ENGLISH
21 އޭޕްރީލު 2025
މޫސުމީ ބަދަލުތަކާ ދެކޮޅަށް އަޅަންޖެހޭ މުހިންމު ފިޔަވަޅަކީ ވިލުންތެރިކަމަށް އިންވެސްޓްކުރުން: ޑރ. އަލީ ނަސީރު
09 ޖެނުއަރީ 2025
|
މޫސުމީ ބަދަލުތަކާ ދެކޮޅަށް އަޅަންޖެހޭ މުހިންމު ފިޔަވަޅަކީ ވިލުންތެރިކަމަށް އިންވެސްޓްކުރުން ކަމަށް ދިވެހި ރާއްޖެ އިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ސީޖީޓީއެން އަށް ދެއްވި އިންޓަވިއުއެއްގައި ޑރ. އަލީ ނަސީރު ވިދާޅުވީ ރާއްޖޭގެ ޓޫރިޒަމް ބިނާވެފައި ވަނީ ރާއްޖޭގެ މުއްސަނދި ތިމާވެށީގެ މައްޗަށް ކަމަށާއި މޫސުމަށް އަންނަ ކޮންމެ ބަދަލަކާ ގުޅިގެން ރާއްޖޭގެ ނާޒުކް ތިމާވެއްޓަށް ނޭދެވޭ އަސަރު ކުރާ ކަމަށެވެ. އަދި 1989 ވަނަ އަހަރު ރާއްޖޭގައި ބޭއްވި ކުދި ޖަޒީރާ ގައުމުތަކުގެ ބައްދަލުވުމުގައި ރާއްޖެ އިން ވަނީ މޫސުމީ ބަދަލުތަކުގެ ގެއްލުމަށް އެހީތެރިވުމަށް ބައިނަލްއަގުވާމީ މުޖްތަމަޢަށް ގޮވާލާފައިކަން އޭނާ ފާހަގަކުރެއްވި އެވެ.
ރާއްޖޭ ކަހަލަ މެދުފަންތީގެ ގައުމުތަކުން ތިމާވެއްޓާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ދަތިކަން ކަން ފާހަގަކުރައްވައި ދާއިމީ މަންދޫބު ވިދާޅުވީ ވިލުންތެރިކަން އިތުރު ކުރުމަށް ރާއްޖޭން އެންމެ ބޮޑަށް ވަކާލާތު ކުރާ ސަބަބަކީ އެއީ ކަމަށެވެ.
"ވިލުންތެރިކަމަށް އިންވެސްޓް ކުރުމަކީ އަޅުގަނޑު ދެކޭ ގޮތުގައި އެންމެ މުހިންމު ފިޔަވަޅު. އިންޑިއާ ކަނޑަށް އައި ސުނާމީއަކީ ތިމާވެށީގެ ގޮތުން ލިބުނު އިންޒާރެއް. ސުނާމީ އަށް ފަހު ކާރިސާތަކުން ރައްކާތެރިކަން ލިބޭނެ ގޮތަށް ރާއްޖޭގެ އިންފްރާސްޓްރަކްޗާ އަށް ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހުނު. ސުނާމީ އެރި އިރު އިންޑިއާ ކަނޑުގެ އެއްވެސް ގައުމެއްގައި ދުރާލާ އިންޒާރު ދޭ ނިޒާމެއް ނެތް. އެކަމު މިހާރު ހުރިހާ ގައުމެއްގައި ވެސް ދުރާލާ ސުނާމީ އިންޒާރުދޭ މެކޭނިޒަމެއް ވަނީ ގާއިމްކުރެވިފައި،" ޑރ. އަލީ ނަސީރު ވިދާޅުވިއެވެ.
މިފަދަ ކާރިސާތައް ކުރިމަތިވެއްޖެ ނަމަ ލިބޭ ގެއްލުން، ދުރާލާ އިންޒާރުދޭ ނިޒާމުގެ އިތުރުން ޓެކްނޮލޮޖީގެ އެހީގައި، މިހާރު ކުޑަކުރެވޭނެ ކަމަށް ވެސް އަލީ ނަސީރު ވިދާޅުވިއެވެ.