ENGLISH

21 އޭޕްރީލު 2025

Advertisement

މޯލްޑިވިއަންގެ ވައިޑް ބޮޑީ ދެވަނަ ބޯޓު އޮކްޓޯބަރުގައި ބޭނުންކުރާނެ: ރައީސް

06 ޖެނުއަރީ 2025

|

ހަސަން އާމިރު

ވައިޑް ބޮޑީ މަތިންދާބޯޓު އިފްތިތާހު ކުރަން ބޭއްވި ރަސްމިއްޔާތުގައި ރައީސް ވާހަކަ ދައްކަވަނީ.

ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަންގެ ދެވަނަ ގޯލު މި އަހަރުގެ އޮކްޓޯބަރު މަހު ރާއްޖެ ގެނެސް އުދުހެން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަންގެ ފުރަތަމަ ވައިޑް ބޮޑީ މަތިންދާބޯޓު އެއާބަސް 330 ގެ މަތިންދާ ބޯޓު ރާއްޖެ ގެނެސް   އިފްތިތާޙުކުރުމަށް މިއަދު ބޭއްވި ހަފުލާގައި ރައްޔިތުންނާ މުޚާޠަބުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މި އޮޕަރޭޝަންތައް ފެށުމާއެކު، ޤައުމީ އެއާލައިން، މޯލްޑިވިއަނުން ދަތުރުކުރާ މަންޒިލްތައް އިތުރުވުމުން ލިބޭ ކުރިއެރުމަކީ، ދިވެހި އިޤްތިޞާދު ފުޅާކުރުމަށްޓަކައި ފަށްޓަވާފައިވާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. ކުރިއަށް މި އޮތީ ތަރައްޤީގެ ދުވަސްތައް ކަމަށާއި، މި އަހަރު ރައްޔިތުންނަށް ފެނިވަޑައިގަންނަވާނީ، އިޤްތިޞާދީ، އިޖުތިމާޢީ، އަދި ޢުމްރާނީ ގޮތުންވެސް ތަރައްޤީގެ ޢަމަލީ މަންޒަރުތައްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ސަރުކާރުން މަސައްކަތްކުރަނީ ތަރައްޤީ އާއި ހަމަޖެހުމާއި މިނިވަންކަމާއި ސިޔާދަތު އެކުއެކީގައި ޙާޞިލުވެގެންދާ ފަދަ ވަށާޖެހޭ ތަރައްޤީއެއް ޤައުމަށް ގެނެސްދެއްވުމަށްކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި، ރާއްޖޭގެ ކުރިމަގު ރޭވުމުގެ ތަޞައްވަރުގެ ތެރޭގައި ކަނޑައެޅި ކަނޑައެޅުމެއްގެ ގޮތުގައި އުފަންވި، ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޝަންސް ފެށުމުގެ ޚިޔާލު މިއަދު ޙަޤީޤަތަކަށްވެ، އެއާބަސް އޭ330-200 މަރުކާގެ މަތިންދާބޯޓު ރާއްޖެ ގެނެސް، ދިވެހި މުވައްޒަފުންގެ ބައިވެރިވުމާއެކު އޮޕަރޭޓްކުރަން ފެށުން ފާހަގަކުރުމަށް ބޭއްވި މި ޙަފުލާ، ރައީސުލްޖުމްހޫރިއްޔާ ސިފަކުރައްވާފައިވަނީ، މިއީ އަދި ފެށުމެއްގެ ގޮތުގައެވެ.

އަޅުގަނޑުމެންގެ އުދުހުންތައް ދިވެހިންގެ އަތްމަތީގައި އޮތުމުގެ މުހިންމުކަމަށް އިޝާރާތްކުރައްވައި އެމަނިކުފާނު ވިދާޅުވީ، މި ގޮތުގައި ފަތުރުވެރިކަމާއި، އުދުހުމުގެ ސިނާޢަތަށް ކުރިއެރުންތައް ލިބިގެންދާނެ ކަމަށެވެ. އަދި މި އަހަރު ވެގެންދާނީ، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ވަރަށް ގިނަ ހަރުފަތްތަކެއް ގިރާކޮށްގެން، އައިލެންޑް އޭވިއޭޝަނާއި އެމް.އޭ.ސީ.އެލް އަށް އިތުރު ކުރިއެރުންތަކެއް ގެނެސްދޭނޭ އަހަރަކަށް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި، ފަތުރުވެރިން ގެނެވޭނެ މަންޒިލްތަކަށް ޤައުމީ އެއަރލައިން "މޯލްޑިވިއަން" އިން ސީދާ ދަތުރުތައް ފެށުމަށްޓަކައި، "ވައިޑް-ބޮޑީ އެއާކްރާފްޓް އޮޕަރޭޝަން" ތަޢާރަފްކުރުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ނިންމެވީ، 17 ޑިސެންބަރު 2023 ގައެވެ. ރާއްޖެއަށް ވައިޑް-ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަން ތަޢާރަފްކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ކެމްޕެއިންގެ ވަޢުދުފުޅެކެވެ.

ކިޔުންތެރިންގެ ހިޔާލު