ENGLISH
21 އޭޕްރީލު 2025
ދެއްވަދޫގައި އައުޓްޑޯ ޖިމް އަޅާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި
09 ޖެނުއަރީ 2025
|
ހުވަދުއަތޮޅު އުތުރުބުރީ ދެއްވަދޫގައި އައުޓްޑޯ ޖިމް އަޅާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
އެމަނިކުފާނު މި ޔަޤީންކަން ދެއްވީ މިއަދު ހެނދުނު ގއ. ދެއްވަދޫގައި ކުރިއަށް ދިޔަ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލުން އައުޓްޑޯ ޖިމް އެޅުމަށް ބޭނުންވާކަމުގައި ފާހަގަކުރެއްވުމުންނެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ކައުންސިލަރުން ވަނީ ރަށްގިރުމުގެ މައްސަލައަށް ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތް މިހާރު ހުއްޓިފައިވާކަން ފާހަގަކުރައްވައި އެކަމަށް ޙައްލެއް ބޭނުންވާކަމުގައި ވިދާޅުވެފައެވެ. އަދި ރައްޔިތުންނަށް ކުރިމަތިވާ ކަންބޮޑުވުންތަކަށް ޙައްލު ހޯދުމަށްޓަކައި ރަށުގެ ޞިއްޙީ މަރުކަޒަށް ޒަމާނީ ވަޞީލަތްތައް އިތުރުކޮށް، ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުން ބިމުގެ ދަތިކަމަށް ޙައްލު ބޭނުންވާކަމަށާއި އިތުރަށް އާމްދަނީ ހޯދުމަށްޓަކައި ކުރެވިދާނެ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އަންހެނުންގެ ތަތައްޤީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީގެ މެންބަރުން ވަނީ ވޮލީކޯޓެއް ޤާއިމުކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވައިދެއްވާނެކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ ދެއްވަދޫގެ ތަރައްޤީއަށް ކުރިއަށްގެންދާ މަޝްރޫޢުތަކާއި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް ޙައްލުކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ކައުންސިލާއި ޙިއްޞާކުރައްވާފައެވެ.ޱ