ENGLISH
05 ޖުލައި 2025
2024: ތަޢުލީމާއި ތަމްރީނުގެ ދާއިރާއިން ފާހަގަކޮށްލެވޭ އަހަރެއް
05 ޖެނުއަރީ 2025
|
ފާއިތުވެދިޔަ އެއް އަހަރަކީ ތަޢުލީމާއި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީ ކުރުމުގެ ދާއިރާއިން ނުހަނު ގިނަ ކާމިޔާބީތަކެއް ހާސިލްކުރެވުނު އަހަރެކެވެ. އެގޮތުން މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ މަސައްކަތްތަކަށް ބަލާލާއިރު މުދައްރިސުން ބާރުވެރިކުރުވުމާއި ދަރިވަރުންގެ ތަޢުލީމީ ފެންވަރު ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތްތަކާއި ބަވަނަވަމުން އަންނަ މި ދުނިޔެއަށް ޓެކްނޮލޮޖީގެ ގޮތުން އަންނަ ކުރިއެރުންތަކާ އެކު މަސައްކަތްކުރުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުތަކާ ގުޅިގެން ތަފާތު އެކި ޕްރޮގްރާމްތައް ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތަކުގެ ތެރޭގައި ތައުލީމީ ދާއިރާއަށް ވަރަށް ބޮޑަށް އަހައްމިއްޔަތުކަން ދެއްވައެވެ. ދަރިވަރުންނަށް އެކަށީގެންވާ ރަނގަޅު ތަޢުލީމެއް ފޯރުކޮށްދީ ދަރިވަރުން ބިނާކުރުމުގެ އިތުރުން މުދައްރިސުން ތަމްރީނުކުރުމުގެ މަސައްކަތްތައް ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން މުދައްރިސުންނަށް ޚާއްސަކޮށްގެން ވޯކްޝޮޕްތައް ކުރިޔަށް ގެންގޮސްފައިވެއެވެ. އަދި ޓީޗިން ހަދަން ބޭނުންވާ ދަރިވަރުންނަށް ވަނީ ސްކޮލާޝިޕް ވެސް މި އަހަރު ތެރޭގައި ދީފައެވެ.
މަތީ ތަޢުލީމާ ބެހޭ ވުޒާރާގެ ބައެއް މުހިންމު މަސްއޫލިއްޔަތުތަކަސް ބަލާލާއިރު،
· ދިވެހިރާއްޖޭގައި މަތީ ތަޢުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގެ ސިޔާސަތުތައް އެކަށައެޅުން
· މަތީ ތައުލީމާއި ތަމްރީނު ފޯރުކޮށްދިނުމުގެ ނިޒާމުގެ ފެންވަރު ހިފެހެއްޓުން
· މަސައްކަތްކުރުމާއި މަސައްކަތްކުރުވުމުގެ ޤައުމީ ސިޔާސަތު އެކަށައަޅައި ތަންފީޒުކުރުން ހިމެނޭ...
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓްގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ ބައެއް މުހިންމު މަސައްކަތްތަކުގެ ތެރޭގައި،
· ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ޤާނޫނު ތަންފީޒުކުރުމަށް ބޭނުންވާ ގަވާއިދުތައް އެކުލަވާލައި ހިންގުން
· ވަޒީފާދޭ ފަރާތްތަކާއި ވަޒީފާ ބޭނުންވާ ފަރާތްތައް ގުޅުވައިދިނުން
· ކެރިއަރ ގައިޑެންސް ފޯރުކޮށްދިނުން
· ދިވެހިންނަށް ވަޒީފާގެ ފުރުސަތުތައް އިތުރުކުރުމަށް މަސައްކަތްކުރުން
· ވަޒީފާ އަދާކުރާ ދިވެހިންގެ އުފެއްދުންތެރިކަން އިތުރުކުރުމަށް މަގުފަހިކުރުން
· ރާއްޖޭގެ މަސައްކަތާއި ވަޒީފާގެ މާޙައުލު ޞިއްޙީ ގޮތުން ރައްކާތެރި ތަނަކަށް ހެދުމަށް ބޭނުންވާ ޤާނޫނުތަކާއި ގަވާއިދުތަކުގެ ކޮންސެޕްޓް ކަރުދާސްތައް ތައްޔާރުކުރުން
· ރާއްޖެއިން ބޭރުގެ ވަޒީފާތަކަށް ދިވެހިން ފޮނުވުމާބެހޭ ސިޔާސަތު އެކަށައަޅައި ތަންފީޒުކުރުން
އެމްކިއުއޭ، އެމް.އެން.އެސް.ޑީ.އޭ، ޕޮލިޓެކްނިކް އަދި ކެރިއަރ އަކީ މި މިނިސްޓްރީގެ ދަށުން ހިންގާ މުހިންމު އިދާރާތަކެވެ.
