ENGLISH

21 އޭޕްރީލު 2025

Advertisement

ރާއްޖޭގައި ކުރެވޭ އޮޕަރޭޝަންތަކުގެ ޢަދަދު އަންނަނީ އިތުރުވަމުން

06 ޖެނުއަރީ 2025

|

އާމިނަތު ޔުމްނާ

އައިޖީއެމް ހޮސްޕިޓަލުގެ ތިއޭޓަރެއް. ފޮޓޯ: އައިޖީއެމްއެޗް

ރާއްޖޭގައި ކުރެވޭ އޮޕަރޭޝަންތަކުގެ އަދަދު މިދިޔަ އަހަރު ބޮޑުތަނުން އިތުރުވެއްޖެއެވެ.

ސިއްޙަތާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2022 ވަނަ އަހަރު 16،089 އޮޕަރޭޝަން ކުރި އިރު، 2023 ވަނަ އަހަރު މި އަދަދު 20،593 އަށް އަރާފައިވެއެވެ. މިއީ 28 އިންސައްތައިގެ ކުރިއެރުމެކެވެ.

މާލެ ސަރަޙައްދުގައި، ހުޅުމާލެ އާއި ވިލިމާލެ ހިމެނޭ ގޮތަށް، 2023 ވަނަ އަހަރު 16،163 އޮޕަރޭޝަން ކުރިއެވެ. މާލެ ފިޔަވައި އެންމެ ގިނަ އޮޕަރޭޝަން ކުރެވުނީ އައްޑޫ އަތޮޅުގައެވެ. އެ އަތޮޅުގައި 1،031 އޮޕަރޭޝަން ކުރިއެވެ. މިއީ އަތޮޅުތެރޭގައި ސިއްޙީ ޚިދުމަތް ރަނގަޅުވަމުން އަންނަކަމުގެ ހެއްކެކެވެ. އަދި ރާއްޖޭގައި ކުރި އޮޕަރޭޝަންތަކުގެ 71 އިންސައްތަ ހިއްސާކޮށްފައި ވަނީ ޓަރޝަރީ ހޮސްޕިޓަލްތަކުން ކުރި އޮޕަރޭޝަންތަކެވެ.

ދެހާސް ތޭވީސް ވަނަ އަހަރު ވަނީ ފިރިހެނުންގެ 10،301 އޮޕަރޭޝަން ކޮށްފައެވެ. އަދި އަންހެނުންގެ 10،292 އޮޕަރޭޝަން ކުރިއެވެ. މީގެ އިތުރުން ކާޑިއޯވެސްކިއުލަރ އޮޕަރޭޝަންތަކުގެ 76 އިންސައްތަ ހިއްސާކުރަނީ ފިރިހެނުންނެވެ.

އަމިއްލަ ހޮސްޕިޓަލްތަކުން ކުރި އޮޕަރޭޝަންތަކުގެ އަދަދުވެސް އިތުރުވެފައިވެއެވެ. ދެހާސް ތޭވީސް ވަނަ އަހަރު ކުރި އޮޕަރޭޝަންތަކުގެ 47 އިންސައްތަ ހިއްސާކުރަނީ އަމިއްލަ ހޮސްޕިޓަލްތަކެވެ. އޭގެ ތެރޭގައި ނިއުރޯސަރޖަރީ އާއި ޑަރމެޓޮލޮޖީ ހިމެނެއެވެ. ނަމަވެސް، ކާޑިއޮލޮޖީ ފަދަ މުހިންމު އޮޕަރޭޝަންތަކުގެ 90 އިންސައްތަ ހިއްސާކުރަނީ ސަރުކާރުގެ ހޮސްޕިޓަލްތަކެވެ.

އެންމެ ގިނަ އޮޕަރޭޝަން ކޮށްފައި ވަނީ 35 އަހަރާއި 64 އަހަރާ ދެމެދުގެ މީހުންގެއެވެ. އަދި ކުއްލި ހާލަތުގައި ކުރި އޮޕަރޭޝަންތަކުގެ ތެރެއިން 63 އިންސައްތަ އޮޕަރޭޝަން ކޮށްފައި ވަނީ ފިރިހެނުންގެއެވެ. މުޅި ރާއްޖޭގައި ކުރި އޮޕަރޭޝަންތަކުގެ 17 އިންސައްތަ ހިއްސާކުރީ އަތޮޅުތަކުގެ ހޮސްޕިޓަލްތަކެވެ.

ކިޔުންތެރިންގެ ހިޔާލު