ENGLISH
16 ޖޫން 2026
ޔޫރަޕުގެ ގަދަބާރު ސްޕެއިން ހުއްޓުވައި، ކާބޯ ވާޑޭއަށް ތާރީޚީ ޕޮއިންޓެއް
15 ޖޫން 2026
|
ކާބޯ ވާޑޭގެ ގޯލްކީޕަރު ވޮޒީނިއާ: ސްޕެއިން މޮޅުވުމަށް އެންމެ ބޮޑު ހުރަހަކަށްވި ކީޕަރު ވަނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައި --- ފޮޓޯ: ގެޓީ
އެންމެ މަޤްބޫލު
ފީފާ ވޯލްޑް ކަޕް 2026 ގައި ޔޫރަޕުގެ ގަދަބާރު ސްޕެއިން ހުއްޓުވައި، ކާބޯ ވާޑޭއިން ތާރީޚީ ޕޮއިންޓެއް ހޯދައިފިއެވެ.
މިރޭ ކުޅުނު ގްރޫޕް އެޗްގެ ފުރަތަމަ މެޗުގައި ޔޫރަޕުގެ ޗެމްޕިއަން ސްޕެއިނާއި ދެކޮޅަށް ނުކުތީ ފުޓްބޯޅައިގެ ތާރީޚުގައިވެސް އަލަށް ވޯލްޑް ކަޕަށް ކޮލިފައިވި ކާބޯ ވާޑޭއެވެ. މި މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
ޖޯޖިއާގެ އެޓްލާންޓާ ސްޓޭޑިއަމުގައި ކުޅުނު މި މެޗު އެއްކޮށް ޑޮމިނެޓުކޮށްގެން ކުޅުނީ ސްޕެއިނުންނެވެ. އަދި ލަނޑު ޖަހާނެ ގިނަ ފުރުސަތުތައްވެސް ތަނަވަސްކުރަމުން އައީ ތަޖުރިބާކާރު މޮޅު ކުޅުންތެރިންތަކެއް ތިބި ސްޕެއިނުންނެވެ. ނަމަވެސް އެ ޓީމުން ކާބޯ ވާޑޭގެ ގޯލަށް ފޮނުވާލި ގިނަ ހަމަލާތަކެއް ދިފާއުކޮށްފައި ވަނީ އުމުރުން 40 އަހަރުގެ ދުވަސްތައް ގުނަމުން އަންނަ ގޯލްކީޕަރު ވޮޒީނިއާއެވެ.
ވޯލްޑް ކަޕުގައި ކަބޯ ވާޑޭ އާއި ސްޕެއިން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
ފުރަތަމަ ހާފު ނިމި، ދެވަނަ ހާފުގައިވެސް ސްޕެއިން ގިނަ ވަގުތު ބޯޅަ ގެންގުޅުނީ ކާބޯ ވާޑޭގެ ގޯލް އޭރިއާގެ ތެރޭގައެވެ. އެހެން ނަމަވެސް ރަނގަޅު ހަމަލާއެއް ފޮނުވާލެވިަފައެއް ނުވެއެވެ. މެޗުން ނިމެން ދިޔަދިޔަހެން ޓީމު ޕްރެޝަރަށް ވެއްޓޭތަން ފެނިގެންދިޔަ ނަމަވެސް، ކުޅުންތެރިން ބަދަލުކުރަން ފެށީވެސް ފަހު 20 މިނެޓަށް ވީމައެވެ. އެގޮތުން ލަމީން ޔަމާލް ނިކުތުމާއެކު ރަނަގަޅު ފުރުސަތުތަކެއް ސްޕެއިނަށް ތަނަވަސްކޮށްދިނެވެ. ނަމަވެސް ނިންމާލުމުގައި ސްޕެއިން ވީ ނާކާމިޔާބެވެ. ނަތީޖާއެއްގެ ގޮތުން އެއްވެސް ލަނޑެއް ނުޖެހި މެޗު ނިމުނީ އެއްވަރުވެގެންނެވެ.
ސްޕެއިން އަތުން ތާރީޚީ ޕޮއިންޓެއް ހޯދި ކާބޯ ވާޑޭގެ ފުޓްބޯޅައިގެ ހާލަތު ބިނާވެފައިވަނީ އެ ގައުމުގެ އިސްތިއުމާރީ މާޒީގެ މައްޗަށެވެ. އެގޮތުން އެ ގައުމަށް ޕޯޗުގަލްގެ ކިބައިން މިނިވަންކަން ލިބުނީ 1975 ވަނަ އަހަރުގައެވެ. ކާބޯ ވާޑޭގެ ގިނަ އަދަދެއްގެ ބަޔަކު ގައުމުން ބޭރުގައި ދިރިއުޅެމުންދާއިރު، އެ ގައުމުގެ ގައުމީ ޓީމުގައި ބޮޑަށް ހިމެނެނީ ޕޯޗުގަލްއަށް އުފަންވެ، އެ ގައުމުގެ ފުޓްބޯޅައިގެ ތެރެއިން ކުރިއަރާފައިވާ ކުޅުންތެރިންނެވެ.
ވޯލްޑް ކަޕުގައި ކަބޯ ވާޑޭ އާއި ސްޕެއިން ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ
މި ނަތީޖާއަކީ ދުނިޔޭގެ ރޭންކިންގެ ދެވަނައިގައި އޮތް، ސްޕެއިނަށް ލަދުވެތި ނަތީޖާއެކެވެ. ނަމަވެސް މިއީ 67 ވަނަ ރޭންކިންގައި އޮތް، 525،000 މީހުންގެ އާބާދީއެއް އޮންނަ ކާބޯ ވާޑޭއަށް ތާރީޚީ ކާމިޔާބީއެކެވެ. އަދި ކުރިއަށްހުރި މެޗުތަކަށް ލިބިގެންދިޔަ އިތުބާރެއްވެސްމެއެވެ.
މުޅި މެޗުގައި އެޓޭކިން ކުޅުމެއް ކުޅަމުން އައި ސްޕެއިނުން މެޗުގައި މުހިންމު ގިނަ ކުޅުންތެރިން ތިބީ ބެންޗުގައެވެ. އެގޮތުން ދުނިޔޭގެ ތަރި ލަމީން ޔަމާލާއި، ނިކޯ ވިލިއަމްސް، އަދި ޑެނީ އަލްމޯ ފަދަ ޒުވާން ކުޅުންތެރިން ހިމެނެއެވެ. ސަބަބަކީ މި ކުޅުންތެރިން އަނިޔާއިން މުޅިން ރިކަވަރ ނުވާތީއެވެ. ނަމަވެސް މެޗުގެ ފަހު ވަގުތުކޮޅުގައި މި ކުޅުންތެރިން ދަނޑުމަތިން ފެނިގެންދިޔައެވެ. އެވަގުތު ކޮޅު ކާބޯ ވާޑޭގެ ގޯލަށް ނުރައްކާކުރި މިންވަރު އިތުރުވިކަން ފާހަގަވިއެވެ.