ENGLISH
21 އޭޕްރީލު 2025
ނިމުނު އަހަރު ބޭރު ފައިސާއިން ލިބުނު އާމްދަނީ 12.5 އިންސައްތަ އިތުރުވެއްޖެ
12 ޖެނުއަރީ 2025
|
މީރާގެ ހިސާބުތައް ދައްކާ ގޮތުން ފާއިތުވި އަހަރު ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އޭގެ ކުރީ އަހަރަށްވުރެ 12.2 އިންސައްތަ އިތުރެވެ.
ފާއިތުވި އަހަރު މީރާއަށް ޓެކުހާއި އެނޫން ގޮތްގޮތުން ލިބުނު ބޭރު ފައިސާގެ އާމްދަނީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު 12.5 އިންސައްތަ އިތުރުވެފައިވާކަން އެ އިދާރާގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ.
މީރާއިން އާންމުކޮށްފައިވާ ޑިސެމްބަރު މަހުގެ މާލީ ހިސާބުތަކަށް ބަލާއިރު 2024 ވަނަ އަހަރު ބޭރު ފައިސާގެ އާމްދަނީގެ ގޮތުގައި ޖުމްލަ 1،058،483،941 (އެއްބިލިއަން ފަންސާސްއަށް މިލިއަން ހަތަރުލައްކަ އަށްޑިހަތިންހާސް ނުވަސަތޭކަ ސާޅީސްއެއް) ޑޮލަރު ލިބިފައިވެއެވެ.
މީރާގެ ހިސާބުތަކުން ފެންނަ ގޮތުގައި 2023 ވަނަ އަހަރު ބޭރު ފައިސާގެ އާމްދަަނީގެ ގޮތުގައި ލިބުނީ 949،741،273 (ނުވަސަތޭކަ ސާޅީސްނުވަ މިލިއަން ހަތްލައްކަ ސާޅީސްއެއްހާސް ދުއިސައްތަ ހަތްދިހަ ތިން) މިލިއަން ޑޮލަރެވެ.
ނިމުނު އަހަރު އެންމެ ބޮޑު އާމްދަނީއެއް ޑޮލަރުން ލިބުނީ ޓެކުހުގެ ގޮތުގަ އެވެ. އެގޮތުން ޓެކުހުގެ ގޮތުގައި މި އަހަަރު 819 މިލިއަން ޑޮލަރު ލިބުނެވެ. އޭގެ ކުރީ އަހަރު ޓެކުހުގެ ގޮތުގައި ބޭރު ފައިސާއިން ލިބުނީ 760 މިލިއަން ޑޮލަރެވެ.
އެހެންކަމުން ނިމުނު އަހަރު ޓެކުހުގެ ގޮތުގައި ލިބުނު ބޭރު ފައިސާގެ އަދަދު ވަނީ 2023 ވަނަ އަހަރާ އަޅާބަލާއިރު 7.7 އިންސައްތަ އިތުރުވެފައެވެ. ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީގެ ތެރެއިން އެންމެ ބޮޑަށް އިތުރުވީ ފަތުރުވެރިކަމުގެ ދާއިރާގެ ޓެކުސްތަކުން ލިބުނު އާމްދަނީއެވެ.
އެގޮތުން ޓީޖީއެސްޓީގެ ގޮތުގައި 2023 ވަނަ އަހަރު 824 މިލިއަން ޑޮލަރު ލިބުނުއިރު 2024 ގައި އެ އަދަދު ވަނީ 961.3 މިލިއަން ޑޮލަރަށް އިތުރުވެފައެވެ. އަދި ގްރީން ޓެކުހުގެ ގޮތުގައި ނިމުނު އަހަރު 109.4 މިލިއަން ޑޮލަރު ލިބުނުއިރު އޭގެ ކުރީ އަހަރު ލިބުނީ 81.9 މިލިއަން ޑޮލަރެވެ.
ޓެކުސް ނޫން ގޮތްގޮތުން ލިބުނު ބޭރު ފައިސާގެ އާމްދަނީ ވެސް 2024 ގައި އޭގެ ކުރީ އަހަރާ އަޅާބަލާއިރު 32 އިންސައްތަ އިތުރުވެފައިވެއެވެ. އެގޮތުން މީރާގެ ހިސާބުތައް ދައްކާ ގޮތުން ނިމުނު އަހަރު ޓެކްސް ނޫން ގޮތްގޮތުން 249.4 މިލިއަން ޑޮލަރު ލިބުނުއިރު 2023 ގައި ލިބުނީ 188.9 މިލިއަން ޑޮލަރެވެ.
ބޭރު ފައިސާއިން ލިބުނު އާމްދަނީގެ އިތުރަށް ދައުލަތުގެ ޖުމްލަ އާމްދަނީ ވެސް 2023 ވަނަ އަހަރަށްވުރެ ނިމުނު އަހަރު އިތުރުވިއެވެ. އެގޮތުން ނިމުނު އަހަރު އާމްދަނީގެ ގޮތުގައި ޖުމްލަ 27.8 ބިލިއަން ރުފިޔާ ލިބުނުއިރު އެއީ އޭގެ ކުރީ އަހަރު ލިބުނު 24.8 ބިލިއަނަށްވުރެ 12.2 އިންސައްތަ އިތުރު އަދަދެކެވެ.