ENGLISH

16 ޖޫން 2026

Advertisement

ކިޑްސަލް: އެލީޓް، އެސްޕަޔަރ، ވެލެންސިއާ އަދި ނިއު ރޭޑިއަންޓަށް މޮޅެއް

16 ޖޫން 2026

|

އިސްމާއިލް ޝާހު

ކިޑްސަލްގައި އެލީޓް އާއި ސްޓަރސް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

ކްލަބް މޯލްޑިވްސް ފުޓްސަލް ސީޒަންގައި ހިމެނޭ ކިޑްސަލް 2026 ގައި އިއްޔެ ކުޅުނު މެޗުތަކުން އެލީޓް އެކެޑަމީ، އެސްޕަޔަރ އެކެޑަމީ، ކުލަބު ވެލެންސިއާ އަދި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު މޮޅުވެއްޖެއެވެ.

ހުޅުމާލެ ރެހެންދި ފުޓްސަލް ދަނޑުގައި ކުރިއަށްދާ މި މުބާރާތަކީ ކުލަބު މޯލްޑިވްސްއިން މުޅިން އަލަށް ބާއްވާ މުބާރާތެކެވެ. މި މުބާރާތް ޚާއްސަ ކުރެވިފައިވަނީ އެކެޑަމީތަކުގެ 15 އަހަރުން ދަށުގެ އުމުރުފުރައިގެ ކުޅުންތެރިންނަށެވެ.

މި މުބާރާތުގައި 10 ޓީމު ވާދަކުރާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު ގްރޫޕް އޭގެ މެޗުން އެލީޓް މޮޅުވީ ސްޓަރސް އެކެޑަމީ އަތުން ފަސޭހަކަމާއެކު 8-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި އެލީޓުގެ މުޙައްމަދު ރައުޝާމް ރަމީޒް ފަސް ލަނޑު ޖެހިއިރު، އެ ޓީމުގެ އާދު ބިން މުޙައްމަދު ނިޔާޒް ވަނީ ހެޓްރިކެއް ހަދާފައެވެ.

ކިޑްސަލްގައި ވެލެންސިއާ އާއި ވިލިމާލެ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

މި ގްރޫޕުގެ އަނެއް މެޗުގައި ރޭ ވެލެންސިއާއިން ވަނީ 3-0 ގެ ނަތީޖާއަކުން ވިލިމާލެ ޔުނައިޓެޑް ބަލިކޮށްފައެވެ. މި މެޗުގައި ވެލެންސިއާގެ ލަނޑުތައް ކާމިޔާބުކޮށްދިނީ އިބްރާހީމް އިޔާސް ބިން ހަސަން، އަޙްމަދު އުލްވާން އަބްދުލް ރަހީމް އަދި އަލީ އަޒީން އާދިލެވެ.

މި ނަތީޖާތަކާއެކު ގްރޫޕް އޭގެ އެއްވަނައިގައި ވެލެންސިއާ އޮތީ ކުޅުނު ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް އެލީޓް އެކެޑަމީއަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ވިލިމާލެއަށް ދެ މެޗުން ވަނީ ތިން ޕޮއިންޓް ލިބިފައެވެ. އަދި ހަތަރުވަނައިގައި އޮތް ބީޖީ ސްޕޯޓްސްއަށް ދެ މެޗުން އެންމެ ޕޮއިންޓެއް ލިބިފައިވާއިރު، ފުލުގައި އޮތް ސްޓަރްސްއިން މިހާތަނަށް ކުޅުނު ތިން މެޗުންވެސް ބަލިވުމާއެކު، އެ ޓީމަށް އަދި ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ކިޑްސަލްގައި އެސްޕަޔަރ އާއި އެޗްވައިއެސްސީ ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

