ENGLISH

21 އޭޕްރީލު 2025

Advertisement

ޢުމްރާވެރިން ހާލުގައި ޖެއްސި އަލްހިޖްރަ ޓްރެވަލް އެންޑް ޓުއާރސް ޖޫރިމަނާކޮށް ފިޔަވަޅުއަޅައިފި

09 ޖެނުއަރީ 2025

|

ޢަލީ ޝާހީން

ދިވެހި ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމާ ބެހޭ އުސޫލާއި ޚިލާފްވި އަލްހިޖްރަ ޓްރެވަލް އެންޑް ޓުއާރސް ޕްރައިވެޓް ލިމިޓެޑް ޖޫރިމަނާކޮށް ބޮޑެތި ފިޔަވަޅުތަކެއް އަޅައިފިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ، އަލްހިޖްރަ ޓްރެވަލް އެންޑް ޓުއާރސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން، އެ ކުންފުނީގެ 2024 ޑިސެމްބަރު ޢުމްރާ ދަތުރުގައި ދިއުމަށް ހަމަޖެހިފައިވާ އުމްރާވެރިން ދަތުރަށް ފައިސާ ދައްކާފައިވީ ނަމަވެސް އެ ފައިސާއިން އުމްރާވެރިންގެ ދެކޮޅު ޓިކެޓް ހަމަނުޖައްސާ އެ ފައިސާ އެކުންފުނީގެ އެހެން ކަންކަމަށް ބޭނުންކޮށްފައިވާކަމަށް އެކުންފުނިން އިޢުތިރާފްވެފައިވާ ކަމަށެވެ. އަދި މައްކާއިން ރާއްޖެ އައުމަށް ޓިކެޓް ނަގާފައި ނެތުމުގެ ސަބަބުން ރާއްޖެ ނާދެވިގެން އުމްރާވެރިން އެހީތެރިކަމަށް އެދިފައިވުމުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ އިރުޝާދުގެ ދަށުން މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ ބެލުމުގެ ދަށަށް ގެނެވިފައި ވާކަމަށް އެވުޒާރާއިން ނެރުނު ބަޔާނުގައި ވިދާޅުވެފައިވެއެވެ.

އެ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިޔަ މީހުންނާއި މެދު ކަންތައް ކުރި ގޮތުން އެ ކުންފުންޏަށް ފިޔަވަޅު އަޅާނެކަން  ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ އިއުލާން ކުރައްވާފައެވެ.

އެވުޒާރާއިން ހާމަކުރެވި ގޮތުގައި، ހާލުގައި ޖެހިފައި ތިބީ 23 އުމްރާވެރިންނެވެ.

އެ ގްރޫޕްން ރާއްޖެއިން އުމްރާއަށް މީހުން ގެންދިޔުމާބެހޭ އުސޫލާއި ޚިލާފުވެފައިވާތީ އަޅާފައިވާ ފިޔަވަޅުތަކަކީ،

  • ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމަށް އެ ވުޒާރާއިން، އެ ގްރޫޕަށް ދޫކޮށްފައިވާ ހުއްދަ ހިފެހެއްޓުން
  • އެއްލައްކަ (-/100،000) ދިވެހި ރުފިޔާއިން އެ ގްރޫޕް ޖޫރިމަނާކުރުން
  • އެ ގްރޫޕް އަދި އެ ކުންފުނީގެ އެއްވެސް ހިއްސާދާރެއް ހިމެނޭ އެހެން ކުންފުންޏަކަށް ވެސް ޢުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ނުދިނުން
  • އެ ގްރޫޕްގެ ފަރާތުން ޢުމްރާއަށް ގެންގޮސް ހާލުގައި ޖެހުނު މީހުން ރާއްޖެ ގެނައުމަށް އެ ވުޒާރާއިން ކުރި ޚަރަދު އެ ކުންފިން ހޯދުން
  • މި މައްސަލަ ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ފުލުހަށް ހުށަހެޅުން.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާ އިން ވިދާޅުވީ، މި ފިޔަވަޅުތައް ތަންފީޒުކުރުމަށްޓަކައި މެ ވުޒާރާއިން އިދާރީ ގޮތުންނާއި ޤާނޫނީ ގޮތުން ކުރަން ޖެހޭ ހުރިހާ ކަންކަން ފަސްޖެހުމެއް ނެތި ކުރާނެކަމުގެ ޔަގީންކަން އަރުވާ ކަަމަށެވެ.

ކިޔުންތެރިންގެ ހިޔާލު