ENGLISH
21 އޭޕްރީލު 2025
ހުވަދު އަތޮޅުގެ މަސްވެރި އާއިލާތައް މިހާރު ތިބީ އުފަލުން: މިނިސްޓަރު ޝިޔާމް
10 ޖެނުއަރީ 2025
|
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް.
މަސްވެރިންގެ ހައްގުތައް ހޯދައިދެއްވުމަށާއި މަސްވެރިންނަށް ފަސޭހަ ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި މަސައްކަތްތަކުގެ ސަބަބުން، ހުވަދު އަތޮޅުގެ މަސްވެރި އާއިލާތައް މިހާރު ތިބީ އުފަލުންކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާއާ އެކު ހުވަދު އަތޮޅުގެ ނުވަ ރަށަކަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު، ބުރާސްފަތި ދުވަހު އެނބުރި މާލެ ވަޑައިގެން އެ ދަތުރުފުޅުގެ މަޢުލޫމާތު ޝިޔާމް ވަނީ އެމްއެމްޓީވީއާ ހިއްސާ ކުރައްވާފައެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވަލުވެވަޑައިގަތްއިރު، މަސްވެރިން ތިބީ ނިކަމެތި ދަތި ހާލެއްގައެވެ. އޭނާ ވިދާޅުވީ ރައީސް ވަނީ މަސްވެރިންގެ ދަފުތަރެއް އެކުލަވާލައްވާ، މަސްކިރާތާ 48 ގަޑިއިރުތެރެގައި ފައިސާ ދޫކުރަން ފައްޓަވައި އަދި މިފްކޯގެ ސެންޓަރުތަކުން މާލެ އާ އެއް އަގެއްގައި މަސްވެރިންނަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސަވާ ދެއްވައިފައިވާ ކަމަށެވެ.
"މަސްވެރި ސިނާއަތަށް ވަކިން ޚާއްސަކޮށް މިކަހަލަ މުހިންމު ބަދަލެއް، އެބޭފުޅުން ވަރަށް އުފަލާއި އެކީފައި ބަލައިގަނޭ، ކުރީގެ ވެރިކަމުގައި ނުދެވިހުރި ފައިސާއާ އެކީގައި މަސްވެރިން ތިބީ ވަރަށް ބޮޑު ނުތަނަވަސް ކަމެއްގައި، އެކަމަކު މިއަދު މަސްވެރިންގެ މޫނުތަކުން ފެންނަނީ އުފާވެރިކަން،" އޭނާ ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވި ގޮތުގައި މަސްވެރިންގެ ދަފުތަރުގެ ސަބަބުން މިހާރު މަސްވެރިންނަނީ ދައުލަތް ދަންނަ އަދި ބޭންކިން ނިޒާމު ގާބޫލުކުރާ ބަޔަކަށް ވަނީވެފައެވެ.
"މީގެކުރިން އެއްވެސް ލޯނަކަށް މަސްވެރިނަށް އެކްސަސްއެއް ނުވެވޭ، މަސްވެރިން މަހްރޫމުވޭ އެބަ ހުރިހާ ކަމަކަކުން، މި ދަފްތަރާއި އެކުގައި މަސްވެރިން ވެގެން މި ދިޔައީ ދައުލަތް ދަންނަ ބަޔަކަށް. އެއީ ރައީސުލްޖުމްހޫރިއްޔާ ވެސް ބޭނުންފުޅުވިގޮތަކީ،" އޭނާ ވިދާޅުވިއެވެ.
ސިޔާމް ވިދާޅުވި ގޮތުގައި މިދުވަސްވަރަކީ ހުވަދުއަތޮޅަށް މަސްވެރިކަން ވަރަށް ރަނގަޅު ދުވަސްވަރެކެވެ. އޭނާ ވިދާޅުވީ ގޮތުގައި ކިރުވާ މަހަށް އަވަހަށް ފައިސާ ލިބެމުން ދިއުމަކީ މަސްވެރިންކަމުގައި ހަރަކާތްތެރިވާ ފަރާތްތައް ކުރިއަށް އޮތްތަކުގައި އިތުރުވާނެ ކަމެކެވެ.