މީގެ އިތުރުން މި މުބާރާތުގެ ގްރޫޕް ބީގައި އިއްޔެ ހަވީރު އެސްޕަޔަރއިން ވަނީ 6-2 ގެ ނަތީޖާއަކުން ހުޅުމާލެ ޔޫތު އެންޑް ސްޕޯޓްސް ކުލަބު (އެޗްވައިއެސްސީ) ބަލިކޮށްފައެވެ. މި މެޗުގައި އެސްޕަޔަރގެ ލަނޑުތައް ޖަހައިދިނީ އަޙްމަދު އާހިލް ހުސައިން، ޔަލްސަން ބިން ހިސާން، އަންމާރު ބިން ނަވާޒް އަދި މުޙައްމަދު ޔަންނި އަބްދުالله އެވެ. މީގެ ތެރެއިން އާހިލް އާއި ޔަލްސަން ވަނީ ކޮންމެ ކުޅުންތެރިއަކު ދެ ލަނޑު ޖަހާފައެވެ. އެޗްވައިއެސްސީގެ ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ އަބްދުލް ބާސިތު ބިން އަބްދުލް ވާހިދެވެ.

މި ގްެރޫޕުގައި ދެން ކުޅުނު މެޗުގައި ރޭ ނިއު ރޭޑިއަންޓުން ވަނީ 8-2 ގެ ނަތީޖާއަކުން އެޑްވެންޗަރސް އެކެޑަމީ ބަލިކޮށްފައެވެ. މި މެޗުގައި ނިއު ރޭޑިއަންޓުގެ މުޙައްމަދު އަޒުހާން އަލީ ހެޓްރިކް ހެދިއިރު، އެ ޓީމުގެ އަނެއް ލަނޑުތައް ޖަހައިދިނީ މުޙައްމަދު ޔަމަކް ނަޝީދު، ރާއިޝް ރަމީޒް، އާއްރެ އިލްމާރި އިލައޭ ކޮޓާލާ، މާން އިބްރާހީމް ޝަހީލް އަދި ހަސަން އަޒާން އަލީއެވެ. މި މެޗުގައި އެޑްވެންޗަރސްގެ ދެ ލަނޑުވެސް ކާމިޔާބުކޮށްދިނީ ޒައުލް ބިން އިބްރާހީމް ދީދީއެވެ.

ކިޑްސަލްގައި ނއިު ރޭޑިއަންޓާއި އެޑްވެންޗަރސް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ފޮޓޯ މާސްޓަރ

މި ނަތީޖާތަކާއެކު ގްރޫޕް ބީގެ އެއްވަނައިގައި ނިއު ރޭޑިއަންޓާއި، ދެވަނައިގައި އޮތް އެސްޕަޔަރއަށް ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް ބިސް ބުރު ސްޕޯޓްސްއަށް ދެ މެޗުން ވަނީ ތިން ޕޮއިންޓް ލިބިފައެވެ. އަދި ހަތަރުވަނައިގައި އޮތް އެޗްވައިއެސްސީ އާއި ފުލުގައި އޮތް އެޑްވެންޗަރސްއަށް ވަނީ ތިން މެޗުން ޕޮއިންޓެއް ލިބިފައެވެ.

ކިޑްސަލްގެ ކުޅުން ކުރިއަށްދަނީ ކޮންމެ ގްރޫޕަކުންވެސް އެންމެ ކުރި ހޯދާ ހަތަރު ޓީމު ކުއާޓާ ފައިނަލަށް ދަތުރުކުރާ ގޮތަށެވެ. މި މުބާރާތުގެ މެޗެއް ދެން ކުޅޭނީ އަންނަ ބުދަ ދުވަހުއެވެ.

  • ބީޖީ ސްޕޯޓްސް - ވިލިމާލެ ޔުނައިޓެޑް (17:00)
  • ބިސް ބުރު - ނިއު ރޭޑިއަންޓް (17:00)
  • އެލީޓް އެކެޑަމީ - ކުލަބު ވެލެންސިއާ (20:30)
  • އެސްޕަޔަރ އެކެޑަމީ - އެޑްވެންޗަރސް އެކެޑަމީ (20:30)
ކިޔުންތެރިންގެ ހިޔާލު