ENGLISH
05 ޖުލައި 2025
މިހާރު ކުރަމުންދާ ވިއްސާރާގައި ފޫބައްދަން ދަތި ބޮޑެތި ގެއްލުންތަކެއް
04 ޖެނުއަރީ 2025
|
މާލޭގެ މަގުމަތީގައި މީހަކު ބައިސްކަލު ދުއްވަނީ. ...ފޮޓޯ އެމްއެމްޓީވީ
މިހާރު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގައި މާލެއަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. އަދި ފަހުގެ ތާރީޙެއްގައި މިހާ ގިނައިން މާލެއަށް ވާރޭ ނުވެހޭ ކަމަށް ވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ވިދާޅުވެފައެވެ.
އިރުވައި ވިއްސާރަ އައީ ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކަކާއެކުގައި ކަމަށް ބުންޏަސް ދޮގަކަށް ނުވާނެއެވެ. ރާއްޖޭގެ ރައްޔިތުން ވަކިން ޙާއްޞަކޮށް މާލޭގެ ރައްޔިތުން އިއްޔެ އުޅެން ޖެހިފައިވަނީ ފެނުގެ ތެރޭގައެވެ. މާލެ ސިޓީގެ މަގުތަކުން ޖުމްލަ 30569 ޓަނުގެ ފެން ޕަމްޕް ޖަހައިގެން، މޯލްޑިވެސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބޭރުކުރަން ޖެހުމަކީ ވެސް މިކަމުގެ ހެއްކެކެވެ. ވިއްސާރައިގެ ސަބަބުން ރައްޔިތުންގެ އާންމު ދިރިއުޅުން ހުއްޓި، ރައްޔިތުންގެ މުދަލަށް މިވަނީ އިއާދަނުކުރެވޭ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
ގޭގެއަށް ފެން ވަދެ، ރޭގައި ނުނިދާ ހޭލާ ފެން ހިންދުމުގެ މަސައްކަތްކުރަން ތިބި ރައްޔިތުން ވެސް ވަކި މަދެއް ނޫނެވެ. ގާތްގަނޑަކަށް މާލޭގެ މާފަންނު ސަރަޙައްދުގެ ހުރިހާ ގެއަކަށް ވަނީ ފެންވަދެ، އެގޭގޭގައި ހިފާ ގެންގުޅޭ ސާމާނަށް ބޮޑެތި ގެއްލުންތަކެއްވެފައެވެ. ގެއްލުން ލިބުނު ފަރާތަކުން އެމްއެމްޓީވީއަށް މައުލޫމާތު ދެއްވި ގޮތުގައި ފެނުގެ ސަބަބުން ނުނިދިގެން ނިދަން އެހެން ތަނަތަނަށް ދާން ޖެހުނު ކަމަށެވެ.
"ވަރަށް ގެއްލުންވެފައި މިހުރީ، ރޭގައި ޖެހުނީ މަތީގައި ހުރި ކޮޓަރިތަކަށް ނިދަން ދާން. މެޝިނުވެސް ޖެހުނީ މައްޗަށް ނަގަން. ދެން އަލަމާރިއެއް ނުނެގޭނެތާ"
އަދިވެސް ފެން ނުހިނދޭކަމަށާއި ކުޑަކުދިން އުޅޭތަންތަން ކަމުން ވަރަށް އުނދަގޫވާކަމަށް ވެސް އެފަރާތުން ބުންޏެވެ.
"މިތަން ވެސް ފެން ހިއްކާފަ ތިރީގައި ހުރި ހުރިހާ އެއްޗެއް މައްޗަށް ލާފަ މިހުރީ. އެނދު ދަށުގައި އެއްޗެހި ފޮރުވަނީ. އެ އެއްޗެހި ވެސް އެހުރީ މިހާރު އެނދުމައްޗަށް ލާފަ. މި ކޮޓަރިއަށް ވެސް ހަމަ ފެން ވަތް. މިހާރު ސާފުކޮށްފަ މިހުރީ. މި ކޮޓަރީގައި އުޅޭ މީހުންވެސް މީހުންވެސް ނިދީ މަތީގައި ފްލޯގައި ރޭގައި"
ގެތަކުގެ އިތުރުން މާލޭގެ ފިހާރަތަކަށް ވެސް މި ވިއްސާރައިގައި ބޮޑެތި ގެއްލުންތަކެއް ވަނީ ވެފައެވެ. އެމްއެމްޓީވީއަށް މައުލޫމާތު ލިބުނު ގޮތުގައި ފިހާރަތަކުގައި ހުރި މުދަލަށް ބޮޑެތި ގެއްލުންތަކެއްވެ، މުހިންމު ލިޔެ ކިޔުންތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. އަދި ބައެއް ފިހާރަތަކަށް ފެން ވަނުމުގެ ސަބަބުން ވިޔަފާރިކުރުމަށް ދަތިވެ، ވިޔަފާރި ހުއްޓާލާފައިވެއެވެ.
މީގެ އިތުރުން، ފެންބޮޑުވުމާއި ގުޅިގެން ވެހިކަލްތަކަށްވެސް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ. ގަރާޖެއްގައި މަސައްކަތް ކުރާ ފަރާތަކުން އެމްއެމް ޓީވީއަށް މައުލޫމާތު ދިން ގޮތުގައި މިއަދުގެ މެންދުރާ ހަމައަށް އެކަނި ވެސް 20 ސައިކަލު ފެން އެޅިގެން ހަދަން ގެނެސްފައިވެއެވެ. ލަފާ ކުރެވޭ ގޮތުގައި މާލޭގެ ހުރިހާ ގަރާޖަކަށް މިއަދު އެކަނިވެސް ފެނުގެ އަސަރުކޮށްގެން މަދުވެގެން 10 ސައިކަލު މަރާމާތުކުރަން ގެންދާނެއެވެ. މި އުޅަނދުތައް ހެދުމަށް އާންމުންގެ އަތުން ބޮޑު ޙަރަދެއް ހިނގާނެކަމަށް ވެސް ބެލެވެއެވެ.
މާލޭގެ އިތުރުން ރާއްޖޭގެ ގިނަ ރަށްތަކަށް ވެސް ވިއްސާރައިގެ ސަބަބުން އުދައަރައި ފެން ބޮޑުވެ ބޮޑެތި ގެއްލުންތަކެއްވަނީ ވެފައެވެ. އެގޮތުން، މިހާތަނަށް އެންމެ ބޮޑު ގެއްލުމެއް ލިބިފައި ވަނީ ފ. ނިލަންދު އާއި ކ. ހިންމަފުއްޓަށެވެ.
މިހާރު މިކުރަމުން، މިދާ ވިއްސާރައިގައި ލިބޭ ގެއްލުންތައް ގާތުން ބަލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސަރުކާރުން ދަނީ ވަރަށް ފުރިހަމަ ކަމާއެކު ކުރަމުންނެވެ. އެގޮތުން ވިއްސާރައިގައި ހާލުގައި ޖެހުނު 36 ގެއެއްގެ 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއުންބުއިމުގެ އެހީތެރިކަން ވަނީ ފޯރުކޮށްދީފައެވެ.