ENGLISH

14 ޑިސެމްބަރު 2025

Advertisement

ދިވެހި ކުދި ވިޔަފާރިތަކަށް ޖަޕާނުގެ ބާޒާރުގައި އިތުރު ފުރުސަތުތުތައް ފަހިކޮށްދޭނަން: ސަފީރު މަހުލޫފު

14 ޑިސެމްބަރު 2025

|

މަރިޔަމް ލީމް

ދިވެހި ކުދި ވިޔަފާރިތައް ކުރިއެރުވުމަށް ޖަޕާނުގެ ބާޒާރުގައި އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައެޅުއްވި ސަފީރު، އަޙްމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޒިޔާއު މުހައްމަދު އާ އެކު މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން މަހުލޫފް ވިދާޅުވީ ކުދި ވިޔަފާރިތަކަށް ޖަޕާނުގައި ފުރުސަތުތައް ހޯދައިދިނުމަށް މަސައްކަތް ކުރައްވާނެކަމަށާއި ވިޔަފާރީގެ ދާއިރާއިން އިންސާނީ ވަސީލަތްތައް އިތުރުކުރުމާއެކު، ތަމްރީނާއި ތަޖުރިބާގެ ފުރުސަތުތައް ފަހިކޮށްދޭނެކަމަށެވެ.

ސަފީރު މަހުލޫފު ވިދާޅުވީ ބީސީސީގެ ފަރާތުން ޖަޕާނުގެ ނަރީޓާ އާއި ކަންސާއީގައި ކުރިޔަށްގެންދާ ވިޔަފާރި ފުޅާކޮށް ތަރައްޤީކުރުމަށް އެހީތެރިވެވަޑައިގަންނަވާނެ ކަމަށެވެ.

އަދި ހަމައެއާއެކު، ބީސީސީގެ އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތައް ކުރިއެރުވުމާއެކު، ރާއްޖޭގެ ކުދި ވިޔަފާރަވެރިންގެ އުފެއްދުންތައް ޖަޕާނުގައި މާކެޓްކޮށް ވިއްކުމާ ގުޅޭ މަސައްކަތްތައް ކުރައްވާނެ ކަމަށެވެ.

އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އެއާޕޯޓްތަކުގެ އިތުރުން، ޖަޕާނުގެ އެހެން ތަންތަނުގައިވެސް ދިވެހީންގެ އުފެއްދުންތައް ވިއްކޭނެގޮތް ހަމަޖެއްސެވުމަށްކަން ފާހަގަކުރައްވާ، މަހުލޫފް ވަނީ ކުދި ވިޔަފާރިތައް ތަރައްޤީ ކުރުމަށް ބީސީސީން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވައިފައެވެ. އަދި މި މަސައްކަތަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ޑިޕްލޮމެޓިކް އަދި މާލީ އެއްބާރުލުން ލިބެނިވި ކަންކަމަށް މަގުފަހި ކުރެއްވުމަށްޓަކައި ރާއްޖޭގެ އުފެއްދުންތެރިންނާއި ޖަޕާނުގެ ވިޔަފާރިވެރިންނާ އެކު ޚާއްޞަ ޙަރަކާތްތައް ހިންގުމަށް ރާވާފައިވާކަމަށް ވެސް ވިދާޅުވިއެވެ.

އަދި ހަމައެހެންމެ، ރާއްޖެ އާއި ޖަޕާނުގެ ކަމާ ގުޅުންހުރި ފަރާތްތަކުގެ މެދުގައި މުޢާމަލާތް ކުރެވޭނެ މަގު ފަހުކުރުމަށް އިސްކަން ދެއްވުމާއެކު، ދެމެހެއްޓެނިވި ގޮތުގައި ދިވެހީން ކުރާ މަސްވެރިކަމާއި، ރާއްޖޭގައި އުފައްދާ މަސްވެރިކަމުގެ ބާވަތްތައް ފަސޭހައިން ޖަޕާނުގައި ވިއްކޭނެ ފުރުސަތު ހޯއްދަވައިދެއްވުމަށް ވެސް މަސައްކަތް ކުރައްވާނެކަމަށް މަޙްލޫފް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު