ENGLISH
21 އޭޕްރީލު 2025
އުސޫލާއި ޚިލާފްވި ބައެއް އެހެން އުމްރާ ކުންފުނިތައްވެސް ފާހަގަވެފައިވޭ، ފިޔަވަޅު އަޅާނަން: ޝަހީމް
10 ޖެނުއަރީ 2025
|
ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުްމުގައި އުސޫލާ ޚިލާފަށް އަމަލުކޮށްފައިވާ އިތުރު ކުންފުނިތައް ފާހަގަވެފައިވާ ކަމަށާއި އެކުންފުނިތަކަށް ފިޔަވަޅު އަޅާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ޝަހީމް ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދިވެހި ރާއްޖެއިން މީހުން ޢުމްރާއަށް ގެންދިއުމާއި ބެހޭގޮތުން 9 އޮކްޓޫބަރު 2024 ގައި ގެޒެޓްކޮށްފައިވާ އުޞޫލާއި އެއްގޮތަށް އަމަލުކޮށްފައިނުވާ ބައެއް އެހެން ކުންފުނިތައް ވެސް ފާހަގަވެފައިވާ ކަމަށެވެ. އަދި އެ އުސޫލާއި އެއްގޮތަށް އަމަލު ނުކޮށް ދޫކޮށްލި ކަމުގެ ކުޑަބޮޑު މިނަށްބަލައި އުސޫލުގައި ބުނާގޮތުގެ މަތިން އަންނަ ހަފްތާގައި ފިޔަވަޅު އަޅާނެ ކަމަށެވެ.
ވަޒީރު ޝަހީމް އެފަދައިން ވިދާޅުވެފައިވާއިރު ރާއްޖެއިން އުމްރާގެ އަޅުކަމަށް މީހުން ފޮނުވާ ބައެއް ކުންފުނިތަކުގެ މައްސަލަތައް ވަނީ މި ފަހުން ފެންމަތިވެފައެވެ.
އެގޮތުން، އަލްހިޖްރަ ޓްރެވަލް އެންޑް ޓުއާސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އުމްރާއަށް ދިޔަ މީހުން ރާއްޖެއަށް ނާދެވި މައްކާގައި ހާލުގައިޖެހުނު މައްސަލައިގައި، އިއްޔެ ވަނީ އެ ކުންފުނި 100,000 ރުފިޔާއިން ޖޫރިމަނާކޮށް، އިސްލާމިކް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދަ ހިފަހައްޓައިފައެވެ.
މީގެ އިތުރުން، އެ ގްރޫޕްގެ ފަރާތުން އުމްރާއަށް ގޮސް ޙާލުގައި ޖެހުނު މީހުން ރާއްޖެ ގެނައުމަށް މިނިސްޓްރީން ކުރި ޚަރަދު އެ ގްރޫޕްގެ އަތުން ހޯދުމަށާއި، އުސޫލާ ޚިލާފުވި މައްސަލަ ތަޙްޤީޤުކޮށް ޤާނޫނީ ފިޔަވަޅު އެޅުމަށް ފުލުހުންނަށް ހުށަހެޅުމަށް ވެސް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ވަނީ ނިންމަވާފައެވެ.
އެ ވުޒާރާއިން ހާމަކުރެއްވި ގޮތުގައި، މައްކާގައި ޙާލުގައި ޖެހިފައިވާ ދިވެހި އުމްރާވެރިން، ހައްޖު ކޯޕަރޭޝަންގެ އެހީއާއެކު މާދަމާ ރާއްޖެ ގެނެވޭނެއެވެ.