ENGLISH

21 އޭޕްރީލު 2025

Advertisement

ވަޒީފާގެ ސިއްރުތައް ހިފެހެއްޓުމަކީ އަމާނާތެއް: ޚުތުބާ

10 ޖެނުއަރީ 2025

|

ފަޒީލް ޢަބްދުލް ލަތީފު


މުއައްސަސާތަކުގެ މުހިންމު މަސައްކަތްތަކާ ގުޅޭ ވަޒީފާގެ ސިއްރުތައް ހިފެހެއްޓުމަކީ އަމާނާތެއް ކަމަށާއި އޮފީހުގެ ސިއްރުތައް މީސްމީޑިއާގެ މަންސަތަކުގައި ފެތުރުމުން ދުރުހެލިވާން މިއަދުގެ ހުކުރު ޚުތުބާގައި ގޮވާލައިފި އެވެ.

ވަޒީފާގެ އަމާނާތްތަކާގުޅޭ ގޮތުން ނަސޭހަތްތެރިވަމުން ޚުތުބާގައި ބުނީ އޮފީހުގެ ކަރަންޓާއި ފެނަކީ ވެސް އަމާނާތެއް ކަމަށެވެ. އޭގެ އިތުރުން ފޯނާއި ކަރުދާހާއި ދެއްޔާއި އޮފީހުގެ މެޝިނަރީ އާއި ވަޒީފާއަށް ކަނޑައެޅިފައިވާ ވަގުތަކީ ވެސް އަމާނާތެއްކަން ޚުތުބާގައި ހަނދާންކޮށްދީފައި ވެއެވެ.

އެހެންވެ ވަޒީފާގެ އެއްބަސްވުމަކީ ހަމައެކަނި މުސާރަ ލިބިގަތުމަށްޓަކައި ވެވޭ އެއްބަސްވުމަކަށް ނުހެދުމަށާއި ސޮއިކުރާ ޢަގުދަކީ އޮފީސް ވަތްގަނޑުގައި ބާއްވާލުމަށް ކުރަހައިލެވޭ ތަސްވީރަކަށް ވެސް ނުހެދުމަށް މިއަދުގެ ޚުތުބާގައި ގޮވާލައިފައިވެ އެވެ.

މަސައްކަތުގެ އަޚުލާގުގެ މައްޗަށް އަލިއަޅުވާލައި ޚުތުބާގައި ބުނީ މުޖުތަމަޢުގައި ހިމެނޭ ގިންތިތަކުގެ ތެރެއިން މުވައްޒަފުންނަކީ އެންމެ މަތިވެރި ސުލޫކުން އެންމެ ފުރިހަމައަށް ޒީނަތްތެރިވާން ޖެހޭ މީހުން ކަމަށެވެ. ވަޒީފާގެ މައިދާނުން ރީތި އަޚުލާގީ ސިފަތައް ފެންނަން ޖެހޭ ކަމަށެވެ. ކޮންމެ މުވައްޒަފަކީ ކޮންމެ ތަނެއްގައި އުޅުނަސް، ހެއްދެވި މަގުސަދުގެ މަތިން ހަނދާންކޮށް، އެ މަގުސަދު ހާސިލުކުރަން މަސައްކަތް ކުރަން ޖެހޭ މީހެއް ކަމަށް ބުނެފައިވެއެވެ.

އިންސާނާގެ ކަރާމަތާއި އަގު ހިފަހައްޓައިދޭ އަސާސަކީ، މަތިވެރި އަޚުލާގު ކަމަށާއި އިސްލާމީ އުންމަތް އެހެން އުންމަތްތަކާ ތަފާތުވަނީ ވެސް މަތިވެރި އަޚުލާގުގެ ސަބަބުން ކަަމަށް ޚުތުބާގައި ބުންޏެވެ.

އާއިލާ އާއި މުޖުތަމަޢުގެ އުފެއްދުންތެރިކަމާއި ފުދުންތެރިކަން އިތުރުކުރަން ވަޒީފާއަށް ދޭން ޖެހޭ ވަޤުތާއި ސަމާލުކަން ފުރިހަމައަށް ދޭން ޖެހޭ ކަމަށާއި މުޖުތަމަޢު، އާ އުސްމިންތަކަށް ގެންގޮސް، ނަފްސަށް ހަމަޖެހުމާއި އަރާމު ލިބިދެވޭނީ މަސައްކަތުގައި ތެދުވެރިކަމާއި އަމާނާތް އެކުލެވިފައިވާ މިންވަރަކުންކަން މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ބުނެފަ އެވެ.

ކިޔުންތެރިންގެ ހިޔާލު