ENGLISH

05 ޖުލައި 2025

Advertisement

ބޯކޮށް ވާރެ ވެހުނީމަ މާލޭގައި މާކުރިންސުރެ ވެސް ފެންބޮޑުވޭ!

05 ޖެނުއަރީ 2025

|

އަހުމަދު ސައީދު

މާލޭގައި ފެން ބޮޑުވެގެން ސްކޫލްތައް ބަންދުކުރިކަން އިއުލާނު ކުރުމަކީ، އަށްޑިހައިގެ އަހަރުތަކުގައި ދިވެހި ރާއްޖޭގެ އަޑުން ގެނެސްދޭ ބާއްޖަވެރި ހެނދުނެއް ޕްރޮގްރާމުން، ސްކޫލަށްދާން ކަންނެތް ވެފައި ތިބޭ ކުދިންނަށް ލިބޭ އެންމެ އުފާވެރި ޚަބަރެވެ. އުދަ އެރުމުން ރައްކާތެރިވުމަށް މާލެ ވަށައި ތޮށިލައި، އަޑިގުޑަން މަގުތައް ގާ އަތުރައިގެން ހަދައި ނިމުމުގެ ކުރިން ވެސް މާލޭގައި ފެންބޮޑުވެއެވެ.

ހުއްޓުމެއް ނެތި ބޯކޮށް ވާރޭވެހުމުގެ ސަބަބުން 1987 ވަނަ އަހަރު ވެސް އަދި 1990 ގެ އަހަރުތަކުގައި ވެސް، ފުރަ މާލޭގެ ބޮޑެތި މަގުތަކުގައި ކަކޫތާ ފެން ހެދުނު މަދު ދުވަސްތަކެއް ނަމަވެސް އައިކަން، މާލޭގައި އޭރު އުޅުނު، މިހާރު ސާޅީހުން މަތީގެ މީހުން ހަނދާން ހުންނާނެއެވެ.

މިދިޔަ 10 ވަރަކަށް އަހަރު ތެރޭގައި ވެސް މާލެއަށް ވަރަށް ބޮޑެތި ބަދަލުތަކެއް ވަނީ އައިސްފައެވެ. ގޯތިތެރޭގައި ފެން ހިންދާނެ ޖާގަ ނެތި، ތޮއްޖެހިފައިވާ މާލެއަށް ވެހޭފެން ހިންދެއް އޮތް ތަނަކީ މަގުމައްޗެވެ. އިމާރާތްތައް އުސްކުރުމުގެ ސަބަބަބުން، ވާރޭވެހޭ ސާފޭސް އޭރިޔާ ވަނީ ބޮޑުވެފައެވެ.

ގާ އަތުރައިގެން މަގު ހެދުމުގެ ކުރިން މާލޭގައި އެންމެ ބޮޑަށް ފެންބޮޑުވާ ކަމަށް ފާހަގަ ކުރެވިފައި އޮތީ އެންމެ ބޮޑެތި މަގުތައް ކަމަށްވާ މަޖީދީ މަގާއި އޯކިޑް މަގާއި ފަރީދީ މަގުގައެވެ. މާލޭގެ މަގުތައް ގާއަތުރައިގެން ހަދައި ނިމުނު އިރު، ހެންވޭރުކޮޅާއި މާލޭގެ މެދަށްވުރެ، އައިޖީއެމްއެޗް ސަރަހައްދު ތިރިކަން ވަރަށް ބޮޑަށް ފާހަގަ ކުރެވުނެވެ.

ރަސްފަންނާއި މާލެ ވާށާ ހަދާފައިވާ ބޭރު މަގު ހެދުމުގެ ކުރިން، މާފަންނު ކޮޅުގައި ފެން ބޮޑުނުވާ ވަރަށް އޭގެ ފަހުން ފެން ބޮޑުވާކަން އެއީ އެނގެން އޮތް ހަގީގަތެކެވެެ. މިހާރުގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ހައުސިން މިނިސްޓަރު ކަމުގައި ހުންނެވިއިރު، ހެއްދެވި ރަސްފަންނަކީ ކަސްރަތު ކުރުމާއި މޫދަށް އެރެން ބޭނުންވެފައި ތިބި އެތައް ބަޔަކަށް ލިބުނު ބޮޑު ރަހުމަތެކެވެ. އަދި ހަމަ ރައީސް ޑރ. މުޢިއްޒު ވަޒީރަކަށް ހުންނެވިއިރު ތާރު އަޅުއްވައިގެން ހެއްދެވި، ހަތަރު ލޭނުގެ ވަށާ މަގަކީ ލިބުނު ބޮޑު ލުއިފަސޭހައެކެވެ.

