ENGLISH

21 އޭޕްރީލު 2025

Advertisement

ހިޔާވެހި ފައިނޭންސިންގ ޕްރޮގްރާމަކީ ރައްޔިތުންނަށް ލިބިފައި އޮތް ރަނުގެ ފުރުޞަތެއް: ރައީސް

09 ޖެނުއަރީ 2025

|

ހަސަން އާމިރު

ގެދޮރުވެރިކަމާއި ބޯހިޔާވަހިކަން ކަށަވަރުކުރުމަށްޓަކައި ހިޔާވެހި ފައިނޭންސް ސްކީމަކީ ރައްޔިތުންނަށް ލިބިފައި އޮތް ރަނުގެ ފުރުޞަތެއް ކަމަށާ، ހުރިހާ ރައްޔިތުންވެސް މި ފުރުޞަތުގެ ބޭނުން ހިއްޕެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި އިލްތިމާސް ތަކުރާރުކުރައްވާފައި ވަނީ، ހުވަދު އަތޮޅުގެ ބައެއް ރަށްތަކަށް އެ މަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ގއ. މާމެންދޫއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

‎ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ ގެދޮރުގެ ދަތިކަމުގެ މައްސަލައަށްެ ދާއިމީ ހައްލެއް ހޯދުންކަން ތަކުރާރުކޮށް ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ދިވެހީންގެ ރާއްޖެ މެނިފެސްޓޯގައިވެސް ހިމަނުއްވާފައިވާ ފަދައިން، މި ޕްރޮގްރާމުގެ ދަށުން، ރާއްޖޭގެ ކޮންމެ ރަށެއްގައި ހުރި މީހަކު ކަމުގައިވިޔަސް، އެމީހެއްގެ އަމިއްލަ ގޯތި، އުޅެވޭ ވަރުގެ ހިޔާވައްސަކަށް ހެދޭނެކަމުގެ އުންމީދު ދެއްވާފައެވެ.

‎ރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޮޑުވެފައިވާ މައްސަލައަކީ ބޯހިޔާވަހިކަމުގެ ދަތިކަން ކަމުގައިވާ ހިނދު، މި މައްސަލައަށް ޙައްލެއް ލިބެން އޮތް ދެވަނަ ގޮތަކީ ހައުސިންގ މަޝްރޫޢުތައް ހިންގުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މި މަޝްރޫޢުތައް މިއަހަރުގެ ތެރޭގައި ފެށުމަށް ދަޢުލަތުގެ ބަޖެޓުގައި 1.5 ބިލިއަން ރުފިޔާ ހިމަނުއްވާފައި އޮތްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މިއީ ކުރިއަށް އޮތް އަހަރުތަކުގައިވެސް ބަޖެޓަށް އިތުރު ކުރެވޭނެ މިންވަރެއް ކަމަށާ، މަޤްޞަދަކީ ގެދޮރުގެ ދަތިކަމުގެ މައްސަލައަށް، ޙަޤީޤީ މާނައިގައި ދާއިމީ ޙައްލެއް ހޯއްދަވައިދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

‎ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ހިނގަމުން މިދާ ރިޔާސީ ދައުރު ނިމޭއިރު، ދިވެހި ކޮންމެ ރައްޔިތަކީ ގެދޮރުގެ މައްސަލައަށް ދާއިމީ ޙައްލެއްގެ ފުރުޞަތު އޮތް މީހަކަށް ވުމަކީ ޢަމާޒުކަމުގައި ފާހަގަކުރެއްވިއެވެ. ހައުސިންގ ޔުނިޓް ނުވަތަ ލޯނު ސްކީމާއި އެނޫންވެސް އެފަދަ މަޝްރޫޢުތަކުގެ ތެރެއިން ކޮންމެ މީހަކީވެސް އެމީހެއްގެ ފުރަތަމަ ބޯހިޔާވައްސަށް ފުރުޞަތު ލިބިފައި އޮތް ރައްޔިތެއް ކަމުގައި ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދު ފުއްދަވަމުން ގެންދަވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

‎ގެދޮރުވެރިކަމުގެ މައްސަލައަށް ހައްލެއް ގެނައުމަށްޓަކައި ފަސް އިންސައްތައަށްވުރެ އިންޓަރެސްޓް ރޭޓު ބޮޑުނުވާގޮތަށް ދޫކުރާ ގެދޮރުވެރިކަމުގެ ލޯނުތައް ދޫކުރަން ފަށްޓަވާނޭކަން ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވީ ނިމިދިޔަ އަހަރުގެ މިނިވަންދުވަހު ޤައުމާ މުޚާޠިބުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ. އަދި "ހިޔާވެހި ފައިނޭންސިންގް ޕްރޮގްރާމް" އިފްތިތާޙުކޮށްދެއްވީ، ހަމަ އެ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު