ENGLISH
05 ޖުލައި 2025
ޚާރިޖީ ވަޒީރަށް ފަހު ދިފާޢީ ވަޒީރު ވެސް އިންޑިއާ އަށް
05 ޖެނުއަރީ 2025
|
ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން / ފޮޓޯ: ރައީސް އޮފީސް
ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން މި ހަފުތާގައި އިންޑިއާއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖައްސަވައިފިއެވެ.
މި މަހު 7 އިން 8 އަށް ދިފާޢީ ވަޒީރު އިންޑިއާ އަށް ވަޑައިގަންނަވާ އިރު މި ހަފުތާގެ ބަންދުގައި ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވެސް ވަނީ އިންޑިއާ އަށް ވަޑައިގެންފަ އެވެ.
ދިފާޢީ ވަޒީރު އިންޑިއާ އަށް ވަޑައިގަންނަވާކަން ހާމަކުރައްވާފައި ވަނީ ޚާރިޖީ ވަޒީރު ޑރ. ޚަލީލް އިންޑިއާގެ ވިއޯން ނޫހަށް ދެއްވި އިންޓަވިއުއެއްގަ އެވެ. ޣައްސާނުގެ ދަތުރުފުޅުގެ ސަބަބުން ދެ ގައުމުގެ އަސްކަރީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް ޑރ. ޚަލީލް ވިދާޅުވި އެވެ.
ޚާރިޖީ ވަޒީރު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ރާއްޖޭގެ ރަށްރަށުގައި ތަރައްޤީޤގެ މަޝްރޫއުތައް ހިންގުމުގެ އެއްބަސްވުމެއްގައި އެ ގައުމުގެ ޚާރިޖީ ވަޒީރު ޑރ. އެސް ޖައިސަންކަރާ އެކު ސޮއިކުރައްވައިފައެވެ.
މިއީ ދިފާޢީ ވަޒީރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ޣައްސާން އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ މިދިޔަ އޮކްޓޯބަރުގައި އިންޑިއާއަށް ފުރަމާނަ ދަތުރުފުޅެއް ކުރައްވައިފައެވެ. އެ ދަތުރުފުޅުގައި އިންޑިއާ އިން ވަނީ ރާއްޖޭގެ މާލީ ހާލަތު ރަނގަޅު ކުރުމަށް ކަރަންސީ ސްވޮޕް އެއްބަސްވުމެއް އެކުލަވާލައި އެހީތެރިކަން ވެސް ފޯރުކޮށްދީފަ އެވެ.