ENGLISH
05 ޖުލައި 2025
ފެން ހިންދުމުގެ މަސައްކަތަށް އެމްއެންޑީއެފުން ޓްރޭޝް ޕަމްޕު ހޯދަނީ
04 ޖެނުއަރީ 2025
|
ކާނަލް މުޙައްމަދު ނަދީމް އިބްރާހީމް (ވ) ބޮޑު ޚަބަރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަނީ
އާދައިގެ ޕަމްޕުތަކުން ކުންޏާއެކު ފެން ބޭރުކުރުމުގައި ދަތިތައް ދިމާވާތީ، ކުންޏާއެކު ފެން ބޭރުކުރާ ޓްރޭޝް ޕަމްޕު ހޯދުމަށް މަސައްކަތްކުރަމުންދާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ފަޔަރ އެންޑް ރެސްކިއު ސާވިސްއިން ވިދާޅުވެއްޖެއެވެ.
އެމްއެމްޓީވީގެ "ބޮޑު ޚަބަރު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ފަޔަރ އެންޑް ރެސްކިއު ސާވިސްގެ ޕްރިންސިޕަލް ޑިރެކްޓަރ ކާނަލް މުޙައްމަދު ނަދީމް އިބްރާހީމް ވިދާޅުވި ގޮތުގައި، ހަ ޓަނުގެ ފެން ބޭރުކުރެވޭ ވަރުގެ ދެ ޓްރޭޝް ޕަމްޕު މި ޖެނުއަރީ މަހުގެ ތެރޭގައި އެ ސާވިސްއަަށް ލިބޭނެއެވެ.
އެ ޕަމްޕުތައް ލިބުމުން، މާލޭގައި ފެންބޮޑުވާ ހާލަތްތަކުގައި ފެންގަނޑު އަވަހަށް އަދި ރައްކާތެރިކަމާއި ފަސޭހަކަމާއެކު ހިންދާލުމަށް ވަރަށް ބޮޑަށް ފަސޭހަވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު ފެން ހިންދުމަށް ބޭނުންކުރަނީ އާދައިގެ ޕަމްޕުކަމުން، ފެންގަނޑުގެ ތެރޭގައި ހުންނަ ކުނިތައް ޕަމްޕު ކޮޅުގައި ތާށިވެގެން އެތައް ފަހަރު ޕަމްޕު ހުއްޓާލައި، ކުނި ސާފުކުރުމުގެ މަސައްކަތް ކުރަން ޖެހޭތީ ފެން ހިންދުމުގެ މަސައްކަތްތަކަށް ލަސްތަކެއް ކުރިމަތިވާކަން އޭނާ ފާހަގަ ކުރެއްވިއެވެ. އޭގެ ބަދަލުގައި ޓްރޭޝް ޕަމްޕު ބޭނުން ކުރަން ފެށުމުން މެދުނުކެނޑި ފެންގަނޑު ހިންދާލުމަށް މަސައްކަތް ކުރެވި ކާމިޔާބު ހޯދޭލެއް އަވަސްވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މުޙައްމަދު ނަދީމު އިތުރަށް ވިދާޅުވި ގޮތުގައި ޓްރޭޝް ޕަމްޕު ބޭނުން ކުރުމުގެ އިތުރުން، ފެން ހިންދުމަށްޓަކައި މާލޭގެ އެކި ހިސާބުތަކުގައި ގާޢިމްކޮށްފައިވާ ޕިޓްތަކުގައި އޮޓޮމެޓިކް ޕަމްޕު ބަހެއްޓުމަކީވެސް އެޑްމިނިސްޓްރޭޝަނުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމެކެވެ.
މާލެއަށް އިއްޔެ އާދަޔާ ޚިލާފު ބޯކޮށް ވެހުނު ވާރޭގައި މާލޭގައި އާދަޔާ ޚިލާފަށް ފެންބޮޑުވިއެވެ. މާލެއަށް ކުރި ބޯ ވިއްސާރައިގައި މާލެ ސިޓީގެ މަގުތަކުން ޖުމްލަ 30,569 ޓަނުގެ ފެން ޕަމްޕް ޖަހައިގެން ބޭރުކޮށްފައިވާ ކަމަށް މޯލްޑިވެސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވިއެވެ. ފެން ހިންދުމަަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން، މާލޭގެ 6 ސަރަހައްދެއްގައި 16 ޕަންޕު ބަހައްޓައިގެން މަސައްކަތްކޮށްފައިވެއެވެ. މާލޭގެ މަގުތަކުން ފެން ހިންދުމަށް އެމްއެންޑީއެފް އިން މަސައްކަތް ކުރި ވަގުތަށް ބަލާއިރު މިނިޓަކު ވަނީ 24،397 ލީޓަރުގެ ފެން ބޭރުކޮށްފައެވެ.