ENGLISH

21 އޭޕްރީލު 2025

Advertisement

ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ޗައިނާގެ ޚާރިޖީ ވަޒީރު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

10 ޖެނުއަރީ 2025

|

ހަސަން އާމިރު

ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔި އާއި ރައީސުލްޖުމްހޫރިއްޔާ ބައްދަލު ކުރައްވަނީ. --ފޮޓޯ: ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ އިޙްތިރާމްގެ ޒިޔާރަތެއް މިއަދު ހަވީރު ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ދިވެހި ރާއްޖެ އަށް ޒިޔާރަތްކުރެއްވީތީ ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ އަށް މަރުހަބާ ދަންނަވައި އަދި ޝުކުރު އަދާކުރައްވައިފައެވެ.

ދިވެހި ރާއްޖޭގެ ތަރައްޤީ އަށް ޗައިނާ އިން ވެދެއްވާ ދީލަތި އެހީތެރިކަމާއި ދެ ގައުމުގެ މެދުގައި އޮތް ގާތް ގުޅުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޗައިނާގެ ޚާރިޖީ ވަޒީރަށް ޝުކުރު އަދާކުރައްވައިފައެވެ. މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރައީސުލްޖުމްހޫރިއްޔާ ޗައިނާ އަށް ކުރެއްވި ދަތުރުފުޅަށް އިޝާރާތް ކުރައްވައި އެމަނިކުފާން ވިދާޅުވީ އެއީ ވަރަށް ކާމިޔާބު އަދި ދެ ގައުމުގެ ގުޅުން އިތުރު ފަރުފަތަކަށް ގެންދިޔަ ދަތުރުފުޅެއް ކަމަށެވެ. 

ޗައިނާ އާއި ދިވެހި ރާއްޖެއާ ދެމެދު ގާއިމްކޮށްފައިވާ އެއްބަސްވުންތަކާ އެއްގޮތަށް ތަރައްގީގެ މަޝްރީޢުތައް ކުރިއަށް ގެންދިއުމުގެ މުހިންމުކަން ރައީސް ވަނީ ފާހަގަ ކުރައްވައިފައެވެ. މި ގޮތުން ޗައިނާގެ އެހީގައި ކުރިއަށް ގެންދާ ރާއްޖޭގެ ސޯޝަލް ހައުސިން މަޝްރޫޢުތަކާއި މާލޭގެ މަގު ހެދުމުގެ މަސައްކަތް ފާހަގަ ކުރައްވައި ރައީސް ވަނީ އެއީ ރާއްޖެ އަށް ބޭނުންވާ މުހިންމު މަޝްރޫޢުތަކެއް ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކޮށް މަސްވެރިކަމާއި ދަނޑުވެރިކަން ފަދަ ސިނާއަތްތައް ކުރިއެރުވުމަށް މި ސަރުކާރުން ދެއްވާ އަހުމިއްޔަތު ބޮޑުކަމަށާއި މި ސިނާޢަތްތައް ކުރިއެރުވުމަށް ޗައިނާގެ އެހީތެރިކަން ބޭނުންވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. 

މި ބައްދަލުކުރެއްވުމުގައި ޗައިނާގެ ޚާރިޖީ ވަޒީރު ވަންގް ޔީ ދެއްކެވި ވާހަކަފުޅުގައި ޗައިނާ އާއި ދިވެހި ރާއްޖޭގެ ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވައި މަސައްކަތްޕުޅު ފާހަގަކުރައްވައި އެކަމަށް ވަނީ ޝުކުރު އަދާކުރައްވައިފައެވެ. ޗައިނާ ސަރުކާރުން ގެންގުޅޭ "ވަން ޗައިނާ" ސިޔާސަތަށް ރާއްޖޭން ތާއީދުކުރާކަން ފާހަގަކުރައްވައި، ވަންގް ޔި ވިދާޅުވީ ސައިޒުގެ ގޮތުން ދެ ގައުމުގެ ކިތަންމެ ތަފާތުވި ނަމަވެސް، ދެ ގައުމު ގުޅިގެން ތަރައްގީ އާއި ކުރިއެރުމަށް މަސައްކަތް ކުރެވޭނެކަން ރާއްޖެ އާއި ޗައިނާ އިން ސާބިތުކޮށްދީފައިވާ ކަމަށެވެ.

ދިވެހި ރާއްޖޭގެ ތަރައްޤީއާ މެދު ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ތަޞައްވަރު ފާހަގަ ކުރައްވައި ރާއްޖޭގެ ތަރައްޤީ އަށް ޗައިނާ އިން އަބަދުވެސް އެހީތެރިވެދެއްވާނެކަމުގެ ޔަގީންކަން ވަންގް ޔީ ވަނީ ދެއްވައިފައެވެ. ޗައިނާގެ އެހީގައި ރާއްޖޭގައި ކުރިއަށް ގެންދާ މަޝްރޫޢުތައް ހަލުވި ކުރުމުގައި އެހީތެރިކަން ދެއްވާނެ ކަމަށް ވެސް ޗައިނާގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

މި ބައްދަލުވުން ނިންމަވާލެއްވީ ރައީސުލްޖުމްހޫރިއްޔާ ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރި ޗައިނާ-މޯލްޑިވްސް ކޮމްޕްރެހެންސިވް ސްޓްރެޓެޖިކް ކޯޕަރޭޝަން ޕާޓްނަޝިޕް އެއްބަސްވުން ކުރިއަށް ގެންދަވާނެ ކަމުގެ ޔަގީންކަން ދެބޭފުޅުން ވެސް ދެއްވަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު