ENGLISH
05 ޖުލައި 2025
އާރް.އެސް.ޑަބްލިއު ފައިނޭންސިންގ ފެސިލިޓީއަށް އެދި ހުށަހެޅުމުގެ ފުރުސަތު ޖަނަވަރީ 7 ގައި އަލުން ހުޅުވާލަނީ
04 ޖެނުއަރީ 2025
|
މަސްދޯނި --- ފޮޓޯ: ބީއޯބީޕީ
ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ގާއިމުކުރުމަށް ދޫކުރަން ނިންމާފައިވާ ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު 7 ޖަނަވަރީގައި އަލުން ހުޅުވާލުމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ނިންމަވައިފިއެވެ.
އާރްއެސްޑަބްލިއު ސިސްޓަމް ގާއިމުކުރުމަށް ދޫކުރަން ނިންމާފައިވާ ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ.
ދައުލަތުގެ މީޑިއާ އަށް މައުލޫމާތު ދެއްވަމުން މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވީ، ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ނުވަތަ އާރްއެސްޑަބްލިއު ސިސްޓަމް ގާއިމުކުރުމަށް ދޫކުރަން ނިންމާފައިވާ ލޯން ސްކީމަށް އެދި ހުށަހެޅި މީހުންގެ ތެރެއިން 19 ފަރާތެއް ޝަރުތު ހަމަވާ ކަމަށެވެ. އަދި މިހާރު ކުރިއަށްދަނީ ޝަރުތުހަމަވާ މީހުންނާއެކު އެގްރީމަންޓްތަކުގައި ސޮއިކުރުމުގެ މަސައްކަތްކަމަށް އެ ވުޒާރައިން ވިދާޅުވިއެވެ. އަދި އެގްރީމަންޓްގައި ސޮއިކުރާ ހިސާބުން ފެށިގެން ލޯނު ދޫކުރަމުން ގެންދާނެ ކަމަށް ވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.
މީގެ އިތުރުން މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ ލޮނު ފެނުން މަސް ފިނިކުރާ ނިޒާމު ގާއިމުކުރުމަށް ދޫކުރަން ނިންމާފައިވާ ލޯނަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަނީ އިތުރު ލުއިތަކަކާ އެކުގައި ކަމަށެެވެ.
މަސްވެރިކަން ކުރާ އޮޑިދޯނިފަހަރުން ބާނާ މަސް ރައްކާތެރިކަމާއެކު ފިނިކޮށް ބެހެއްޓޭ ފަދަ ސިސްޓަމެއް ގާއިމް ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން 200 ދޯންޏެއްގައި އެ ސިސްޓަމް ގާއިމް ކުރެވޭނެ ވަރުގެ ބަޖެޓެއް އެލޮކޭޓް ކޮށްފައިވާ ކަމަށް މަސްވެރިކަމާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ވަނީ ވިދާޅުވެފައެވެ.
އެ ގޮތުން ޖަޕާންގެ ސަރުކާރުގެ އެހީތެރިކަމާ އެކު މި ވަގުތު ދެ ދޯންޏެއްގައި އެންވަތުގައި އެ ސިސްޓަމް ގާއިމްކޮށް ޓެސްޓިން މަރުހަލާ ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަސައްކަތުގެ އެންމެ ފަހުގެ މަޢުލޫމާތަށް ބަލާއިރު، މި ނިޒާމަކީ ރަނގަޅު ނިޒާމެއް ކަމަށް ފެންނަ ކަމަށް ޝިޔާމް ވަނީ ފާހަގަކުރައްވާފައެވެ.
މި ބަދަލުތައް ގެންނަން ޖެހޭ އެންމެ ބޮޑު އެއް ބޭނުމަކީ މަސް ގަންނަ އަގާ އެކު މަސްވެރިން ކުރާ ހޭދައާ އެކު ލިބޭ އާމްދަނީ ބައްދަލު ނުވާނެތީ ކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ. އެެހެންކަމުން މި ބަދަލުތައް ގެނައުމަށް މަސްވެރިންނަށް ފޯރުކޮށްދޭން ޖެހޭ އެހީތެރިކަން ބޭންކްތައް މެދުވެރިކޮށް ފޯރުކޮށް ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.