ENGLISH
21 އޭޕްރީލު 2025
ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންނަށް ޑިޕްރެޝަންގެ ފުރުޞަތު ބޮޑު: ޑރ. އަޒީޒް
10 ޖެނުއަރީ 2025
|
ޑރ. އަބްދުލް ޢަޒީޒް ހަމީދު އެމްއެމްޓީވީގެ "އާދުވަސް" ޕްރޮގްރާމުގައި
އިސްތިޢުމާލުކުރާ މީހުންނަށް ޑިޕްރެޝަންގެ ފުރުސަތު ބޮޑުކަމަށް ޑރ. އަބްދުލް އަޒީޒް ހަމީދު ވިދާޅުވެއްޖެއެވެ. އެމްއެމްޓީވީގެ "އާ ދުވަސް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަޒީޒް ވިދާޅުވީ ދުންފަތުގައި ހިމެނޭ ނިކޮޓިންގެ ސަބަބުން ސިކުނޑިއާއި ނާރުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބޭ ކަމަށެވެ.
މީގެ އިތުރުން، ޑރ. އަޒީޒު ވިދާޅުވީ ދުންފަތުގެ އިސްތިޢުމާލު ކުރުމަކީ ސިކުނޑީގައި ހިމެނޭ ލޭ ހޮޅިތަކަށް ގެއްލުން ލިބި އެކަމުގެ ސަބަބުން އެތައް ފުރާނައަށް ނުރައްކާވާ ބަލިތަކަށް މަގުފަހިވާ ކަމެއްކަމަށެވެ.
" ސިނކުޑީގެ އެތެރޭގައި ހިމެނޭ ލޭހޮޅިތަކަށް އަސަރުކޮށް އެކަމުގެ ސަބަބުން ސްޓޯކް ޖެހުން ކަހަލަ ކަންތައްތަކުގެ ޙިރާސް އިތުރުކުރާކަމެއް. ދުންފަތުގެ އިސްތިޢުމާލުކުރުމަކީ އޯޓިޒަމް ކަހަލަގެ މައްސަލަތަކަށް މަގުފަހިކުރުވާ ކަމެއް ކަމަށް ހޯދިފައި އެބަހުރި. މާބަނޑު މީހާ، މާބަނޑު ދުވަސްވަރު ދުންފަތުގެ އިސްތިޢުމާލުކުރާ ކަމުގައި ވަންޏާ، އެއަށްފަހު ލިބޭ ދަރިފުޅުގެ ކިބައިގައި ނިކޮޓިން އެޑިކްޝަންގެ އަސަރު ކޮންމެވެސް ވަރަކަށް ހުންނަކަމަށް ހޯދިފައި އެބަ ހުރި. " - ޑރ. އަޒީޒް
ރާއްޖޭގެ ޒުވާން އާބާދީއަކީ ވަރަށް ދުންފަތުގެ އަވާގައި ޖެހިފައިވާ އާބާދީއެއްކަން ފާހަގަކުރައްވައި ޑރ. އަޒީޒު ވިދާޅުވީ ދަރިމައިވުމުގެ މައްސަލަތައް ވަރަށް ގިނައިން ރާއްޖޭގައި އަލަށް ކައިވެނި ކުރާ ޒުވާނުންނަށް ދިމާވާކަމަށެވެ.
"ދަރިމައިވުމުގެ ނިޒާމަށް ވެސް ހަމަ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން އަސަރުކުރޭ. އެކަމުގެ ސަބަބުން ފިރިހެނުންގެ ވެސް ދަރިމައިވުމަށް އެބަ އަސަރުކުރޭ އަދި އަންހެނުންގެ ދަރިމައިވުމަށް ވެސް އެބަ އަސަރުކުރޭ. " - ޑރ. އަޒީޒް
ވޭޕް ބޭނުންކުރުމުން ބޮޑަށް ގެއްލުންވަނީ ފުރާވަރު ކުދިންނަށް ކަމަށް ޑރ.އަޒީޒް ވިދާޅުވިއެވެ.