މާލެ އަށް ހުކުރު ދުވަހު ބޯކޮށް ވާރޭވެހި ފެން ބޮޑުވުމުގެ ސަބަބުން މާލެ ހުއްޓުމަކަށް އައިސް، މާފަންނު ކޮޅުގައި ދިރިއުޅޭ ފަރާތްތަކަށް ގެއްލުމާއި ދަތިތަކާއި ކުރިމަތިވިއެވެ. ހުކުރު ދުވަހު ފެންބޮޑުވިވަރަށް ފެންބޮޑު ނުވިއަސް މިދިޔަ ޑިސެމްބަރ މަހުގެ ފަހުކޮޅު ވެސް ހަމަ އެފަދަ ދުވަހެއް އައެވެ.

ބޯކޮށް ވާރޭ ވެހިގެން މާލޭގައި ފެންބޮޑުވާކަމުގެ މާޒީ ހަދާން ނެތް މީހުން ނުވަތަ ހަޤީގަތް ޤަބޫލުކުރަން ބޭނުންނުވާ މީހުން، 21 ޑިސެމްބަރ 2024 ވީ ހޮނިހިރު ދުވަހު ވެސް އަދި ހުކުރު ދުވަހު ވެސް ކުށްވެރިކުރީ ސަރުކާރެވެ.

ޤުދުރަތީ ހާދިސާއެއް ހިނގުމަކީ ހަމައެކަނި ސުނާމީއެއް އެރުމެއް ނޫނެވެ. ވާރޭ ވެހުމާއި އުދަ އެރުމަކީ ވެސް، ޤުދުރަތީ ކަންކަމެވެ. ޤުދުރަތީ އެއްވެސް ކަމެއްގެ ގެއްލުން މަސްނޫއީ އެއްވެސް އީޖާދަކަށް 100 ޕަސެންޓް ހައްލެއް ނުކޮށްދެވޭނެއެވެ.

ހުކުރު ދުވަހާއި އޭގެ ކުރިން މާލޭގައި ފެން ބޮޑުވި ދެ ދުވަހަކީ ވެސް މާލެއަށް ރެކޯޑް އަދަދަކަށް ވާރޭ ވެހުނު ދެ ދުވަހެވެ. ހުކުރު ދުވަހު މުޅި ރާއްޖެ އަށް ވެސް އެންމެ ގިނައިން ވާރޭވެހިފައި ވަނީ ހުޅުލެ އާއި މާލެ އަށެވެ. މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސްގެ ރެޑޯޑްތަކުން ދައްކާ ގޮތުގައި މާލެއަށް 142.6 މިލިމީޓަރުގެ ވާރޭ އެ ދުވަހު ވެހުނެވެ. އެއީ ޑިސެމްބަރު ފަހުކޮޅު ފެންބޮޑުވި ދުވަހު ވެހުނު ވަރަށްވުރެ 6 މިލިމީޓަރ އިތުރު އަދަދެކެވެ.

މާލޭގެ ބިމުގެ ބޮޑުމިނަކީ 208 ހެކްޓަރެވެ. ހެކްޓަރެއްގައި ހުންނަނީ ދެ ފުޓްބޯޅަ ދަނޑާއި ދަނޑެއްގެ އެއް ބަޔެވެ.

ދެ މީޓަރު ފުން 25 މީޓަރު، 50 މީޓަރު ހުންނަވަރުގެ އޮލިމްޕިކް ސައިޒުގެ ސުވިމިންގ ޕޫލެއްގައި އާންމު ގޮތެއްގައި ހުންނާނީ 2.5 މިލިއަން ލިޓަރުގެ ފެނެވެ.

