ENGLISH

21 އޭޕްރީލު 2025

Advertisement

ވެސްޓަރން އޮސްޓްރޭލިއާގެ ގަވަރުނަރުގެ އަނބިކަނބަލުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފި

07 ޖެނުއަރީ 2025

|

ހަސަން އާމިރު

ވެސްޓަރން އޮސްޓްރޭލިއާގެ ގަވަރުނަރ ހިޒް އެކްސެލެންސީ ކްރިސް ޑޯސަން އޭ.ސީ، އޭ.ޕީ.އެމް.ގެ އަނބިކަނބަލުން ޑެރިލީން ޖޫލީ ޑޯސަން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދުގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ވެސްޓަރން އޮސްޓްރޭލިއާގެ ގަވަރުނަރގެ އަނބިކަނބަލުންނަށް މަރުޙަބާ ވިދާޅުވެ ގަވަރުނަރު ޑޯސަންއާއި އެ ކަމަނާ ދިވެހިރާއްޖޭގައި ހޭދަކުރައްވާ ވަގުތަކީ އުފާވެރި ވަގުތަކަށްވުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އެދިވަޑައިގެންނެވިއެވެ. އެ ކަމަނާ ވަނީ ދިވެހިރާއްޖެއާއި އޮސްޓްރޭލިއާ އާއި ދެމެދު އޮތް ގާތް ގުޅުމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ގަވަރުނަރުގެ އަނބިކަނބަލުން ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި އޮސްޓްރޭލިއާއިން ތަޢުލީމީ ދާއިރާގެ ތަރައްޤީއަށް ޒަމާނުއްސުރެ ކުރައްވަމުން ގެންދަވާ މަސައްކަތާއި، ޚާއްޞަގޮތެއްގައި ކުޑަކުދިންނާއި އަންހެން ކުދިންނަށް އުނގެނުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމަށާއި، ވަށާޖެހޭ ތަޢުލީމުގެ މުހިންމުކަމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި ދިވެހިރާއްޖެއިން އޮސްޓްރޭލިއާއަށް މަތީ ތަޢުލީމު ހާސިލްކުރަން ދާ ކުދިންގެ ނިސްބަތް އިތުރުވަމުން ދިއުމާއި އޮސްޓްރޭލިއާ އެވޯރޑްސް ސްކޮލަރޝިޕާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

ގަވަރުނަރުގެ އަނބިކަނބަލުން ވަނީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ހައިސިއްޔަތުން މެޑަމް ސާޖިދާ މުޙައްމަދު އަދާކުރައްވާ ދައުރު ފާހަގަކުރައްވައި، ޞިއްޙީ ދާއިރާގެ ކުރިއެރުމަށް އެ ކަމަނާ ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ވެސް ތަޢުރީފު ކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ ދެ ޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު