ENGLISH

01 ސެޕްޓެމްބަރު 2025

Advertisement

ޑޯޓްމުންޑް ބަލިކޮށް، ލެވަކޫސަން ފަރަގު ކުޑަކޮށްފި

11 ޖެނުއަރީ 2025

|

މުޙައްމަދު އަދުހަމް

ޑޯޓްމުންޑް ކޮޅަށް ލަނޑު ޖެހުމަށް ފަހު ލެވަކޫސަންގެ ޝިކް (ކ) އާ ފްރިމްޕޮންގް އުފާ ފާޅުކުރަނީ. --ފޮޓޯ: ރޮއިޓާސް

ޖަރުމަން ލީގުގައި ރޭ ކުޅުނު މެޗުގައި ބޮރޫޝިއާ ޑޯޓްމުންޑް 3-2 އިން ބަލިކޮށް، ބަޔާ ލެވަކޫސަނުން ތާވަލްގެ ކުރީގަ އުޅޭ ބަޔާން މިއުނިކާ ދެމެދު އޮތް ފަރަގު ކުޑަކޮށްފިއެވެ.

މި ނަތީޖާއާއެކު، ލެވަކޫސަން ދެވަނައިގައި އޮތީ 16 މެޗުން 35 ޕޮއިންޓް ހޯދައިގެންނެވެ. އެއްވަނައިގައި އުޅޭ ބަޔާނަށް އެއް މެޗު މަދުން ކުޅެގެން 36 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތީ 15 މެޗުން 27 ޕޮއިންޓް ހަމަކޮށްގެން އެއިންޓްރަކްޓް ފްރޭންކްފާޓް އެވެ.

ރޭގެ މެޗަށް ނުކުތްއިރު ޑޯޓްމުންޑްގެ ބައެއް ކުޅުންތެރިން ހުމާއި ރޯގާ އަދި އަނިޔާގެ މައްސަލަތަކާ ހުރެ ނުކުޅެއެވެ.

ޑޯޓްމުންޑްގެ ސިގްނަލް އިޑޫނާ ޕާކްގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ 19 މިނެޓުގެ ތެރޭގައި ލެވަކޫސަނުން ވަނީ ތިން ލަނޑު ޖަހައިފައެވެ. ލެވަކޫސަނުން ލީޑު ނެގީ މެޗު ފެށިތާ 25 ވަރަކަށް ސިކުންތުގެ ތެރޭގައި ނޭތަން ޓެލާ ކާމިޔާބުކުރި ގޯލުންނެވެ.

އަދި، އޭގެފަހުން، މެޗުގެ 8 ވަނަ މިނެޓުގައި ޕެޓްރިކް ޝިކް ވަނީ ކައުންޓަރއެޓޭކެއްގައި ލެވަކޫސަންގެ ލީޑު ދެ ލަނޑަށް ބަދަލުކޮށްލާފައެވެ.

މެޗުގެ 12 ވަނަ މިނެޓުގައި ޑޯޓްމުންޑްގެ އިނގިރޭސި ވިންގް، ޖޭމީ ގިޓެންސް ފަރަގު ކުޑަކޮށްދިނެވެ. އެކަމަކު، އޭގެފަހުން، މެޗުގެ 19 ވަނަ މިނެޓުގައި ޝިކް ވަނީ އިތުރު ލަނޑެއްޖަހައި، ލެވަކޫސަންގެ ދެ ލަނޑުގެ ލީޑު ދަމަހައްޓައިފައެވެ. މިއީ ލީގުގައި އޭނާ ޖެހި 11 ވަނަ ގޯލެވެ.

ދެވަނަ ހާފުގައި ޑޯޓްމުންޑުން ލަނޑެއް ޖަހަން ކުރި މަސައްކަތުގެ ތެރެއިން، މެޗުގެ 79 ވަނަ މިނެޓުގައި އެ ޓީމުގެ ގިނީ ފޯވާޑް، ސެރްހޫ ގިރާސީ ވަނީ ލިބުނު ޕެނަލްޓީއަކުން ނަތީޖާ 3-2 އަށް ބަދަލުކޮށްލާފައެވެ.

މިއީ މި ފަހަރުގެ ލީގުގައި އަމިއްލަ ދަނޑުގައި ޑޯޓްމުންޑް ބަލިވި ފުރަތަމަ ފަހަރެވެ. މި ބައްޔާއެކު، ޑޯޓްމުންޑް އޮތީ ތާވަލްގެ ހަވަނައިގައެވެ. އެ ޓީމަށް ލިބިފައިވަނީ 16 މެޗުން 25 ޕޮއިންޓެވެ.

ކިޔުންތެރިންގެ ހިޔާލު