ENGLISH

21 އޭޕްރީލު 2025

Advertisement

ޒަކާތު ހައުސްގެ ޚިދުމަތްތައް ފުޅާކޮށް، ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުން: ޢިއްޒައްދީން ޢަދުނާން

07 ޖެނުއަރީ 2025

|

އާމިނަތު ޔުމްނާ

ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް ޢިއްޒުއްދީން އަދްނާން އެމްއެމްގެ ބޮޑު ޚަބަރު ޕްރޮގްރާމްގައި

ރައީސުލް ޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމާ އެކު އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ ޒަކާތު ހައުސްގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް، ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް ޢިއްޒައްދީން އަދުނާން ވިދާޅުވެއްޖެއެވެ.

އެމްއެމް ޓީވީގެ ބޮޑު ޚަބަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޢިއްޒުއްދީން އަދްނާން ވިދާޅުވީ، ޒަކާތު ހައުސްއިން މިހާރު ބޭސްފަރުވާއަށާއި ތަޢުލީމަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ. އަދި ޒަކާތުގެ ޙައްޤުވެރިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އައު އުސޫލުތަކެއް އެކުލަވާލާފައިވާ ކަމަށާއި، ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ގާނޫނީ އޮނިގަނޑު ވެސް ތައްޔާރުކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމައެހެންމެ ފަޤީރުންގެ ލިސްޓުގައިވާ މީހުންނަކީ ޒަކާތް ދައްކާބަޔަކަށް ހެދުން މިއީ އަމާޒުކަމަށާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ޒަކާތު ހައުސް އިފްތިޠާހުކޮށްދެއްވި ދުވަހު ވާހަކަފުޅު ދައްކަވަމުން ވިދާޅުވިފަދައިން އަސްލަކީ މުޖުތަމަޢުއަކީ އަބަދު ޒަކާތް ހޯދަން އަންނަ ބަޔަކަށް ވުރެ ބޮޑަށް ފުދުންތެރިބަޔަކަން ހަދައިދިނުންކަން ފާހަގަކުރެއްވިއެވެ.

"އެނގިވަޑައިގަންނަވާނެ ފަދައިން މި އަހަރަކީ، ދެހާސް ސައްވީސް ވަނަ އަހަރަކީ ޒަކާތުގެ ތާރީޚުގައި ޒަކާތުގެ ފަންޑަށް ނުވަތަ ޒަކާތަށް އެންމެ ގިނަ ލާރި ލިބުނު އަހަރު ، ގާތްގަނޑަކަށް މިހާތަނަށް އެންމެ ފަހުން ބެލި ސްޓެޓިސްޓިކުން އެނގެނީ މިއީ 98.6 މިލިއަން މިހާރު ޖަމާވެފައި. އެއީ ޒަކާތު ތާރީޚުގަ ވަރަށް ބޮޑު ރެކޯޑެއް" - ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް އައްޝައިޚް ޢިއްޒުއްދީން އަދްނާން

ޒަކާތާ ގުޅޭގޮތުން މުޖުތަމަޢު ހޭލުންތެރިކުރުމަށް ގިނަ ޕްރޮގްރާމްތަކެއް ހިންގާފައިވާ ކަމަށާއި، މި ޕްރޮގްރާމްތަކުގެ ޒަރިއްޔާއިން ޒަކާތާއި ޒަކާތުގެ ނިޒާމާއި ގުޅޭގޮތުން ގިނަ ބަޔަކު ހޭލުންތެރިކުރެވުނު ކަމަށް ފާހަގަކުރެއްވިއެވެ. ހަމައެކަނި މިސްކިތް ދަރުސްގެ ގޮތުގައި 52 ދަރުސް ބޭއްވުނު ކަމަށާއި މީގެއިތުރުން ވެސް ސްކޫލްތަކާއި ސޯޝަލް މީޑިއާގެ އެހީގައިވެސް ހޭލުންތެރިކުރުމުގެ ގިނަ ޕްރޮގްރާމްތަކެއް ހިންގުނުކަން ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތަނުގައި ޒަކާތުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ޒަކާތުގެ ފައިދާ އިތުރު ބަޔަކަށް ފޯރުކޮށްދިނުމަށް މަސައްކަތްކުރާނެ ކަމަށް ވެސް ޢިއްޒައްދީން ވިދާޅުވިއެވެ.

