު ނުކުރާނެ ކަމަށެވެ. އަދި މިއީ ސިޔާސީ މަގުމަތީ ކެމްޕޭން ހަރަކާތެއް ހިންގަން އެއްވެސް މުނާސަބު ވަގުތެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން، މަސްވެރިކަމުގެ ދާއިރާއަށް ސަރުކާރުން ގެންނަމުންދާ ހެޔޮ ބަދަލުތަކުގެ ވާހަކަވެސް އޭނާ ދެއްކެވިއެވެ. އެގޮތުން، އެމްޑީޕީގެ ވެރިކަން ނިމުނުއިރު މަސްވެރިންނަށް ދޭން ޖެހޭ އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ނުދީ ހުރި ކަމަށާއި، މިހާރުގެ ސަރުކާރުން މަސްވެރިންނަށް ފަހި މާޙައުލެއް ޤާއިމުކޮށްދީފައިވާ ކަމަށް ވިދާޅުވިއެވެ.
"ރާއްޖޭގެ މި އިޤްތިޞާދީ ދަތި ޙާލަތުގައި، ދަރަނީގެ ބުރަދަނާއެކު ދައުލަތް ކުރިއަށްދާން އޮތް ވަގުތުގައިވެސް، ވަރަށް ވިސްނުންތެރިކަމާއި ޙިކުމަތްތެރިކަމާއެކު މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ކަންތައް ނިންމަވައި، ބަރާބަރަށް ބާނާ މަސްކޮޅު ކިރާލުމުން ފައިސާ ދެވޭފަދަ ނިޒާމަކަށް މި ސަރުކާރުގެ ސިޔާސަތު އެކަށައަޅައި، އެ ސިޔާސަތުގެ ފޮނިމީރުކަން ލިބެން ފަށައިފި" - މޫސާ ފަތުޙީ އާދަމް
މޫސާ ފަތުޙީ އިތުރަށް ވިދާޅުވީ، މަސްވެރިކަމުގެ ސިނާޢަތަށް ހެވެއް އެދޭނަމަ، މި ސިނާޢަތް ކުރިއަށްދާނެ މަގުތައް މަގުފަހިކޮށްދޭންވާނެ ކަމަށެވެ. އަދި މަސްވެރިން ސިޔާސީ ހަރަކާތްތަކުގެ ތެރެއަށް ވެއްދުމުގެ މަސައްކަތް ކުރުމުގެ ޙާލަތެއް މިހާރު ނެތް ކަމަށްވެސް ވިދާޅުވިއެވެ.