ENGLISH

21 އޭޕްރީލު 2025

Advertisement

ނަޑެއްލާގެ ތަރައްޤީއަށް ގިނަ ކަންތައްތަކެއް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

07 ޖެނުއަރީ 2025

|

ހަސަން އާމިރު

ގދ. ނަޑެއްލާގެ ތަރައްޤީއަށްޓަކައި ގިނަ ކަންތައްތަކެއް މި އަހަރުގެ ތެރޭގައި ފައްޓަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އެކި ރަށްރަށަށް ވަޑައިގަތުމަށް ރައީސް ފައްޓަވާފައިވާ ސިލްސިލާ ދަތުރުފުޅުގެ ތެރެެއިން މިއަދު މެންދުރު ނަޑެއްލާއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ މުޚާތަބް ކުރައްވާ ރައީސް ވިދާޅުވީ ރަށުގެ ތަރައްގީ އަށް ބޭނުންވާ ކަންކަމަށް ސަރުކާރުން ވަރަށް އިސްކަން ދެއްވައިގެން ކުރައްވާނެ ކަމަށެވެ. އޭގެ ތެރޭގައި މި މަސް ނިމުމުގެ ކުރިން އާ ބަނދަރެއް ހެދުމަށް ކޮންޓްރެކްޓަރެއް ހޯއްދަވަން އިޢުލާންކުރައްވާނޭ ކަމަށެވެ. 

ނަޑެއްލާގައި މިހާރު ބޭނުންކުރަމުންދާ ބަނދަރަކީ، 2008 ވަނަ އަހަރު ތަރައްޤީކޮށްފައިވާ، ރަށަށް މިހާރު އައިސްފައިވާ ތަރައްޤީއާ ނުބައްދަލު ބަނދަރެއްކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އާ ބަނދަރުގެ މަސައްކަތް ކުރިއަށްގެންދަވާނީ، ރަށަށް ދިމާވެފައިވާ ރަށްގިރުމާއި އުދައެރުމުގެ މައްސަލައަށް، އެ މަޝްރޫޢުގެ ތެރެއިން ޙައްލެއް ގެނެވޭނޭ ގޮތަށް ކަމަށެވެ.

މީގެ އިތުރުން، ނަޑެއްލާގައި ޒަމާނާ އެކަށީގެންވާ ފެންވަރުގެ އާ މިސްކިތެއް ބިނާކުރުމުގެ މަސައްކަތާއި، ސްކޫލާއި ސިއްޙީ މަރުކަޒަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމުގެ މަސައްކަތްތައް ވެސް މި އަހަރު ކުރައްވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. ރަށުގެ ޒުވާނުންގެ ކަންބޮޑުވުންތައް ކަމުގައިވާ، ފުޓުބޯޅަ ދަނޑާއި، ފުޓްސަލް ދަނޑާއި، ވޮލީ ދަނޑު އަދި ޒުވާނުންގެ މަރުކަޒުގެ މަސައްކަތް ވެސް މި އަހަރު ފެށޭނޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ނަޑެއްލާގައި އޭޓީއެމް ބެހެއްޓުމަށް ކައުންސިލްއާ އެކު މިއަދު އެއްބަސްވުމުގައި ސޮއިކުރާނެ ކަމަށް ވިދާޅުވިއެވެ.

ހުވަދުއަަތޮޅުގައި ފުލުހުންގެ ޚިދުމަތް ނުލިބޭ ހަމައެކަނި ރަށެއްގެ ގޮތުގައި ނަޑެއްލާ އޮވެގެން ނުވާނޭކަމަށް ވިދާޅުވެ، އެމަނިކުފާނުގެ ސިޔާސަތާ އެއްގޮތްވާ ގޮތުގެ މަތިން، ނަޑެއްލާގެ ވެސް އާބާދީގެ ނިސްބަތުން ބޭނުންވާ ފެންވަރަށް ޚިދުމަތް ދިނުމަށް ޤާއިމުވެ ތިބޭ ފުލުހުންގެ ޚިދުމަތް ލިބޭނޭ އިންތިޒާމު ހަމަޖައްސަވާނޭކަން ރައީސް އިޢުލާންކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، ނަޑެއްލާގެ ކައުންސިލުން ފާހަގަކުރެއްވި ކަންބޮޑުވުންތަކަށް ޙައްލު ހޯދުމަށް، ވަރަށް ފަރުވާތެރިކަމާއެކު ސަރުކާރުން މަސައްކަތްކޮށްދެއްވާނޭކަމުގެ ޔަޤީންކަން ދެއްވާފައެވެ. އަދި ރައްޔިތުންގެ ފަރާތުން އަބަދުވެސް ލިބިވަޑައިގަންނަވާ އެއްބާރުލެއްވުން އެގޮތުގައި ދެއްވަމުން ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ކިޔުންތެރިންގެ ހިޔާލު