ENGLISH
21 އޭޕްރީލު 2025
ރާއްޖޭގައި "އެއަރކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަންސް" ޔުނިޓެއް އުފައްދަނީ
07 ޖެނުއަރީ 2025
|
އިއްޔެ ބޭއްވުނު އެއަރ ޝޯގެ ތެރެއިން- ފޮޓޯ:ރައީސް އޮފީސް
ވައިގެ ދަތުރުފަތުރުކުރާ އުޅަނދުތަކުގެ ސަލާމަތީ މިންގަނޑުތައް ވަރުގަދަކޮށް އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ރާއްޖޭގައި ވެސް "އެއަރކްރާފްޓް އެކްސިޑެންޓް އިންވެސްޓިގޭޝަންސް" ގެ ޔުނިޓެއް އުފެއްްދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށްދާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ޓީވީއެމްގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީން ވިދާޅުވީ ރާއްޖެއަކީ ނިސްބަތުން ކޮންމެ ދުވަހަކު ވެސް ވައިގެ އެކި ކަހަލަ އޮޕަރޭޝަންތައް ގިނައިން ހިންގާ ގައުމަކަށް ވުމުން، ވައިގެ ދަތުރުކުރާ އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ބަލަހައްޓައި ކަށަވަރު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.
މިނިސްޓަރ އަމީން
އަދި ދުނިޔޭގެ ކުރިއަރާފައިވާ އެހެން ގައުމުތަކުގައި ވެސް މިފަދަ އިންވެސްޓިގޭޝަން ޔުނިޓްތައް ހަރަކާތްތެރިވަނީ ސިވިލް އޭވިއޭޝަންގެ ބޭރުން ވަކި ބޮޑީއެެއްގެ ގޮތުގައިކަން ފާހަގަ ކުރައްވަމުން، ރާއްޖޭގައިވެސް ސިވިލް އޭވިއޭޝަން އޮތޯރިޓީއިން ބޭރުން މިފަދަ ވަކި ބޮޑީއެއް އުފެެއްދުމަށް ކެބިނެޓަށް ހުށަހަޅުއްވާނެ ކަމަށް އަމީން ވަނީ ވިދާޅުވެފައެވެ.
އަމީން ވިދާޅުވި ގޮތުގައި ސިވިލް އޭވިއޭޝަންގެ ބޭރުން އިތުރު ބޮޑީއެއް އުފެއްދޭނީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކަމަށާއި، މި މަސް ނިމުމުގެ ކުރިން ކެބިނެޓަށް މިކަން ހުށަހަޅާ އަދި މި މަހުގެ ތެރޭގައި ކެބިނެޓުން ގޮތެއް ނިމިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.
މިކަން ކުރުމަށްޓަކައި އެންމެ ފުރަތަމަ ކުރަން ޖެހޭނެ ކަމަކީ އެއާކްރާފްޓް އިންވެސްޓިގޭޝަންސް ކޮމިޓީއެއް ނުވަތަ ބިއުރޯއެއް ނުވަތަ މޯލްޑިވިއަން އެކްސިޑެންޓް އިންވެސްޓިގޭޝަންގެ ނަމުގައި ބޮޑީއެއް އުފެއްދުން ކަމަށް އަމީން ފާހަގަކުރެއްވިއެވެ.
ރާއްޖެ އަކީ ކުޑަ ގައުމެއް ނަމަވެސް ވަރަށް ގިނަ ވައިގެ ދަތުރުތައް ކޮންމެ ދުވަހަކު ވެސް ރާއްޖޭގެ ސަރަހައްދުގައި ކުރެއެވެ. އަދި މުޅި ދުނިޔެއިންވެސް އެންމެ ވަރުގަދަ ސީޕްލޭން އޮޕަރޭޝަންސް އޮޕަރޭޓް ކުރާ ގައުމަކީ ވެސް ދިވެހި ރާއްޖެ އެވެ.