ENGLISH
16 ޖޫން 2026
ސްވިޑަން އަތުން ބޮޑު ތަފާތަކުން ބަލިވުމާ ގުޅިގެން ޓިއުނީޝިއާގެ ކޯޗު ވަކިކޮށްފި
16 ޖޫން 2026
|
ޓިއުނީޝިއާގެ ހެޑް ކޯޗުގެ މަގާމުން ވަކިކުރި ސަބްރީ ލަމޫޗީ --
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގައި ޓިއުނީޝިއާއިން ކުޅުނު ފުރަތަމަ މެޗުން ސްވިޑަން އަތުން 5-1 ގެ ނަތީޖާއަކުން ބަލިވުމާ ގުޅިގެން، އެ ޓީމުގެ ހެޑް ކޯޗު ސަބްރީ ލަމޫޗީ މަގާމުން ވަކިކޮށްފިއެވެ.
ޓިއުނީޝިއާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ކޯޗު ސަބްރީ ލަމޫޗީ މަގާމުން ވަކިކުރުމަށް ރަސްމީކޮށް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އަދި ވަގުތީ ގޮތުން ގައުމީ ޓީމުގެ ކޯޗުކަމުގެ މަގާމަށް މުންދިރު ކަބައިރު އައްޔަންކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެ އެސޯސިއޭޝަނުން ހާމަކޮށްފައިވެއެވެ.
ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި އަންނަ ހޮނިހިރު ދުވަހު ޓިއުނީޝިއާ ނުކުންނާނީ ޖަޕާނާ ދެކޮޅަށެވެ. އޭގެ ފަހުން އެ ޓީމު ބައްދަލުކުރާނީ ނެދަލެންޑްސްއާއެވެ.
މިދިޔަ ޖެނުއަރީ މަހު މަގާމާ ހަވާލުވި ލަމޫޗީގެ އިރުޝާދުގެ ދަށުން ޓިއުނީޝިއާ ކުޅުނީ އެންމެ ފަސް މެޗެވެ. އޭނާގެ އިރުޝާދުގެ ދަށުން އެ ޓީމަށް ލިބުނު ހަމައެކަނި މޮޅަކީ ހައިޓީއާ ދެކޮޅަށް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ލިބުނު މޮޅެވެ.
ނޮޓިންހަމް ފޮރެސްޓުގެ ކުރީގެ ކޯޗު ލަމޫޗީއަކީ މީގެ ކުރިން 2014 ވަނަ އަހަރުގެ ވޯލްޑް ކަޕުގައި އައިވަރީ ކޯސްޓަށްވެސް އިރުޝާދުދިން ކޯޗެކެވެ. އެ ފަހަރު އައިވަރީ ކޯސްޓް ކެޓީ ގްރޫޕް ސްޓޭޖުންނެވެ.
މި ނިންމުމަކީ ކުއްލި ސިހުމެއް ލިބިގެންދިޔަ ނިންމުމެކެވެ. ވޯލްޑް ކަޕް ކުރިއަށްދަނިކޮށް ކޯޗަކު މަގާމުން ވަކިކުރުމަކީ އާންމުކޮށް ފެންނަ ކަމެއް ނޫނެވެ. ނަމަވެސް މުބާރާތުގެ ކުރިން ބެލްޖިއަމް އަތުން 5-0 ގެ ނަތީޖާއަކުން ބަލިވި މެޗަށްފަހު ޓީމުގެ ތެރޭގައި ހިތްހަމަނުޖެހުންތަކެއް ހުރިކަމުގެ އަޑުތައް ވަނީ ފެތުރިފައެވެ.
މިއީ ޓިއުނީޝިއާގެ ފުޓްބޯޅަ ތާރީޚުގައި މިފަދަ ކަމެއް ހިނގި ފުރަތަމަ ފަހަރެއް ނޫނެވެ. 1998 ވަނަ އަހަރުގެ ވޯލްޑް ކަޕުގައިވެސް ނަތީޖާތައް ދަށްވުމުގެ ސަބަބުން ހެންރީކް ކަސްޕަރްޒަކް ވަނީ މަގާމުން ވަކިކޮށްފައެވެ. ނަމަވެސް އެ ފަހަރު އޭނާއަށް ދެ މެޗުގެ ފުރުސަތުދިނެވެ.
މީގެ އިތުރުން އެ މުބާރާތުގައި ދެކުނު ކޮރެއާގެ ޗާބުމްކުންވެސް މަގާމުން ވަކިކުރިއިރު، 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް ފެށެން އެންމެ ދެ ދުވަހަށް ވެފައިވަނިކޮށް ސްޕެއިންގެ ކޯޗު ހޫލެން ލޮޕެޓެގީވެސް ވަނީ މަގާމުން ވަކިކޮށްފައެވެ. އެއީ އޭނާ ރެއާލް މެޑްރިޑުގެ ކޯޗުކަމާ ހަވާލުވާން ނިންމިކަން އިއުލާންކުރުމާ ގުޅިގެންނެވެ.
އެހެންކަމުން މިއީ ލަމޫޗީއަށް ލަދުވެތި ކަމަކަށްވީ ނަމަވެސް، މިއީ މީގެ ކުރިންވެސް ފުޓްބޯޅައިގެ ބޮޑެތި މުބާރާތްތަކުގައި ހިނގާފައިވާ ފަދަ ކަމެކެވެ.