ENGLISH

16 ޖޫން 2026

Advertisement

ބެލްޖިއަމް އާއި މިސްރުގެ ކުރިމަތިލުން އެއްވަރު

16 ޖޫން 2026

|

އިސްމާއިލް ޝާހު

ވޯލްޑް ކަޕުގައި ބެލްޖިއަމް އާއި މިސްރު ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: އޭޕީ

ފީފާ ވޯލްޑް ކަޕް 2026 ގެ ގްރޫޕް ޖީގައި ބެލްޖިއަމް އާއި މިސްރު ބައްދަލުކުރި މެޗު އެެއްވަރުވެއްޖެއެވެ. ވޮޝިންޓަންގެ ސިއެޓަލް ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވެގެންނެވެ.

މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ މިސްރުންނެވެ. މެޗުގެ 20 ވަނަ މިނެޓުގައި ކެޕްޓަން މުޙައްމަދު ސަލާހު ދިން ބޯޅައަކުން، އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މި ލަނޑު ޖަހައިދިނީ އިމާމް އާޝޫރެވެ. މި މެޗުގައި ސަލާހު އެސިސްޓެއް ހެދިއިރު، މިއަދަކީ އޭނާގެ 34 ވަނަ އުފަން ދުވަހެވެ.

ވޯލްޑް ކަޕުގައި ބެލްޖިއަމް ކޮޅަށް ލަނޑު ޖެހުމަށްފަހު މިސްރުގެ ކުޅުންތެރިން އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ

މި މެޗުގެ ދެވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް، ބެލްޖިއަމުން ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެ ޓީމުން ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗުގެ 66 ވަނަ މިނެޓުގައެވެ. ބެލްޖިއަމުން ބަދަލަކަށް ރޮމެލޫ ލުކާކޫ ކުޅެން އެރިތާ މާ ގިނަ އިރުތަކެއް ނުވަނީސް އޭނާގެ ނުފޫޒާއެކު ވަން މި ލަނޑަކީ މިސްރުގެ މުޙައްމަދު ހާނީ ފައިގައި ޖެހިފައި ބައިކޮޅަށް ވަން ލަނޑެކެވެ.

މި މެޗުން މިސްރު އެއްވަރުވިއިރު، މިހާތަނަށް ހަތަރު ވޯލްޑް ކަޕެއްގައި ވާދަކޮށް އަދި އެ ޓީމަށް މޮޅެއް ހޯދިފައެއް ނުވެއެވެ. އެގޮތުން އެންމެ ފުރަތަމަ 1934 ވަނަ އަހަރު ވޯލްޑް ކަޕެއްގައި ވާދަކުރި މިސްރުން ވަނީ އެ އަހަރުގެ އިތުރުން 1990، 2018 އަދި މި އަހަރުގެ ވޯލްޑް ކަޕުގައި މިހާތަނަށް 8 މެޗު ކުޅެފައެވެ. މީގެ ތެރެއިން 3 މެޗު އެއްވަރުވިއިރު، އަނެއް 5 މެޗުން ވަނީ ބަލިވެފައެވެ.

ކިޔުންތެރިންގެ ހިޔާލު