ENGLISH
21 އޭޕްރީލު 2025
ބަންޑް ވޯލް ޖަހައި، ފަސްއަޅައި ނިމިގެން ނޫނީ، ގުޅީގެ ބިންހިއްކުމުގެ މަޝްރޫޢު ދެން ނުހުއްޓޭނެ ކަމަށް ރައީސް ވިދާޅުވެއްޖެ
05 ޖެނުއަރީ 2025
|
ބަންޑް ވޯލް ޖަހައި، ފަސްއަޅައި ނިމިގެން ނޫނީ، މާލެ އަތޮޅު ގުޅީގެ ބިންހިއްކުމުގެ މަޝްރޫޢު ދެން ނުހުއްޓޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި ޔަޤީންކަން ގުޅީ ރައްޔިތުންނަށް ދެއްވީ، އެމަނިކުފާން މިއަދު ހަވީރު ގުޅިއަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައްޔިތުންގެ އުންމީދުތަކުގައި ޙަޤީޤީ ކުލަޖައްސަވައިދެއްވާނޭކަމުގެ ޔަޤީންކަން ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، ކުރީ ސަރުކާރު ނިމެން ދަނިކޮށް ބިން ހިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް، އެ މައްސަލައަށް ޢަމަލީ ސިފައެއް ގެނެވޭނޭ ފަދަ ބަޖެޓެއް ފަހިކޮށްދީފައި ނުވާކަން ފާހަގަކުރައްވާފައެވެ. އެހެންނަމަވެސް، މިވަގުތުވެސް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީގެ ޓީމު ގުޅީގައި ހަރަކާތްތެރިވަމުންދާ ދިއުމުންވެސް ދޭހަކޮށްދެނީ، ކުރިން ވީހެން މިހާރު ނުވާނޭކަން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި މަސައްކަތް ކުރިއަށްގެންދަވާނީ، ކައުންސިލުން ބައްޓަންކޮށްފައިވާގޮތަށް، އިތުރު ބަދަލެއް ނުގެނެސްކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
އެރަށަށް ދިމާވެފައިވާ ބަނދަރުގެ ޖާގައިގެ މައްސަލައަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މަސައްކަތްކުރައްވާނީ އިތުރު ބަނދަރެއް އަޅައިގެންތޯ ނުވަތަ މިހާރު އޮތް ބަނދަރު ބޮޑުކޮށްގެންތޯ ނިންމާނީ ރަށު ކައުންސިލާއި، ކޮންސްޓްރަކްޝަން މިނިސްޓްރީން މަޝްވަރާކުރުމަށްފަހު ކަމަށެވެ. އަދި މި މަޝްވަރާގައި ނިންމުންތައް ނިންމަންވާނީ ރަށަށް ފައިދާ ބޮޑުވާނޭ އަދި އިޤްތިޞާދީ ނަފާ ބޮޑުވާނޭ ގޮތަށް އިސްކަންދެއްވައިގެން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެ އިތުރުން، ބަނދަރުގެ ނެރުފައިކަށީގެ މައްސަލައިގައި، މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ޙައްލެއް ހޯދެން އޮތްތޯ ބެއްލެވުމަށް ފަންނީ ލަފާއަށް އެދިވަޑައިގެން، އެ ފަދަ ޙައްލެއް އޮތްނަމަ، ޙައްލު ހޯއްދަވައިދެއްވާނޭކަމުގެ ޔަޤީންކަންވެސް އެމަނިކުފާނު ވަނީ ދެއްވާފައެވެ. ބިމުގެ ދަތިކަން ނައްތާލެވި، ބަނދަރުގެ މައްސަލަ ހައްލުކުރުމަކީ، ގުޅީގެ ތަރައްޤީއަށް ލާޒިމު މަސައްކަތެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރަށަށް ފައިދާއެއް ނުވާނޭގޮތަށް ލޯކަލް ޓޫރިޒަމަށް ދޫކޮށްފައިވާ ބިމުގެ މައްސަލައަށް އިޝާރާތްކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެޓަރނީ ޖެނެރަލާއި ފަތުރުވެރިކަމުގެ ވުޒާރާ އާއި ރަށު ކައުންސިލުން މި މައްސަލަ ދިރާސާކޮށް، ރަށަށް އެންމެ ފައިދާވާނޭ ގޮތަކީ އެ އެއްބަސްވުން ނިމުމަކަށް ގެނައުންކަމުގައި ނިންމަވައިފިނަމަ، އެކަން އެގޮތަށް ކުރުމަށް މަގުފަހިކޮށްދެއްވާނޭ ކަމަށްވެސް ވިދާޅުވެފައެވެ.
މީގެ އިތުރުން، ތަޢުލީމީ ދާއިރާގައި ހުއްޓިފައިހުރި މަސައްކަތްތައް އަލުން ފަށައި، ރަށުގެ ސިއްޙީ ދާއިރާގެ ޤާބިލުކަން އިތުރުކުރުމަކީ މި އަހަރުގެ ބަޖެޓުގައި އަހަންމިއްޔަތުކަން ދެއްވާ ކަންތައްތައް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ގުޅިއަށް ދިމާވެފައިވާ މިސްކިތުގެ ޖާގައިގެ ދަތިކަމާއި، ކުނި މެނޭޖުކުރުމުގެ މައްސަލައަށް ވެސް ޙައްލެއް ހޯއްދަވައިދެއްވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވާފައިވެއެވެ.
މާލެ އަތޮޅު ގުޅިއަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި މި ދަތުރުފުޅަކީ، 2024 ވަނަ އަހަރު އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފަށްޓަވައިގެން ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން މިއަހަރު ކުރައްވާ އެންމެ ފުރަތަމަ ދަތުރުފުޅެވެ.