މީގެއިތުރުން ޒަކާތު ފަންޑަށް ފައިދާ އިތުރުކުރުމަށް އިންވެސްޓްމެންޓް ޕޮލިސީތައް ދުނިޔޭގެ އެހެން ޤައުމުތަކުގައި ކުރާ ގޮތްތައް، ދިރާސާކޮށް އަދި އެކަމާ ގުޅޭ ދީނީ ޝަރުޢީ ގޮތުން ހުއްދަ ކުރާ ކަންތައް ތަކެއްގެ މައްޗަށް ބިނާކޮށް އެޑްވައިޒަރީ ކޮމެޓީގެ ލަފާގެމަތިން ޒަކާތު ނަފާ ޕްރޮގްރާމްގެ ދަށުން ދަނޑުވެރިންނަށް މާކެޓް ކުރުމުގެ އުސޫލާއި ދަނޑު ހައްދަން ބޭނުންވާ ވަސީލަތްތައް ޤާއިމުކޮށް ނަފާލިބޭނެ މަގު ހޯދާދެވިފައިވާކަން ފާހަގަކުރެއްވިއެވެ. 

އަދި ޑިޕްލޮމާ އިން ޕީއެޗްޑީއާ ހަމައަށް ކިޔެވޭ ގޮތަށް ފުދުންތެރިކަން ނެތް ފަޤީރު ނިކަމެތި ޢާއިލާތަކަށް މަގު ތަނަވަސްކޮށްދީ ކޯސް ފަށާފައި ނުނިމި ތިބި މީހުނަށް އެހީތެރިކަން ދެވޭ ގޮތަށް އަލަށް އެކުލަވައިލި އުސޫލުގެ ސަބަބުން ޤައުމަށްފައިދާ ހުރި ދާއިރާތަކުން މީހުން ބިނާކުރުމަށް ހަރަދުކުރެވޭނެ ކަމަށް ވިދާޅުވިއެވެ.

ބޮޑެތި ބަލިތަކަށް އެހީ ހޯދުމަށް ގިނަ ޢަދަދެއްގެ ފޯމުތައް ޒަކާތު ފަންޑަށް ހުށަހަޅާ ކަމަށް ޢިއްޒައްދީން އަދްނާން ވިދާޅުވިއެވެ.

ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ދާ ފަރާތްތަކަށް ހުރުމާއި ކެއުމުގެ ޚަރަދު ދިނުމަށް އިސްކަންދޭ ކަމަށާއި، ބޮޑެތި ބަލިތަކަށާއި ކުޑަކުދިންނަށާއި އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ ސަމާލުކަމެއް ދޭ ކަމަށާއި، އަދި ހުށަހަޅާ ލިޔެކިޔުންތަކާއި ޑޮކްޓަރުގެ ލިޔުންތަކަށް ވަރަށް ބޮޑަށް ބަލާ ކަމަށް ހާމަކުރެއްވިއެވެ.

އެހީ ދިނުމުގައި ހަތަރު ކެޓަގަރީއަކަށް ބަހާލެވިފައިވާ ކަމަށާއި، އޭގެ ތެރެއިން އެންމެ މަތީ ކެޓަގަރީގައި ހިމެނެނީ ކެންސަރު ފަދަ ބޮޑެތި ބަލިތަކާއި ގުނަވަން ބަދަލުކުރުން ފަދަ ކަންކަން ކަމަށް ވިދާޅުވިއެވެ.

އެހީ ދިނުމުގައި ވަކި މިންވަރެއް ގެންގުޅޭ ކަމަށާއި، އާންމު ގޮތެއްގައި ތިރީސް ހާސް ރުފިޔާގެ ލިމިޓެއް އޮންނަ ކަމާއި، ނަމަވެސް ކޮމިޓީން ނިންމައިފިނަމަ އިތުރަށް ވެސް އެހީ ދެއްވާ ކަން ހާމަކުރެއްވިއެވެ. 

ޒަކާތު ހައުސްގެ އަމާޒަކީ ޒަކާތު ފަންޑަށް 100 މިލިއަން ރުފިޔާއަށްވުރެ އިތުރަށް ފައިސާ ޖަމާކުރުން ކަމަށާއި، އޭރުން ޒަކާތުގެ ޙައްޤުވެރިންނަށް އިތުރަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް ޢިއްޒައްދީން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު