ENGLISH
21 އޭޕްރީލު 2025
32 ސިވިލް ސާވަންޓުން ތަމްރީނަށް އިންޑިއާއަށް ހިނގައްޖެ
08 ޖެނުއަރީ 2025
|
އިންޑިއާއަށް ފުރުމުގެ ކުރިން 32 ސިވިލް ސާވަންޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ފޮޓޯއަކަށް ހުއްޓިގެން
އިންޑިއާގެ މިސޯރީގައި ހުންނަ ނޭޝަނަލް ސެންޓާ ފޯ ގުޑް ގަވަނަންސް (އެންސީޖީޖީ) ގައި ކުރިއަށްދާ ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމުގައި ބައިވެރިވުމަށް 32 ސިވިލް ސާވަންޓުން އިއްޔެ ފުރައިފި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ މި ޕްރޮގްރާމް އޮންނާނީ މާދަމާއިން ފެށިގެން މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް ކަމަށެވެ.
މި ޕްރޮގްރާމަކީ މިދިޔަ އޮގަސްޓު މަހުގެ 9 ވަނަ ދުވަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެންސީޖީޖީ އާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާ ދެމެދު އާ ކުރެވިފައިވާ އެމްއޯޔޫގެ ދަށުން ފޮނުވޭ ތިން ވަނަ ބެޗު ކަމަށް ބަޔާނުގައި ބުންޏެވެ.
މި ތަމްރީން ޚާއްސަކޮށްފައި ވަނީ ސިވިލް ސާވިސް އެންޑް ގުޑް ގަވަނަންސް، ލޯކަލް ގަވަނަންސް، ޕޮލިސިން އެންޑް ސެކިއުރިޓީ، ކަސްޓަމްސް، މީޑިއާ، ޖުޑިޝަރީ، އޮޑިޓް އެންޑް ފައިނޭންސް، ހެލްތު، އެގްރިކަލްޗާ، ލާމަރުކަޒީ ނިޒާމް، ތިމާވެށި، ޒުވާނުން އަދި ކުޅިވަރު ފަދަ ކުރިއަރަމުންދާ އާންމު ދާއިރާތަކަށް ބިނާކޮށް ރާއްޖޭގެ ރައްޔިތުންނަށް ބާއްވާ ސިލްސިލާ ތަމްރީންތަކުގެ ތެރެއިން ކަމުގައި ފާހަގަ ކޮށްފައިވެ އެވެ.
އެޗްސީއައި މޯލްޑިވްސްއިން ބުނީ މި ތަމްރީން ޕްރޮގްރާމުގައި ހިމަނާފައިވާ ކޯސްތަކަކީ ސިވިލް ސާވިސް ކޮމިޝަނުން ފާހަގަކޮށްފައިވާ ޝަރުތުތަކާ އެއްގޮތަށް ފަރުމާކުރެވިފައިވާ ބައިތަކެއް ކަމަށެވެ.
ލެކްޗާރތަކުގެ އިތުރުން މި ދަތުރުގައި އިންޑިއާގެ ދެހްދަރުންގައި ހުންނަ ސްމާޓް ސިޓީ ޕްރޮޖެކްޓް އަދި ސްމާޓް ސްކޫލުގެ އިތުރުން ދިއްލީގައި ހުންނަ ފުރަތަމަ ޒީރޯ އެނާޖީ ބިލްޑިން ކަމުގައިވާ އެމްއޯއީއެފްސީސީއަށް ޒިޔާރަތްކުރުމުގެ އިތުރުން ތާޖް މަހަލްއަށް ޒިޔާރަތްކުރުން ހިމެނޭ ކަމަށް ވެސް ހައިކޮމިޝަނުން ބުންޏެވެ.