ENGLISH
05 ޖުލައި 2025
ވިއްސާރައިގައި 6 ރަށެއްގައި ފެންބޮޑުވި، އެންމެ ބޮޑަށް ގެއްލުންވީ ފ. ނިލަންދުއަށް
04 ޖެނުއަރީ 2025
|
ދ. މީދޫގައި ފެންބޮޑުވެފައި ފޮޓޯ: އެމްއެންޑީއެފް
ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހުމާއި އުދަ އެރުމުގެ ސަބަބުން މިހާތަނަށް 6 ރަށެއްގައި ފެންބޮޑުވެގެން ރިޕޯޓުކޮށްފައިވާ ކަމަށް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ވިދާޅުވެއްޖެއެވެ.
އުދައަރައިގެން ފެންބޮޑުވި ރަށްތަކުގެ ތެރޭގައި ށ. ނަރުދޫ އަދި ރ. އިނގުރައިދޫ ހިމެނެއެވެ. ބޯކޮށް ވާރޭވެހި ދ. ކުޑަހުވަދޫ، ދ. މީދޫ، ފ. ނިލަންދޫ އަދި ފ. މަގޫދޫގައި ފެންބޮޑުވެފައިވެއެވެ.
ދ. މީދޫގައި ސިފައިން ފެން ހިންދުމުގެ މަސައްކަތް ކުރަނީ
މި ވިއްސާރައާ ގުޅިގެން އެންމެ ބޮޑަށް ފެންބޮޑުވި ރަށަކީ ފ. ނިލަންދު އެވެ. އެ ރަށުގެ 80 އިންސައްތަ ސަރަޙައްދުގައި ވަނީ ފެންބޮޑުވެފައެވެ.
ނިލަންދޫ ކައުންސިލްގެ ޒިންމާދާރު ވެރިޔާ އަލީ ހައިތަމް މައުލޫމާތު ދެއްވިގޮތުގައި 63 ގެއަކަށް ވަނީ ފެންވަދެ އެކިވަރުގެ ގެއްލުންވެފައެވެ. އަދި 37 ގެއެއްގެ މުދަލަށް ގެއްލުންވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ފެންބޮޑުވުމުގެ ސަބަބުން 83 ގެއެއްގައި ވަނީ އާންމު ދިރިއުޅުމަށް ދަތިވާފަދަ އެކި ގެއްލުން ލިބިފައެވެ. އަދި ނިލަންދޫގެ ވިޔަފާރިތަކަށް ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ.
އދ.މާމިގިލީގައި ފެންބޮޑުވެފައި
މި ކާރިސާގައި ފެން ހިންދުމާއި ސަލާމަތީ ފިޔަވަޅުތައް އެޅުމުގައި ފ. ނިލަންދޫ ފަޔަރ ސަރވިސްގެ ބޭފުޅުންނާއި، އެމްޓީސީސީ އަދި އެކި މުއައްސަސާތަކާއި އާންމު ރައްޔިތުންގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު ކަމަށް އަލީ ހައިތަމް ވިދާޅުވިއެވެ.
ދ.ކުޑަހުވަދޫގައި ފެންބޮޑުވެފައި
ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ދ. މީދޫއަށް ބޯކޮށް ވާރޭވެހި ފެން ބޮޑުވެގެން އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.
އިއްޔެ ހެނދުނުން ފެށިގެން ކުޑަހުވަދޫއަަށް ވަނީ އާދަޔާ ޚިލާފަށް ބޯކޮށްވާރޭ ވެހިފައެވެ. ކުޑަހުވަދޫގެ ޒިންމާދާރު ވެރިޔާ މުޙައްމަދު ޝިހާމް މަޢުލޫމާތު ދެއްވިގޮތުގައި 19 ގެއަކަށް ފެންވަދެގެން ރިޕޯޓުކޮށްފައިވެއެވެ.
އެމްއެންޑީއެފްގެ އެހީގައި 11 ގެއަކުން ފެން ހިންދާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ އިތުރުން އާރުޑީސީ، ފުލުހުން އަދި ކައުންސިލްގެ މުވައްޒަފުންގެ ފަރާތުން ލިބުނު އެހީތެރިކަން ޝިހާމް ފާހަގަކުރެއްވިއެވެ.