ENGLISH
21 އޭޕްރީލު 2025
ރަސްމީ ދަތުރުފުޅެެއްގައި ރައީސް އެސްޓޯނިއާ އަށް ވަޑައިގަންނަވަނީ
11 ޖެނުއަރީ 2025
|
އެސްޓޯނިއާގެ ރައީސް އަލާރ ކާރިސްގެ ދަޢުވަތަކަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އެ ގައުމަށް ރަސްމީ ދަތުރުފުޅެއް ކުރައްވާ ގޮތަށް ހަމަޖައްސަވައިފި އެވެ.
މި މަހު 13 އިން 16 އަށް ރައީސް މި ކުރައްވާ ދަތުރުފުޅަކީ ރާއްޖޭގެ ވެރިކަމުގައި ހުންނަވާ ރައީސަކު އެސްޓޯނިއާ އަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އަންނަ ހޯމަ ދުވަހު ރައީސް ފައްޓަވާ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް ޑިޖިޓަލް، ސައިބަރ އަދި އީ-ގަވަނަންސްގެ ދާއިރާ އިން އެއްބާރުލުން އިތުރު ކުރެއްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ އެވެ. މީގެ އިތުރުން ތިމާވެއްޓާއި ތަޢުލީމް އަދި ސައެންސްގެ ދާއިރާ އިން ރާއްޖެ އާއި އެސްޓޯނިއާއާ ދެމެދު އެއްބާރުން އިތުރު ކުރުމަށް ވެސް މަޝްވަރާ ކުރައްވާނެ އެވެ.
ރައީސްގެ ދަތުރުފުޅުގައި އެސްޓޯނިއާގެ އަލާ ކާރިސްގެ އިތުރުން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ރައީސް ހިޒް އެކްސެލެންސީ ލައުރީ ހުއްސަރު އާއި ތަޢުލީމާއި ބެހޭ ވަޒީރާއި ތިމާވެއްޓާ ބެހޭ ވަޒީރު އަދި ސިއްހަތާއި ބެހޭ ވަޒީރާ ބައްދަލު ކުރައްވާނެ އެވެ.
ރައީސްގެ ދަތުރުފުޅުގައި، އެސްޓޯނިއާގެ ސިޓީއެއް ކަމަށްވާ ޓާޓޫއަށް ވެސް ވަޑައިގަންނަވާނެ އެވެ. އެސްޓޯނިއާގެ ދެވަނަ އަށް އެންމެ ބޮޑު ސިޓީ ކަމަށްވާ ޓާޓޫ އަކީ ޓެކްނޮލޮޖީ އާ ގުޅުންހުރި ދާއިރާތަކުން ކުރިއަރާފައިވާ ސިޓީ އެކެވެ. ޓާޓޫއަށް ވަޑައިގެން، އެ ސިޓީގެ ޔުނިވާސިޓީއަށް ޒިޔާރަތް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ވިދާޅުވިއެވެ.
ރައީސްގެ ދަތުރުފުޅުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އާއި ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު އަލީ އިހްސާންގެ އިތުރުން ދިވެހި ސަރުކާރުގެ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވާނެ އެވެ.
އުތުރު ޔޫރަޕުގެ ގައުމެއް ކަމަށްވާ އެސްޓޯނިއާ އަކީ ޑިޖިޓަލް އިގްތިސާދެއް ޤާއިމްކޮށްފައިވާ ޓެކްނޮލޮޖީގެ ރޮނގުން ކުރިއަރާފައިވާ ގައުމެކެވެ. ޚާއްސަކޮށް، ޑިޖިޓަލް ގަވަނަންސްގެ ދާއިރާ އިން އެ ގައުމަކީ ދުނިޔޭގައި ފާހަގަ ކުރެވޭ ޤައުމެކެވެ.
ރާއްޖޭގައި ޑިޖިޓަލް އިޤްތިސާދެއް ގާއިމްކުރުމަކީ ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.