ENGLISH
05 ޖުލައި 2025
ޗައިނާގައި ފެތުރެމުންދަނީ ފިނި މޫސުމުގެ ރޯގާއެއް، ހާލަތު ދަނީ ބަލަމުން: އެޗްޕީއޭ
05 ޖެނުއަރީ 2025
|
ފިނި މޫސުމުގެ ދުވަސްވަރާ ދިމާކޮށް ޗައިނާ އަދި އެހެން ގައުމުތަކުގައި އާއްމުކޮށް ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވާ ކަމަށާއި އެހެންވެ އެ ގައުމުތަކުގެ ހާލަތު ބަލަމުން އަންނަ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވިދާޅުވެއްޖެ އެވެ.
ޗައިނާ އިން ބުނީ އެ ގައުމުގައި ވެސް ފެތުރެމުން ދަނީ ފިނި މޫސުމުގެ އާންމު ރޯގާތައް ކަމަށާއި އެކަމަކު މިދިޔަ އަހަރާ އަޅާބަލާއިރު ޗައިނާގައި މި ފަހަރު އެ ބަލިތައް ޖެހޭ މީހުންނާއި ބަލީގައި ބޮޑުވަރުވާ މީހުންގެ ނިސްބަތް މަދު ކަމަށެވެ.
ޗައިނާގެ ސީޑީސީއާ ހަވާލައިދީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ބުނެފައި ވަނީ މިދިޔަ ނޮވެމްބަރު ދެ ވަނަ ހަފުތާއިން ފެށިގެން، ޗައިނާގައި ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ނަމަވެސް، އެ ގައުމުގައި ފެތުރެނީ އާއްމުކޮށް ވެސް ދައުރުވާ ނޭވާލާ ނިޒާމުގެ ބަލިތަކެއް ކަމަށް ބުންޏެވެ.
އެޗްޕީއޭ އިން ވިދާޅުވީ މިދުވަސްވަރު ޗައިނާގައި ނޭވާލާ ނިޒާމުގެ ބަލިތައް އާދަޔާ ޚިލާފަށް ގިނަވަމުންދާ ކަމަށާއި، އިމަރޖެންސީ ހާލަތު އިއުލާނުކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދާ ޚަބަރުތަކުގައި ހަޤީޤަތެއް ނެތް ކަމަށެވެ.
އެޗްޕީއޭ އިން ވިދާޅުވީ ޗައިނާގައި ފެތުރެމުންދާ ބަލިތަކަކީ އާއްމުކޮށްވެސް ދައުރުވާ ނޭވާލާ ނިޒާމުގެ ބަލިތައް ކަމަށެވެ. އޭގެ ތެރޭގައި އެންމެ ގިނައީ އިންފްލުއެންޒާ އާއި އާރް.އެސް.ވީ، ރައިނޯވައިރަސް، އެޑިނޯވައިރަސް، މައިކޯޕްލާސްމާ ނިމުއޯނިއާ އަދި ހިއުމަން މެޓަނިއުމޯވައިރަސް ހިމެނޭ ކަމަށެވެ.
މި ދުވަސްވަރަކީ ވަރަށް ގިނަ ފަރާތްތަކުން އުމްރާއިންނާއި އެކި ސަރަހައްދުތަކަށް ދަތުރުކުރުމަށްފަހު އެނބުރި ރާއްޖެ އަންނަ ދުވަސްވަރު ކަމުން، ނޭވާލާ ނިޒާމުގެ ބަލިތައް ރާއްޖޭގައި ވެސް އިތުރުވެދާނެކަމަށް ލަފާ ކުރެވޭތީ ހުރިހާ ފަރާތްތަކުން ވެސް ސަމާލުކަންދިނުމަށް އެޗްޕީއޭ އިން އިލްތިމާސް ކުރައްވަ އެވެ. އެގޮތުން ރޯގާ އަދި ކެއްސުންފަދަ އަލާމާތްތައް ހުންނަ ފަރާތްތަކުން އާއްމު ތަންތަނަށް ނުކުންނައިރު މާސްކް އަޅައިގެން އުޅުމާއި، އުމުރުން ދުވަސްވީ މީހުންނާއި، ތުއްތު ކުދިންނަށް ޒިޔާރަތް ނުކުރުން ހިމެނެ އެވެ. އަދި ނޭވާލަން އުނދަގޫވުން، މޭގައި ރިއްސުން، އާދަޔާ ޚިލާފަށް ވަރުބަލިވުން، ނުވަތަ އަލާމާތްތައް ގިނަ ދުވަހަށް ދެމިގެންދާނަމަ ޑޮކްޓަރެއްގެ ލަފާ ހޯދުމަށް އެޗްޕީއޭ އިން އެދިވަޑައިގަންނަވައެވެ.