ENGLISH

21 އޭޕްރީލު 2025

Advertisement

ރާއްޖެ އާއި ޔޫއޭއީ ގުޅިގެން މަަސައްކަތްކުރާނެ އިތުރު ދާއިރާތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފި

07 ޖެނުއަރީ 2025

|

ޝަރާ އަބްދުﷲ

އެކިއެކި ދާއިރާތަކުން ރާއްޖެ އާއި ޔޫއޭއީގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި މަޝްވަރާތައް ބާއްވާފައި ވަނީ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ޔޫއޭއީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ޔޫއޭއީގެ ބޮޑުވަޒީރުގެ ނައިބް އަދި ޚާރިޖީ ވަޒީރު ޝެއިޚް އަބްދުﷲ ބިން ޒައިދު އަލް ނަހްޔާންއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.

ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވިދާޅުވީ ދެ ޤައުމު ގުޅިގެން މުހިންމު ގިނަ ދާއިރާތަކަކުން މަސައްކަތް ކުރެއްވުމަށް މި ބައްދަލުވުމުގައި މަޝްވަރާކުރެއްވި ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ވިޔަފާރީގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުން މަޝްވަރާކުރެއްވި ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

ފަތުރުވެރިކަމާއި މަސްވެރިކަމުގެ ސިނާޢަތާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ އަދި ދަތުރުފަތުރުގެ ދާއިރާ ކުރިއެރުވުމާއި ގުޅޭގޮތުން ވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، މި ބައްދަލުވުމުގައި ވަޒީރު ވަނީ ރާއްޖޭގެ ތަރައްޤީ އާއި ކުރިއެރުމަށް ޔޫއޭއީން ފޯރުކޮށްދޭ އެހީތެރިކަން ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.

ޚާރިޖީ ވުޒާރާއިން ވިދާޅުވި ގޮތުގައި، ޚާރިޖީ ވަޒީރު ޚަލީލްގެ މި ދަތުރުފުޅުގައި، އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުޞަތުތައް ހޯއްދެވުމަށް ޔޫއޭއީ ސަރުކާރުގެ އިސްވެރިންނާ ބައްދަކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

ޚާރިޖީ ވަޒީރު ޔޫއޭއީ އަށް ވަޑައިގެންނެވީ އެ ޤައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި ޚާރިޖީ ވަޒީރު ޝެއިޚް އަބްދުﷲ ބިން ޒައިދު އަލް ނަހްޔާންގެ ދަޢުވަތަކަށެވެ.

ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޙަލީލް ޔޫއޭއީ އަށް ވަޑައިގެންނެވީ އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށް ފަހުއެވެ.

ކިޔުންތެރިންގެ ހިޔާލު