ENGLISH
05 ޖުލައި 2025
ތެޔޮ ލީކުވުމުގެ ކުއްލި ހާލަތުގައި އަމަލުކުރާނެގޮތުގެ ތަމްރީނެއް އީޕީއޭއިން ފަށައިފި
11 ޖެނުއަރީ 2025
|
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ)، މޯލްޑިވްސް ކޯސްޓް ގާޑް އަދި އޯސީޕީޕީގެ އެހީތެރިކަމާއެކު ތެޔޮ ލީކުވުމުގެ ކުއްލި ހާލަތުގައި އަމަލުކުރާނެ ގޮތުގެ މުހިންމު ތަމްރީނެއް ފަށައިފިއެވެ.
މި ތަމްރީން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ މިމަހު 5 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި މި ތަމްރީނުގައި މޯލްޑިވްސް ކޯސްޓް ގާޑްގެ އޮފިޝަލުންނާއި، އީޕީއޭގެ މުވައްޒަފުންނާއި، މިނިސްޓްރީ އޮފް ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ މުވައްޒަފުންގެ އިތުރުން ސްރީލަންކާ ކޯސްޓް ގާޑްގެ 10 ބައިވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.
މި ތަމްރީނުގައި އައިއެމްއޯ ލެވެލް 1 އިން 3 އަށާއި، އައިސީއެސް 100 އިން 300 އަށް، އަދި އެސްސީއޭޓީ މެނޭޖްމަންޓް ޓެކްނިކްސްގެ އިތުރުން ތެޔޮ ލީކުވުމުގެ ހާދިސާތައް ވައިގެ މަގުން ބަލައި ދެނެގަނެ، އެކަމަށް އަމަލުކުރާނެ ގޮތުގެ ޢަމަލީ ތަޖުރިބާ ހޯދުން ހިމެނެއެވެ.
މީގެ އިތުރުން، މި ތަމްރީނަކީ ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ ވަރަށް މުހިންމު މަސައްކަތެކެވެ. ޚާއްޞަކޮށް ތެޔޮ ލީކުވުމުގެ ހާދިސާތަކުގައި އަވަހަށް އަދި ހަރުދަނާކޮށް އަމަލުކުރުމަށް މި ތަމްރީނުން އެހީތެރިވެދޭނެއެވެ. އަދި މިއީ ސަރަޙައްދީ ފެންވަރުގައި ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާކޮށް، ގުޅުން ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.
މި ތަމްރީނު ނިމުމުން ބައިވެރިންނަށް ސެޓްފިކެޓް ދެވޭނެ ކަމަށް އީޕީއޭއިން މަޢުލޫމާތު ދެއެވެ.