ENGLISH
21 އޭޕްރީލު 2025
ކައުންސިލުތައް ހިންގުމުގައި ފުލްޓައިމްކޮށް ތިބޭނީ އިންތިޚާބީ ދެ މެމްބަރުން ކަމުގައި ހަމަޖެއްސުމުގެ ވިސްނުންފުޅެއް ރައްޔިތުންގެ މަޝްވަރާއަށް ރައީސް ދޫކޮށްލައްވައިފި
07 ޖެނުއަރީ 2025
|
ރައީސް ފިޔޯރީގައި ވާހަކަފުޅު ދައްކަވަނީ
ކައުންސިލުތައް ހިންގުމުގައި ފުލްޓައިމްކޮށް ތިބޭނީ އިންތިޚާބީ ދެ މެމްބަރުން ކަމުގައި ހަމަޖެއްސުމުގެ ވިސްނުންފުޅެއް ރައްޔިތުންގެ މަޝްވަރާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިރޭ ދޫކޮށްލައްވައިފިއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ގދ. ފިޔޯރީ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
މީގެ ކުރިން ދެއްކެވި ވާހަކަފުޅުތަކުގައި ކައުންސިލްތަކުގެ ސައިޒް ކުޑަކުރެއްވުމުގެ ވާހަކަ ފާހަގަ ކުރައްވާފައިވާނެކަމަށް އެމަނިކުފާނުވިދާޅުވިއެވެ. އެހެންނަމަވެސް ކައުންސިލްތަކުގެ ސައިޒް ކުޑަކުރުމަށްޓަކައި ކައުންސެލަރުންގެ އަދަދު މަދު ކުރުމަކީ ޑިމޮކްރެޓިކް ރެޕްރެޒެންޓޭޝަނަށް އަސަރުކުރާނެ ކަމަކަށްވާތީ، އިންތިޚާބީ ކައުންސިލަރުންގެ އަދަދު މަދުނުކޮށް، އޮފީސް ހިންގުމުގައި ދާއިމީ ދެމީހުންނަކީ ކައުންސިލްގެ ރައީސާއި ނާއިބް ރައީސް އަދި މޭޔަރާއި ޑެޕިއުޓީ މޭޔަރަށް ހެދުމަކީ ގެންގުޅުއްވާ ސީރިއަސް ވިސްނުންފުޅެެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އަދި އެގޮތަށް ބަދަލު ކުރެވިއްޖެ ނަަމަ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގައި ވެސް ފުލްޓައިމްކޮށް ތިބޭނީ ރައީސާއި ނާއިބް ރައީސާ އެކަންޏެވެ.
"އޭރުން ޑިމޮރްކެޓިކް ރެޕްރެޒެންޓޭޝަނަށް ބަދަލެއް ނާދޭ،" ރައީސް ވިދާޅުވިއެވެ. "މި ގޮތަށް ހެދުނީމަ މަހުން މަހަށް މުސާރައަށް ދާ ޚަރަދު ވަރަށް ބޮޑުތަނުން ކުޑަވެގެންދާނެ."
އެމަނިކުފާނު ވިދާޅުވި ގޮތުގައި މިހާރުވެސް އޮންނަ ގޮތަށް ހުރިހާ ކައުންސަރުން ވެސް އިންތިޚާބުކުރާނެ ކަމަށާއި އެހެންނަމަވެސް ރަށްރަށުގެ ކައުންސިލްތަކުގެ ރައީސާއި ނާއިބް ރައީސް އަދި ސިޓީތަކުގެ މޭޔަރާއި ޑެޕިއުޓީ މޭޔަރުގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގައި ރައީސާއި ނާއިބް ރައީސް ފިޔަވައި ދެން ތިބޭ ހުރިހާ މެމްބަރުންނަށް ލިބޭނީ ސިޓިން އެލެވަންސެކެވެ. އެއީ ބައިވެރިވާ ބައްދަލުވުމުގެ ނިސްބަތުން އެލަވަންސް ދޭ އުސޫލެކެވެ. އެ އުސޫލަކީ ތަަރައްޤީވެފައިވާ ޤައުމުތަކުގައި ވެސް ގެންގުޅޭ އުސޫލު ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.