ENGLISH
21 އޭޕްރީލު 2025
ދައުލަތުގެ ރިޒާވްގައި 821 މިލިއަން ޑޮލަރު، ބޭނުންކުރެވޭ ގޮތަށް 63 މިލިއަން ޑޮލަރު
12 ޖެނުއަރީ 2025
|
މަރުކަަޒީ ބޭންކު އެމްއެމްއޭ
ޑިސެމްބަރު މަހުގެ ނިޔަލަށް ދައުލަތުގެ ރަސްމީ ރިޒާވްގައި 821 މިލިއަން ޑޮލަރު ހުރިކަމަށާއި، އެއިން 63 މިލިއަން ޑޮލަރަކީ ބޭނުންކުރެވޭ ގޮތަށް ހުރި ފައިސާކަން މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)އިން އާންމުކޮށްފައިވާ ހިސާބުތަކުން ދައްކައިފިއެވެ.
މަހަކު އެއްފަހަރު މަރުކަޒީ ބޭންކުން އާންމުކުރާ ދައުލަތުގެ ރިޒާވްގެ ހިސާބުތަކަށް ބަލާއިރު ރަސްމީ ރިޒާވް އެސެޓުތަކުގެ ގޮތުގައި ޑިސެމްބަރު މަހުގެ ނިޔަލަށް ހުރީ 673.2 މިލިއަން ޑޮލަރެވެ. ރަސްމީ ރިޒާވް އެސެޓުތަކުގެ އިތުރަށް ރާއްޖޭގެ ބޭންކުތަކުގައި އިންވެސްޓުކޮށްފައި ހުރި ފައިސާ އާއި ރަސްމީ ރިޒާވް އެސެޓުގެ ތެރޭގައި ނުގުނާ ސެކިއުރިޓީސް އިންވެސްޓުމެންޓުތައް ޖުމްލަ ރިޒާވް ހިސާބުކުރާއިރު އެމްއެމްއޭއިން ހިމަނައެވެ.
އެގޮތުން ރާއްޖޭގެ ބޭންކުތަކުގައި އިންވެސްޓުކޮށްފައި ހުރި ފައިސާގެ ގޮތުގައި 146.3 މިލިއަން ޑޮލަރާއި، ރަސްމީ ރިޒާވްގައި ނުހިމެނޭ ސެކިއުރިޓީސް އިންވެސްޓުމެންޓުގެ ގޮތުގައި ހިމެނޭ 2.3 މިލިއަން ޑޮލަރާއެކު ޖުމްލަ 148.6 މިލިއަން ޑޮލަރު އަދި ބޭރު ފައިސާގެ އެހެނިހެން އެސެޓުގެ ގޮތުގައި އެމްއެމްއޭގެ ރިޒާވް ހިސާބުތަކުން ފެނެ އެވެ.
މި ފައިސާއާއެކު ދައުލަތުގެ ޖުމްލަ ރިޒާވްގަައި މިހާރު 821 މިލިއަން ޑޮލަރު އެބަހުއްޓެވެ. އަދި ކުރު މުއްދަތުގައި އަދާކުރަންޖެހޭ މާލީ އިލްތިޒާމުތައް (ޕްރިޑިޓާމައިންޑް ޝޯޓް ޓާމް ނެޓް ޑްރެއިންސް)ގެ ގޮތުގައި މާލީ ހިސާބުތަަކުން ދައްކާ 758.6 މިލިއަން ޑޮލަރު، ޖުމްލަ ރިޒާވްއިން އުނިކުރުމުން އަންނަ 63.2 މިލިއަން ޑޮލަރަކީ ދައުލަތުގެ ރިޒާވްގެ ތެރެއިން ބޭނުންކުރެވޭ ގޮތަށް ހުރި ފައިސާ ނުވަތަ ޔޫޒަަބަލް ރިޒާވްއެވެ.
ދައުލަތުގެ ދަރަނި އިންތިހާއަށް އިތުރުވުމާއި ބޭރު ފައިސާއިން ކުރަންޖެހޭ މުއާމަލާތްތައް ގިނަވުމުގެ ސަބަބުން ދައުލަތުގެ ރަސްމީ ރިޒާވްއަށް ފިއްތުން ބޮޑުވެ، ރިޒާވް ދަށްވަމުންދިއުމަކީ ރާއްޖޭގެ ކްރެޑިޓް ރޭޓިން ދަށްވުމުގެ މައިގަނޑު ސަބަބެވެ.
އެމްއެމްއޭއިންވަނީ އިންޑިޔާގެ ރިޒާވް ބޭންކާއެކު ކަރަންސީ ސްވޮޕު އެއްބަސްވުމެއް ހަދައި 400 މިލިއަން ޑޮލަރު ހޯދާފައެވެ. މި ފައިސާ ހަމަޖެހުމާއެކު ރިޒާވްގެ ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެފައިވެއެވެ. ރާއްޖޭގެ ބޭންކުތަކުގައި އިންވެސްޓުކޮށްފައިވާ ފައިސާއަކީ މި ކަރަންސީ ސްވޮޕުން ހަމަޖެހުނު ފައިސާއެވެ.
އަދި މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން، ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިތަަކުގެ އާމްދަނީގެ ވަކި އިންސައްތައެއް ބޭންކުތަކަށް މާރުކުރަން ފެށުމުން، އެ ލިބޭ ފައިސާގެ ތެރެއިން 60 އިންސައްތަ މަރުކަޒީ ބޭންކަށް ނަގަައި ރިޒާވްގެ ހާލަތު ރަނގަޅުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.