"އަހަރެމެންގެ ހަށިގަނޑުގެ ގުނަވަންތަކުގެ ތެރެއިން އެންމެ ފަހުން ހެދި ބޮޑުވުން ނިމޭ ގުނަވަނަކީ، ސިކުނޑި. ސިކުނޑި ހެދި ބޮޑުވާނެ އެމީހެއްގެ އުމުރުން ގާތްގަނޑަކަށް 20 ނުވަތަ 25 އަހަރު ވަންދެން. އެހެންވީމަ ފުރާވަރު ކުދިންގެ އާބާދީގެ އެންމެ ގިނައިން ވޭޕް މި ބޭނުންކުރަނީ. ހެދި ބޮޑުވަމުންދާ ސިކުނޑިއަކަށް ނިކޮޓިންއަކީ ގެއްލުންދޭ އެއްޗެއް. ނިކޮޓިންއިން ސިކުނޑިއަށް ގެއްލުންދޭ ސިކުނޑީގެ ބައިތަކަކީ ސިކުނޑީގައި ހިމެނޭ ސަމާލުކަންދިނުމާއި ހަނދާން ހުރުމާއި ދެން އޭގެ އިތުރުން އިމްޕަލްސް ކޮންޓްރޯލްއަށް އަސަރު މިކުރަނީ." - ޑރ. އަޒީޒް
ޑރ. އަޒީޒް ވިދާޅުވީ ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމުން ހަށިގަނޑު އިހު ހުރި ގޮތަށް ރުޖޫޢަވާނެ ކަމަށެވެ. އަދި ދުންފަތުގެ އިސްތިޢުމާލު ކުރުން ހުއްޓާލާތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެކަމުގެ ފައިދާ ހަށިގަނޑަށް ކުރާނެކަމަށެވެ.
ދިވެހިރާއްޖޭގައި ދުންފަތުގެ އިސްތިޢުމާލުކުރުމުގެ މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން ޤާނޫނީ ފެންވަރުގައިވެސް ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅާފައިވެއެވެ.
"ވަރަށް އުދަނގޫ ބައެއް ނިންމުންތައް ހަމަ މި ވިސްނުމުގައި، ކުރިއަށް އޮތް މުސްތަޤްބަލަށްޓަކައި، އަޅުގަނޑުމެންގެ ޖީލްތައް ސަލާމަތްކޮށްދީ އަދި ވަށާ ޖެހޭ، ތަރައްޤީއަކުން، ތަރައްޤީ ހާޞިލްކޮށްދީފައި އޮތް، ހަޤީޤީ މާނައިގައި، ތަރައްޤީވެފައި އޮތް ދިވެހިރާއްޖެއަކަށް ހަދައިދިނުމަށްޓަކައި، ނިންމުންތަކެއް ނިންމަމުން މި ގެންދަނީ. އެކި އެކި ވަބާތަކުން ޤައުމު ސަލާމަތްކުރުމާއި އަޅުގަނޑުމެންގެ ތެރޭގައި ހުރި ހަމަ އަށަގަނެފަ، މޫލާފަ ހުރި ދެވި ހިފާފަ ހުރި ބައެއް އާދަތަކުން ވެސް އަޅުގަނޑުމެން ހިތްވަރު ލާފަ ސަލާމަތްވުމަށް މަސައްކަތްކޮށްދިނުމުގެ ނިޔަތުގައި ކުރާ ކަންކަން. އެއްގޮތަކަށްވެސް އެއީކީއެއް ރައްޔިތުންނަށް ދަތިކުރުމަށް އުނދަގޫކުުރުމަށް ކުރާ ކަންކަމެއް ނޫން. އަޅުގަނޑުގެ ނިޔަތް ވަރަށް ސާފު މިކަމުގައި. އެހެންވީމަ އަޅުގަނޑު އެދެނީ ހުރިހާ ބޭފުޅުން ގުޅި ވަޑައިގެން މި ވިސްނުމުގައި އަޅުގަނޑުމެން ޤައުމު ތަރައްޤީކުރުމުގައި ވަށާ ޖެހޭ މާނަވީ އަދި އަތުން ހިފޭ ތަރައްޤީ ހާސިލުކުރުމުގައި ހޯދުމުގައި ކުރިއަށްދާން އަޒުމު ކަނޑައަޅަން. އޭރުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން މި ގެންނަން ބޭނުންވާ ހަޤީޤީ ތަރައްޤީ ރާއްޖެއަށް ލިބިގެންދާނެ
" - ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުޢިއްޒު
މި ފިޔަވަޅުތައް ގުޅިފައިވަނީ، ދިވެހި އާބާދީ އަކީ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުންނާއި، ރޫޙާނީ ގޮތުން ދުޅަހެޔޮ އާބާދީއަކަށް ހެދުމަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވަރާއެވެ.