ENGLISH

21 އޭޕްރީލު 2025

Advertisement

އިއްޔެ ކުރި ވިއްސާރާގައި 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ދީފައިވޭ

04 ޖެނުއަރީ 2025

|

ޢަލީ ޝާހީން

މާލޭގެ މަގުތަކުން ފެންހިންދަނީ -- ފޮޓޯ: އެމްއެންޑީއެފް

މާލެއަށް އިއްޔެ ކުރި ވިއްސާރައިގެ ސަބަބުން 226 މީހަކަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވިދާޅުވެއްޖެއެވެ.

އިއްޔެ ހެނދުނުން ފެށިގެން މާލެއަށް މެދު ނުކެނޑި ވެހުނު ވާރޭގައި، ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އެކި މަގުތަކުގައި ފެންބޮޑުވިއިރު، ފެނުގެ އަސަރު އެންމެ ބޮޑަށް ކުރީ މާފަންނުގެ ގެތަކަށެވެ.

މާލޭގައި ރޭ ފެންބޮޑުވުމުން ލިބުނު ގެއްލުންތަކުގެ އެންމެ ފަހުގެ އަދާހަމަ ހާމަކުރައްވަމުން އެންޑީއެމްއޭ އިން ވިދާޅުވީ، އެކިއެކި އެހީތަކަށް އެދި 774 ތަނަކުން ރިޕޯޓް ކޮށްފައިވާ ކަމަށާއި އޭގެތެރެއިން 554 ތަނަކުން އެދުނީ ވެލި ބަސްތާ ޖެހައިދިނުމަށް ކަމަށެވެ.

އަދި 53 ގެއެއްގެ ރެޕިޑް އެސެސްމެންޓް ހެދިފައިވާ ކަމަށް އެންޑީއެމްއޭ އިން ވިދާޅުވިއެވެ. މީގެތެރެއިިން 36 ގޭބިސީގެ 226 މީހުންނަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިން ބުއިން ފޯރުކޮށްދީފައިވާ ކަމަށްވެސް އެންޑީއެމްއޭ އިން ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖެއަށް މިހާރު ކުރަމުންމިދާ ވިއްސާރައިގައި ރޭ އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ ފ. ނިލަންދޫ އަދި ކ. ހިންމަފުއްޓަށެވެ. އެގޮތުން ނިލަންދޫގެ 80 ޕަސެންޓުގައި ފެން ބޮޑުވިއިރު ހިންމަފުށީގެ 60 ޕަސެންޓަށް ވަނީ ފެންބޮޑުވެފައެވެ. އަދި ކ. ގުރައިދޫގެ 60 ގެއަކަށް އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް އެންޑީއެމްއޭ އިން ވިދާޅުވިއެވެ. އދ. މާމިގިލީގެ 4 ގެއަކަށް އަދި ފ. މަގޫދޫގެ 9 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށާއި ދ. ކުޑަހުވަދޫ އާއި ދ. މީދޫގެ ވެސް 10 ވަރަކަށް ގެއަށް ގެއްލުން ލިބިފައިވާކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ. 

މިހާރު ކުރަމުންދާ ވިއްސާރާގައި އުތުރުގެ ގިނަ ރަށްރަށަށް ވެސް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. އަދި ރަށްރަށުގެ ކައުންސިލްތަކާއި މުވައްސަސާތަކުގެ އިތުރުން ސިފައިންނާއި ފުލުހުންވެސް ދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ. ފެނުގެ އަސަރު ކުރި އިމާރާތްތަކުން ފެން ހިންދުމާއި، ވެލި ބަސްތާތައް ޖެހުމުގައި އެހީތެރިކަން ފޯރުކޮށްދީފައި ވަނީ މާލެ ސިޓީ ކައުންސިލާއި ފުލުހުންނާއި ސަފައިންނާއި ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތާއި ބެހޭ ވުޒާރާގެ އިތުރުން ދިވެހި ސްކައުޓުންނެވެ. ފެން ހިންދުމުގެ މަސައްކަތުގައި ސިފައިންގެ އިތުރުން އަމިއްލަ ފަރާތްތަކުންނާއި އާންމު ފަރުދުން ވެސް މަސައްކަތް ކޮށްފައިވެއެވެ.

މެޓް އޮފީހުން ލަފާކުރައްވާ ގޮތުގައި މިހާރު ކުރަމުންދާ ވިއްސާރަ އަލިކުރާނެ ކަމަށް ލަފާ ކުރެވެނީ އަންނަ ހޯމަ އިން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު