ENGLISH
21 އޭޕްރީލު 2025
މިފްކޯގެ ކޮރަޕްޝަން މުލުން ލުހެލައްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
09 ޖެނުއަރީ 2025
|
ރައީސުލްޖުމްހޫރިއްޔާ ގއ. އަތޮޅު ރަށެއްގެ ރައްޔިތަކާ ސަލާމް ކުރައްވަނީ-- ފޮޓޯ: ރައީސް އޮފީސް
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) ގެ ބޭކާރު ޚަރަދުތައް ރަނގަޅުކޮށް ކޮރަޕްޝަން މުލުން ލުހެލުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ ހުވަދު އަތޮޅަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގެންނެވުމުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ މިފްކޯގައި ޒަމާނުއްސުރެ ހުރި ކޮރަޕްޝަނުގެ އަމަލުތައް މުލުން ލުހެލެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށާއި އެ މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.
"އެތާ އެތެރޭގައި ޒަމާންވީ އެކިއެކި ގޯސް ކަންތައް ހިނގާ. އަޅުގަނޑު ދެން ގަބޫލު ކުރަނީ ކޮރަޕްޝަނުގެ އަމަލުތަކެއް ގޮތަށް ފެންނަ ކަންތައްތަކެކޭ. އަޅުގަނޑުމެން އެ ހުރިހާ ގޯސް ކަމެއް ހަމަ މުލުން ލުހެލާނަން."
ރައީސް އިތުރަށް ވިދާޅުވީ މިފްކޯގެ ތެރޭ ހިނގާ ބޭކާރު ޚަރަދުތައް ރަނގަޅު ކުރަން ވެސް ފިޔަވަޅުތައް އަޅުއްވާނެ ކަމަށެވެ. އަދި މަސައްކަތް ކުރައްވަނީ މިފްކޯ ހަރުދަނާކޮށް، އެ ތަނުގެ އިސްރާފު ކުޑަކޮށް އަދި މަސްވެރިން ބޭނުންވާ ގޮތަށް މިފްކޯގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ކަމަށް ވެސް ވިދާޅުވިއެވެ.
މިފްކޯގެ ހިންގުން ހަރުދަނާ ކުރުމަށް އެ މަނިކުފާނު ވައުދުވެވަޑައިގެންނެވި ގޮތަށް ބޭރުގެ ސީއީއޯއެއް އައްޔަން ކުރައްވާފައިވާކަން ރައީސް ވަނީ ފާހަގަ ކުރައްވާފަ އެވެ.
"އެ އަޒުމުގެ މަސައްކަތްތައް ފަށާފައި އެ ހުރީ. ބޭރު މީހަކު އެ ހުރީ، އަޅުގަނޑު ދެންނެވި ގޮތަށް، އަޅުގަނޑުމެންގެ މި ކަންކަމުގެ ތެރޭ އާންމުކޮށް ނޫޅޭ ހިސާބަކުން ރަނގަޅު ބޭފުޅަކު ގެނެސް ހަވާލުކޮށްފައި. އަނެއްކާ ތަނުގެ ހިންގުން އަޅުގަނޑުމެން ވަރަށް ގާތުން ސީދާ މި ރިފޯމު ތެރެއިން މި ކުރިއަށް ގެންދަނީ."
މި ދަތުރުފުޅުގެ ތެރެއިން ގއ. ދެއްވަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ދެނެގަނެ، މަސްވެރިންގެ އުންމީދުތަކާ ގުޅޭގޮތަށް ކަންކަން ފަހިކޮށްދެއްވަން މަސައްކަތް ކުރައްވަމުންގެންދަވާ ކަމަށް ވިދާޅުވެފައެވެ. އަދި ސަރުކާރުން މަސައްކަތް ފަށާފައިވަނީ، ބޭރުގެ އެހީ އާއި ސަރުކާރުގެ ބަޖެޓުގެ ތެރެއިން މަސްވެރި ސިނާޢަތް ފުޅާކޮށް، އެ ސިނާޢަތަށް މީހުން އިތުރުކުރުމަށް ކަމުގައި ރައީސް ވިދާޅުވި އެވެ.