ENGLISH
06 ޖުލައި 2025
ހުއްޓިފައިހުރި ބިނާރުގެ މަސައްކަތްތައް އަލުން ފެށުމަށް ބޭނުންވާ ބޮޑުހިލަ ބަލްކުކޮށް ގެންނަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެއްޖެ
08 ޖެނުއަރީ 2025
|
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުއްޓިފައިހުރި ބިނާރުގެ މަސައްކަތްތައް އަލުން ފެށުމަށް ބޭނުންވާ ބޮޑުހިލަ ބަލްކުކޮށް ގެންނަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ހުވަދުއަތޮޅުގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، މިއަދު ގދ. ރަތަފަންދޫ ރައްޔިތުންނާ މުޚާޠަބުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރަށްރަށުގައި ހުއްޓިފައިހުރި ބިންހިއްކުމާއި، ބަނދަރު މަސައްކަތްތައް ހުއްޓިފައިވާ އެންމެ ބޮޑު އެއް ސަބަބަކީ، ބޮޑު ހިލަ ނުލިބުންކަން ފާހަގަކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބަލްކުކޮށް ބޮޑުހިލަ ގެނައުމަށް ބޭނުންވާ ފައިސާގެ ކަންކަން ހަމަޖައްސަވައި، އެކަން އިންތިޒާމުކުރުމުގެ މަޝްވަރާތައް، ކަމާ ބެހޭ އިދާރާތަކާއެކު ކުރައްވާފައިވާކަމަށެވެ.
"އެއީ އެކި ރަށްރަށުގައި މަސައްކަތް ހުއްޓިފައި މިހުރީ ބޮޑު ހިލަ ނެތިގެން. ނޫނީ ޝޯ ޕްރޮޓެކްޝަނަށް ބޭނުންވާ މެޓީރިއަލް ނެތިގެން. ބަނދަރުތަކާއި، ރަށްގިރުމުގެ މައްސަލަ އާއި ބިންހިއްކުމުގަ ބޭނުންވާ ތޮށިލުމާއި، މިހެންހުރި ކަންކަމަށް ބޭނުންވާ ހިލަ. އެހެންވީމަ މިހާރު ވަނީ ކަންތައްތަކެއް ރޭވިފައި. މިކަން ކުރާނެ ގޮތްތަކެއް. ފައިސާވެސް ހަމަޖައްސައިދީފައި ހުންނާނީ،" އެމަނިކުފާނު ޔަޤީންކަން ދެއްވިއެވެ.
އަދި މި އަހަރާއި، ކުރިއަށް މި އޮތް ދެ އަހަރު ވެގެންދާނީ، ރައީސުލްޖުމްހޫރިއްޔާ އެކި ކެމްޕެއިންތަކުގައްޔާއި، ދިވެހީންގެ ރާއްޖެ މެނިފެސްޓޯގައިވާ ވަޢުދުތަކާއި، ރައްޔިތުންނާ ބައްދަލުވުމުން އިއްވަވާފައިވާ ޝިކާޔަތާ ގުޅިގެން ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވައިދެއްވާނޭ އަހަރުތަކަކަށް ކަމަށް އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން، ވަނީ ތަކުރާރުކުރައްވާފައެވެ.
މީގެ އިތުރުން، 50 އެތައް ރަށެއްގައި ކައުންސިލް އިމާރާތް އެޅުމަށް ސިޓީޒް މިނިސްޓްރީގެ ބެއްލެވުމުގެ ދަށުން ހިންގާ ޕްރޮޖެކްޓް މިހާރު ބަޔަކާ ހަވާލުކޮށްފައިވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ސަރުކާރުގެ ވިސްނުމަކީ އަދި ސިޔާސަތަކީވެސް ކުޑަ ރަށެއް ބޮޑުރަށެއް ނުބަލާ، ހުރިހާ ރަށަކަށްވެސް ހަމަހަމަކަމާއެކު ޚިދުމަތްދިނުންކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.