ހަމަމިއާއެކު ހަރުދަނާ ދިވެހި ދަރިން ބިނާކޮށް، ވަޒީފާގެ މާހައުލުގައި ޒިންމާދާރު ކުރުމަށް ޓަކައި ސަރުކާރުން ވަނީ މަތީ ތަޢުލީމާއި ތަމްރީނަށް މާލީ އެހީ ދިނުމަށް ނިންމާފައެވެ.
މި މަސައްކަތުގެ ތެރެއިން ހިންގާ ބައެއް ޕްރޮގްރާމްތަކުގެ ތެރޭގައި،
· ލޯނު ދިނުމުގެ ސްކީމް
· ސްކޮލަރޝިޕް ސްކީމް
· ފުރަތަމަ ޑިގްރީ ސްކީމް
· ކުރު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތައް
މިނިސްޓްރީގެ އިތުރު ފުރުސަތުތަކަށް ބަލާލާއިރު ބޭރު ޤައުމުތަކުގެ ހައިކޮމިޝަންތަކާއި، އެމްބަސީތަކާއި، ޔުނިވަރސިޓީތަކާއި އަދި މަތީ ތަޢުލީމު ފޯރުކޮށްދޭ އެހެނިހެން އިދާރާތަކާއެކު މަޝްވަރާކޮށް، އެމް.އޯ.ޔޫތަކުގެ ދަށުން ދިވެހި ކިޔަވާކުދިންނަށް ގިނަ ފުރުސަތުތަކެއް ވަނީ ހޯދައިދީފައެވެ. އެގޮތުން:
· ކުރު މުއްދަތުގެ ތަމްރީނު ޕްރޮގްރާމްތައް
· ސްކޮލާޝިޕް ފުރުސަތުތައް
· ކޯހުގެ ޓިއުޝަން ފީއިން ޑިސްކައުންޓް ލިބޭ ފުރުސަތުތައް
މީގެ އިތުރުން މިނިސްޓްރީން ވަނީ ޤައުމީ ދިރާސާ ފަންޑެއް ވެސް އެކުލަވާލާފައެވެ. އަދި މި ދިރާސާތައް ކުރުމަށް ކައުންސިލަށް މެމްބަރުން އައްޔަންކުރުމުގެ މަސައްކަތް ވެސް ވަނީ ކުރެވެމުންނެވެ. މީގެ އިތުރުން އިދާރީ މުވައްޒަފުން ނެގުމުގެ މަސައްކަތް ވްސް ކުރިއަށްދެއެވެ.
ވަޒީފާ ދިނުމުގައި އެމީހެއްގެ ތަޢުލީމާއި މަސައްކަތުގެ ތަޖުރިބާއާއި ހުނަރުތަކާއި ގުޅޭ ގޮތަށް އެންމެ އެކަށޭނެ ވަޒީފާއެއް ހޯދަދިނުމަށް މި މިނިސްޓްރީން މަސައްކަތްކުރެއެވެ. އެގޮތުން މިކަން ހާސިލްކުރުމަށްޓަކައި ކުރެވޭ ބައެއް މަސައްކަތްތަކުގެ ތެރޭގައި:
· ބައެއް ދާއިރާތަކަކީ ދިވެހިންނަށް ޚާއްޞަ ދާއިރާތަކެއްގެ ގޮތުގައި ކަނޑައެޅުން
· އެ ދާއިރާތަކަށް ބިދޭސީންނަށް ވޯރކް ވިސާ އަދި ކޯޓާ ދޫނުކުރާގޮތަށް ހަމަޖެއްސުން
· "އެންމެންނަށް ވަޒީފާ"ގެ ސިޔާސަތު އެކުލަވާލައި ތަންފީޒުކުރުމުގެ މަސައްކަތް ފެށުން
މި މަސައްކަތްތަކުގެ މައިގަނޑު މަގްސަދަކީ ފަސް އަހަރުން ރާއްޖޭގެ އިންވޮލަންޓަރީ އަންއެމްޕްލޯއިމަންޓް އެއްކޮށް ނައްތާލުމެވެ. ހަމައެހެންމެ ދިވެހި ޒުވާނުން ހަރުދަނާ ބައެއްގެ ގޮތުގައި ބިނާވެގެން ދިއުމުގެ ސަބަބުން ރާއްޖޭގެ އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީ އިތުރު ހަރުފަތަކަށް ފޯރުމަށް މަގުފަހިވެގެން ދެއެވެ.
