ENGLISH
05 ޖުލައި 2025
ވަޢުދުވެފައިވާ ހުރިހާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށް ގެންދާނެ ފަރާތްތައް ހޯދުމަށް މި މަސްތެރޭ އިޢުލާން ކުރާނެ: ރައީސް
05 ޖެނުއަރީ 2025
|
ކ. ގުޅީ ރައްޔިތުންނާއި ރައީސް ބައްދަލުކުރެއްވުން--- ފޮޓޯ: ރައީސް އޮފީސް
ދެހާސް ފަންސަވީސް ވަނަ އަހަރަކީ ބޯހިޔާވަހިކަމުގެ އަހަރަކަށް ހައްދަވާނެ ކަމަށާއި ވަޢުދުވެވަޑައިގެންފައިވާ ހުރިހާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ކުރިއަށް ގެންދާނެ ފަރާތްތައް ހޯދުމަށް މި މަސްތެރޭ އިއުލާން ކުރައްވާނެ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، 2024 ވަނަ އަހަރު އަތޮޅުތަކާއި ރަށްތަކާ ސިޓީތަކުގެ ކައުންސިލްތަކާ ބައްދަލުކުރެއްވުމަށް ފަށްޓަވާފައިވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިން މި އަހަރު ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ކ. ގުޅީ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ގެދޮރުވެރިކަމުގެ މައްސަލަ އަށް އެއް ސަރަހައްދަކުން އެންމެ ބޮޑު ހައްލު އަންނާނެ މަޝްރޫޢު ކަމަށާއި ޢަމަލީ ގޮތުން ބިންހިއްކުމުގެ މަޝްރޫޢު މިހާރު ކުރިއަށްދާ ކަމަށެވެ. އެގޮތުން އެއްފަހަރާ ގިނަ މަޝްރޫއުތަކެއް ރަސްމާލޭގައި ހިންގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، މިދިޔަ އަހަރު ބޭނުންވި ސްޕީޑުގައި މަސައްކަތް ކުރިއަށް ނުގެންދެވުނު ކަމަށެވެ. ސަބަބަކަށް ރައީސް ފާހަގަ ކުރެއްވީ ވާރުތަވި އިޤްތިސާދުގެ ތެރެއިން ހައްލުކުރަން ޖެހިފައި ހުރި ބައިވަރު ކަންތައްތަކެއް ހައްލުކުރަން ޖެހުމުން ކަމަށެވެ.
މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި އަހަރަކީ ބޯހިޔާވަހިކަމާއި އަދި އެހެނިހެން ދާއިރާތައް ހިމެނޭ ގޮތަށް ތަރައްޤީގެ މަޝްރޫޢުތައް އެއް އަހަރެއްގެ ތެރޭގައި އެންމެ ގިނައިން ހިނގާ އަހަރަށް ވެގެންދާނެ ކަމަށެވެ. އަދި ތަރައްޤީގެ މަސައްކަތާއެކު މި އަހަރު ވެގެންދާނީ މުއްސަނދިކަން ރައްޔިތުންނަށް އިހްސާސްކޮށްދިނުމުގެ އަމަލީ މަސައްކަތް ފެށިގެންދާނެ އަހަރަކަށްކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި މިއަދު ވަނީ މާލެއަތޮޅު ގުޅީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، އެރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާގުޅޭގޮތުން މަޝްވަރާކުރައްވައިފައެވެ.