ENGLISH
21 އޭޕްރީލު 2025
ސިޔާސީ ގޮތުން އެއްވެސް މީހަކަށް އަނިޔާ ނުކުރައްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ
08 ޖެނުއަރީ 2025
|
މާމެންދޫ ރައްޔިތުންނާ މުޚާތަބުކުރައްވައި ރައީސް ވާހަކަފުޅު ދައްކަވަނީ. --ފޮޓޯ:ރައީސް އޮފީސް
ސިޔާސީ ގޮތުން އެއްވެސް މީހަކަށް ދުވަހަކުވެސް އަނިޔާ ނުކުރައްވާނެ ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ގއ. މާމެންދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވި ގޮތުގައި ސިޔާސީ ގޮތުން ބަދަލު ހިފުމުގެ ބަދަލުގައި ފާއިތުވި 14 މަސް ދުވަހުގެ ތެރޭގައި ގައުމުގައި ހަމަޖެހުން ގާއިމް ކޮށްދެވިފައިވާނެ އެވެ.
އެމަނިކުފާނު ވިދާޅުވީ އަބަދުވެސް ބޭނުންފުޅުވަނީ ރާއްޖޭގައި ހަމަޖެހުން ގާއިމްވެފައި އޮތުމަށެވެ. އަދި އެ ހަމަޖެހުމަކީ ވަށާޖެހޭ ތަަރައްޤީއާއެކު ގެނެވޭ ހަމަޖެހުމަށް ވާން ކަމަށެވެ.
އަދި ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތްކުރާ އެއްވެސް ފަރާތަކަށް އެ ފުރުސަތު ނުދެއްވާނެކަން ވަރަށް ސާބިތު ކަމާއެކު ރައީސް ވިދާޅުވިއެވެ. އެފަދަ ވަގުތުތަކުގައި ގައުމީ ވިސްނުމުގައި އެކަން ހުއްޓުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ މާމެންދޫއަށް ކޮށްދެއްވާނެ ގިނަ ކަންތައްތަކެއްވެސް ފާހަގަ ކުރައްވާފައެވެ. އެގޮތުން ނަރުދަމާގެ މަސައްކަތް އަލުން ފަށައި ބާރު ސްޕީޑުގައި ގެންގޮސް އެމަސައްކަތް ނިންމާލެވުމާއެކު، ރަނގަޅު ފެންވަރަކަށް މަގުތައް ހެދުމުގެ މަސައްކަތް ފަށައި ބާރު ސްޕީޑުގައި އެމަސައްކަތް ވެސް ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވިއެވެ.
އަދި ދާއިމީ ހައްލެއް ހޯދެން ދެން ވެސް، މާމެންދޫގެ ރަށް ގިރުމުގެ މައްސަލަ ހައްލުކުރުމަށް ރަށު ކައުންސިލާއި ސަރުކާރުގެ އިދާރާތަކާ ގުޅިގެން އަވަސް މަސައްކަތްތަކެއް ކުރެވިގެންދާނެކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.
މާމެންދޫ ޖަލްސާގައި އެމަނިކުފާނު ވަނީ ރަށްރަށުގައި ގެދޮރު ބިނާކުރުމަށް ސަރުކާރުން އިއުލާންކޮށްފައިވާ ލޯނު ސްކީމުގައި ބައިވެރި ވެގެން މުޅި ރާއްޖޭގައި ގެދޮރު އިމާރާތްކުރުމުގެ މަސްކަތްތައް ކުރިއަށް ގެންދިއުމަށް އެދިވަޑައިގެންފައެވެ. އެކަމަށްޓަކައި ދައުލަތުގެ ބަޖެޓުން އެއް ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އިކުއިޓީއެއް ބަަހައްޓަން ނުޖެހޭ މި ލޯނު ދޫކުރަނީ ފަސް ޕަސެންޓްގެ އިންޓަރެސްޓްގައި ފަސޭހައިން އަނބުރާ ދެއްކޭނެ އުސޫލުތަކަކާއެކުގައެވެ.