ENGLISH
06 ޖުލައި 2025
މި އަހަރުގެ ބަޖެޓުގައި ބަލާނީ ވީހާވެސް ގިނަ މަޝްރޫޢުތަކަށް ޢަމަލީ ސިފަ ގެނައުމަށް: ރައީސް
08 ޖެނުއަރީ 2025
|
މި އަހަރުގެ ބަޖެޓުގައި ބަލާނީ ވީހާ ވެސް ގިނަ މަޝްރޫޢުތަކަށް އަމަލު ސިފަ ގެނައުމަށާއި ނުފެށި ހުރި މަޝްރޫޢުތައް އަންނަ އަހަރު ފައްޓަވައިދެއްވަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އެކި ރަށްރަށަށް ވަޑައިގަތުމަށް ރައީސް ފައްޓަވާފައިވާ ސިލްސިލާ ދަތުރުފުޅުގެ ތެރެެއިން ގދ. ރަތަފަންދޫ އަށް މިއަދު ހެނދުނު ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުޚާތަބް ކުރައްވާ ރައީސް ވިދާޅުވީ ރަށްށުގައި ކުރަން ޖެހި ނުކުރެވި ހުރި ކަންކަން މި އަހަރާއި އަންނަ އަހަރުގެ ތެރޭގައި ހަޤީޤަތުގައި ވެސް އަމަލީ ސިފަ ގެންނަވާނެ ކަމަށެވެ.
"2025، 2026 އަދި ކޮންމެ ވެސް ވަރަކަށް 2027، މި ތިން އަހަރު ވެގެންދާނީ އަޅުގަނޑު ކެމްޕޭން ތެރޭގައި ރަށްރަށަށް ގޮސް ވެފައިވާ ވަޢުދުތަކާއި މެނިފެސްޓޯގައި ލިޔެފައި ހުރި ވަޢުދުތަކާ އަދި މިހެން ރަށްރަށަށް އައިސް ކައުންސިލްތަކުގައި ރައްޔިތުންނާ ބައްދަލުވީމާ ހިއްސާކުރާ ކަންކަމަށް އަމަލީ ސިފަ ގެނެސް، އެކަންކަން ހަޤީޤަތަކަށްވާ ތަން ހަމަ ޔަގީނުން ވެސް ރައްޔިތުންނަށް ފެނިގެންދާނެ،" ރަށްރަށަށް ވަޑައިގެން ރައީސް ޢާއްމުކޮށް ދައްކަވާ ވާހަކަފުޅު ތަކުރާރު ކުރައްވަމުން ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި އަހަރާއި މި އަންނަ އަހަރު ނިންމާފައި ވަނީ ރައްޔިތުންނަށް ބޭނުންވާ މުހިންމު މަޝްރޫޢުތައް ފެށުމާއި ވީހާ ވެސް ގިނަ މަޝްރޫޢުތައް ނިންމުމަށް ކަމަށެވެ.
ރަތަފަންދޫގެ ތަރައްޤީއަށް ހިންގާ މަޝްރޫޢުތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ އެ ރަށުގައި ވޮލީ ކޯޓެއް އަޅައިދީ، އިންޑޯ ޖިމްއެއް ހަދައިދީ، ވަސީލަތްތައް ފުރިހަމަ ޔޫތު ސެންޓަރެއް އަޅުއްވައިދެއްވާނެ ކަމަށެވެ.
މި އަހަރުގެ ބަޖެޓުގެ ތެރޭން އެންމެ އިސްކަން ދޭ ކަންކަމުގެ ތެރޭގައި ސިއްހީ ދާއިރާ އާއި ތަޢުލީމީ ދާއިރާ ހިމެނޭ ކަމަށާއި ރަތަފަންދޫގެ ސިއްހީ މަރުކަރުގެ ފެންވަރު ރަނގަޅުކޮށް ހުރިހާ ގޮތަކުން ވެސް ރަށަށް ބޭނުންވާ ފަދަ ސިއްހީ މަރުކަޒަކަށް އެތަން ހައްދަވައިދެއްވާނެ ކަމަށެވެ. ސްކޫލްގެ މަލްޓިޕާޕޯސް ހޯލް ހައްދަވައިދެއްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.