ހުކުރު ދުވަހު މާލެ އަށް 296.9 މިލިއަން ލިޓަރުގެ ވާރޭ ވެހުނުއިރު، އެއީ ބޮޑު 118 ސުއިމިންގޕޫލް ފުރޭހާ ފެނެވެ.

ހުކުރު ދުވަހު މެންރުރުން ފެށިގެން ހޮނިހިރު ދުވަހު ހެނދުނާއި ހަމައަށް 21 ގަޑިއިރު، ހުއްޓުމެއްނެތި ކުރި މަސައްކަތުން 30،569 ޓަނުގެ ފެން ސިފައިން މާލޭން ހިންދެވިއެވެ. އެއީ 12 ސުއިމިންގ ޕޫލްގެ ފެނެވެ. ފެން ހިނދުމުގެ މަސައްކަތް ކުރަމުން ދިޔައީ ވެސް ބޯކޮށް ވެހެމުންދިޔަ ވާރޭގެ ތެރޭގައެވެ.

ރައީސް ޑރ. މުޙައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެޑައިގަތުމަށްފަހު، އެންމެ ބޮޑު އަހައްމިއްޔަތެއް ދެއްވި އެއް ކަމަކީ މާލޭގައި ފެން ބޮޑުވުމުގެ މައްސަލަ ހައްލުކޮށްދެއްވުމެވެ. ފުރަތަމަ އިސްކަން ދެއްވީ ވެސް މާފަންނު ކޮޅުގައި ފެން ބޮޑުވުމުގެ މައްސަލަ ހައްލުކޮށްދެއްވުމަށެވެ. ފެން ހިންދުމުގެ މަޝްރޫއު އެއްކޮށް ނުނިމުނު ނަމަވެސް ހަޤީގަތަކީ، މިހާތަނަށް ކުރެވުނު މަސައްކަތުގެ ނަތީޖާ ރަނގަޅުކަމެވެ.

ކުރީ ދުވަހު ފެން ބޮޑުވީ، ދަންވަރުން ފެށިގެން ހުއްޓައިނުލާ ބޯކޮށް ވާރޭ ވެހުމުގެ ސަބަބުންނެވެ. ނަމަވެސް ހުކުރު ދުވަހު މާލޭގައި ފެން ބޮޑުވީ މަދު ގަޑިއިރު ކޮޅެއްގެ ތެރޭގައި އާދަޔާ ޚިލާފު ގިނައިން ވާރޭ ވެހުމުގެ ސަބަބުންނެވެ. ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު ބޯކޮށް ވާރޭ ވެހުނު ނަމަވެސް މާލޭގައި ފެނެއް ބޮޑެއް ނުވޭ. އަދި ހުކުރު ދުވަހު ހުކުރުން ފައިބައިގެން އައި މީހުނަށް ވެސް ފެނަށް ނޭރި ގެއަށް އާދެވުނެވެ. ފެން ބޮޑުވީ، މެނދުރުފަހު، އެންމެ ގަޑިއިރެއްގެ ތެރޭގައި 60 މިލިމީޓަރުގެ ވާރޭ މާލެ އަށް ވެހުމުގެ ސަބަބުންނެވެ. އެއީ ބޮޑު ސައިޒުގެ 50 ސްއިމިންޕޫލްގެ ފެނެވެ. އެހައި ބައިވަރު ފެން ގަޑިއިރެއްގެ ތެރޭގައި ހިންދާ ނުލެވޭނެކަން ޤަބޫލުކުރެވޭނެއެވެ.

ހުކުރު ދުވަހަކީ މޫސުން ގޯސް ދުވަހެކެވެ. ހުކުރުން ފޭބިއިރު ވެސް ކޮންމެވެސް ވަރަކަށް ވާރޭ ވެހެމުންދިޔައެވެ. އެހެންނަމަވެސް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އޭހާ ބޮޑަށް ފެންބޮޑުވެދާނެ ކަމަށް އެއްވެސް މީހަކަށް ވިސްނާލެވިފައެއް ނެތެވެ.

ކިޔުންތެރިންގެ ހިޔާލު