ENGLISH

05 ޖުލައި 2025

Advertisement

އިންޑިއާއަށް ކުރެއްވި ދަތުރުފުޅަށް ފަހު ޚާރިޖީ ވަޒީރު ޑރ. ޚަލީލް ޔޫއޭއީ އަށް

05 ޖެނުއަރީ 2025

|

ޝަރާ އަބްދުﷲ

ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް އާއި އިންޑިއާގެ ޚާރިޖީ ވަޒީރު އެސް ޖައިޝަންކަރު

މިދިޔަ ހަފްތާ ބަންދުގައި ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް އިންޑިއާ އަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ޔޫއޭއީ އަށް ވަޑައިގެންފިއެވެ.

ޚާރިޖީ ވަޒީރު ޔޫއޭއީ އަށް ވަޑައިގެންނެވީ އެ ޤައުމުގެ ޑެޕިއުޓީ ބޮޑުވަޒީރުގެ ނައިބް އަދި ޚާރިޖީ ވަޒީރު ޝެއިޚް އަބްދުﷲ ބިން ޒައިދް އަލް ނަހްޔާންގެ ދަޢުވަތަކަށެވެ. ވަޒީރު ޑރ. ޚަލީލްގެ އަރިހުގައި އެމްބެސެޑަރ އެޓް ލާޖް ޢަބްދުﷲ ޙަމީދާއި ޖޮއިންޓް ސެކްރެޓަރީ މަރްޔަމް ރީޝާ ވެސް މި ދަތުރުފުޅުގައި  ބައިވެރިވެވަޑައިގަންނަވައެވެ.

ޚާރިޖީ ވަޒީރުގެ މި ދަތުރުފުޅުގައި ޔޫއޭއީގެ ބޮޑުވަޒީރުގެ ނައިބް އަދި ޚާރިޖީ ވަޒީރު ޝެއިޙް އަބްދުﷲ ބިން ޒައިދު އަލް ނަހްޔާން ބައްދަލުކުރައްވައި، ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކުރެވޭނޭ ގޮތްތަކާމެދު މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މުސްތަގުބަލުގައި ދެ ޤައުމުން ގުޅިގެން މަސައްކަތްކުރެވިދާނެ އިތުރު ދާއިރާތަކާގުޅޭގޮތުން ވެސް މަޝްވަރާކުރައްވާނެއެވެ.

ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް އެކްސްގައި ކުރެއްވި ޕޯސްޓް

މީގެ އިތުރުން، ޚާރިޖީ ވުޒާރާއިން ވިދާޅުވީ، ތަފާތު ދާއިރާތަކުން ގުޅުން ބަދަހިކުރުމުގެ ފުރުޞަތުތައް ހޯއްދެވުމަށް ވަޒީރުގެ މި ދަތުރުފުޅުގައި ޔޫއޭއީ ސަރުކާރުގެ އިސްވެރިންނާ ބައްދަކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ދަތުރުފުޅުގެ ސަބަބުން ދިވެހި ރާއްޖެ އާއި ޔޫއޭއީއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް، ދިވެހި ރާއްޖޭގެ ތަރައްޤީއަށްޓަކައި އެ ޤައުމުން ވެދެއްވާ އެހީތެރިކަން ފާހަގަކޮށް އެ ގުޅުން އިތުރުކުރުމަށްޓަކައި ދެ ޤައުމުން އެކުގައި ކުރަމުންގެންދާ މަސައްކަތްތައް ހާމަވެގެންދާނެ ކަމަށްވެސް ޚާރިޖީ ވުޒާރާއިން ވިދާޅުވެއެވެ.

އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުގައި ޚަލީލް ވަނީ، އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު އެސް ޖައިޝަންކަރުއާ ބައްދަލުކުރައްވައި، "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް" އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު