ENGLISH
21 އޭޕްރީލު 2025
މާލޭގައި ފެންބޮޑުވުމާ ގުޅިގެން މަގުތަކުން ފެން ހިންދުމުގެ މަސައްކަތުގައި ސިފައިން ދަންވަރު ހަރަކާތްތެރިވާން ފައްޓަވައިފި
11 ޖެނުއަރީ 2025
|
ރޭ ދަންވަރު ފެން ހިންދުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަނީ.
ރޭ މެންދަމުން ފެށިގެން ބޯކޮށް ވާރޭވެހި މާލޭގައި ފެންބޮޑުވުމާ ގުޅިގެން މަގުތަކުން ފެން ހިންދުމުގެ މަސައްކަތުގައި ސިފައިން ރޭ ދަންވަރުން ފެށިގެން ޙަރަކާތްތެރިވާން ފަށައިފިއެވެ.
ރޭ އިރާކޮޅުންފެށިގެން މާލެއަށް އަންނަނީ ވާރޭވެހެމުންނެވެ. މެންދަމު ވަރަށް ބޯކޮށް މާލެއަށް ވާރެވެހުނެވެ. ފަތިސްވިއިރު، މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވާ މާފަންނު ކޮޅުގައި ޕޭވްމަންޓަށްވުރެ މައްޗަށް ފެންހެދި، ކުނި ކޮތަޅުތަކާއި ލަަކުޑި ޕެލަޓްފަދަ ތަޖެތި އޮޔާއި ދާތަންފެނުނެވެ.
ނެޝަނަލް ޑިޒާސްޓާ މޭނޭޖުމަންޓު އޮތޯރިޓީ (އެންއެމްޑީއޭ) އިން ފަތިހު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގޭގެއަށް ފެން ވަނަ ނުދިނުމަށް ވެލި ބަސްތާ ޖެހުމާއި ފެން ހިންދުމުގެ މަސައްކަތުގައި ސިފައިންނާއި ފުލުހުންނާއި މާލޭ ސިޓީ ކައުންސިލުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ކުރެއްވި ފޯސްޓެއްގައި ވިދާޅުވީ މާލޭގެ ނުވަ ސަރަހައްދެއްގައި ޕަންޕް ބަހައްޓައިގެން ފެން ހިންދުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ. މިގޮތުން ޕަންޕު ބަހައްޓާފައިވަނީ ހަވީރީހިނގުން، ވެސްޓުފާކު، ސޯޝަލް ސެންޓަރ، އައިޖީއެމްއެޗް، ވިލިމާލެ ފެރީ ޓަރމިނަލް، ސަލްމާން މިސްކިތް ސަރަހައްދު، ބޮޑުވަޅު އަދި ދަރުބާރުގެ ސަރަހައްދުގައެވެ.
މިހާރު ރާއްޖެއަށް ކުރަމުންއަންނަ ވިއްސާރައިގައި ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރާނެކަމަށް މޫސުމާބޭހޭ ޤައުމީ އިދާރާއިން ލަފާކުރައްވައެވެ. މޫސުމާ ބެހޭ އިދާރާއިން ވަނީ ފަތިހު 4:45 އިން ހެނދުނު 8:45 އަށް، އއ. އަދި. އދ. އަތޮޅަށް އޮރެންޖް ސަމާލު އަދި ދަންވަރު 3:00 އިން ފެށިގެން ހެނދުނު 8:00 އަށް ބ. އަތޮޅުން ފެށިގެން ދ. އަތޮޅަށް ރީނދޫ ސަމާލު ނެރުއްވާފައެވެ.
މީގެ ހަފުތާއެއް ކުރިން، 3 ޖަނަވަރީވީ ހުކުރު ދުވަހު މާލެ އަށް ރިކޯޑު އަދަދަކަށް ވާރޭ ވެހި މާލޭގައި ވަރަށް ބޮޑަށް ފެން ބޮޑުވެ، މާލެ ހުއްޓުމަކަށް އައެވެ. އެ ދުވަހު 161.9 މިލިމީޓަރުގެ ވާރޭ މޭލެއަށް ވެހިފައިވެއެވެ.