އެހެން މަސައްކަތަކަށް ބަލާލާއިރު ނޭޝަނަލް ޖޮބް ސެންޓަރު، ނޭޝަނަލް ކެރިއަރ ސަރވިސްގެ ގޮތުގައި އަލުން އެކުލަވާލައި، ”އެންމެނަށް ވަޒީފާ“ ސިޔާސަތެއް އުފަންކުރުވިއެވެ. މި ސިޔާސަތުގެ ދަށުން ވަޒީފާ ނެތް ފަރާތްތަކަށް މި ފަސް އަހަރުގެ ތެރޭގައި ވަޒީފާގެ ފުރުސަތުތައް ތަނަވަސްވެގެންދާނެއެވެ. ވަޒީފާގެ މާހައުލަށް އާ ފަރާތްތަކަށް ކެރިއަރ ގައިޑެންސް ޕްރޮގްރާމްތައް ހިންގުމަށް މަޝްވަރާކުރެވި ޕްލޭންތައް ވެސް ވަނީ އެކުލަވާލެވިފައެވެ. މި ވަގުތު މަތީ ތަޢުލީމާއި ތަމްރީނުދޭ ދަފްތަރުގައި ދެ ޔުނިވަރސިޓީއާއި، އަމިއްލަ 10 ކޮލެޖަކާއި، ދައުލަތުގެ ދެ ކޮލެޖާއި، އަމިއްލަ 84 އިންސްޓިޓިއުޓަކާއި، އަދި ދައުލަތުގެ 27 އިންސްޓިޓިއުޓް ހިމެނެއެވެ.
ޚިދުމަތުން މުސްކުޅި ކުރެވޭ މުވައްޒަފުންނަށް ވަޒީފާތައް އުފައްދުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މި މަސައްކަތް ކުރާނީ ވޭޖް އެމްޕްލޯއީމެންޓްގެ އުސޫލުންނެވެ. އަދި ވަޒީފާތައް ދިނުމުގައި މީހުން ލިބުން ދަތި ދާއިރާތަކުގެ މަޤާމުތައް މުވައްޒަފުންނަށް ހޯދައިދިނުމަށް އުސޫލެއްގެ ދަށުންދަނީ މަސައްކަތްކުރެވެމުންނެވެ.
މިއަހަރު އަލަށް ތަޢާރަފްކުރެވުނު ގާނޫނުތަކުގެ ތެރޭގައި އިންޑަސްޓްރިއަލް ރިލޭޝަންސްގެ ޤާނޫނާއި މަސައްކަތުގެ މާޙައުލުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމުގެ ޤާނޫނު ހިމެނެއެވެ. އަދި މި ގާނޫނުތައް ތަންފީޛުކުރުމަށްޓަކައި ހަދަންޖެހޭ ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތްދަނީ މިނިސްޓްރީގެ ތެރެއިން ކުރެވެމުންނެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މަސައްކަތްތެރިކަމާ ޚާއްސަ ފަންނުތައް ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށް މޯލްޑިވްސް ޕޮލިޓެކްނިކް އިން ދަނީ މަސައްކަތްކުރަމުންނެވެ. އަދި އަޑު އިވުމުން މަހުރޫމްވެފަވާ ފަރާތްތަކަށް ޚާއްސަކޮށްގެން ކޭކް ޑެކަރޭޝަން އެންޑް ބޭކިންގ ޕްރޮގްރާމްތަކެއް ފެށުމަށް ވެސް މޯލްޑިވްސް ޕޮލީޓެކްނިކްއިން މަސައްކަތްކުރަމުންދެއެވެ.
ދިވެހިރާއްޖޭގައި މަތީ ތަޢުލީމުދޭ ދެ ޔުނިވަރސިޓީކަމަށްވާ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއި ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީން މަތީ ތަޢުލީމުގެ ނިޒާމު ކުރިއެރުވުމަށް ދަނީ މަސައްކަތްކުރަމުންނެވެ. ހަމަ އެއާއެކު ދުނިޔެއަށް އަންނަ ޓެކްނޮލޮޖީގެ ކުރިއެރުންތަކާއި އެކަށޭނެގޮތަށް މުދައްރިސުން ބާރުވެރިކުރުވުމާއި ދަރިވަރުންގެ ތަޢުލީމީ ފެންވަރު ރަނގަޅުކުރުން ހިމެނެއެވެ. އަދި ބައިނަލްއަޤްވާމީ މުޖުތަމަޢުއާ ގުޅިގެން ޕައިލެޓް ޕްރޮގްރާމްތަކެއް ވަނީ ހިންގާފައެވެ.