ENGLISH

21 އޭޕްރީލު 2025

Advertisement

މާލެ އިން ވަނީ 30500 ޓަނުގެ ފެން ބޭރުކޮށްފައި: އެމްއެންޑީއެފް

04 ޖެނުއަރީ 2025

|

އާމިނަތު މައިހާ

އިއްޔެ މާލެއަށް ކުރި ބޯ ވިއްސާރައިގައި މާލެ ސިޓީގެ މަގުތަކުން ޖުމްލަ 30569 ޓަނުގެ ފެން ޕަމްޕް ޖަހައިގެން ބޭރުކޮށްފައިވާ ކަމަށް މޯލްޑިވެސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވެއްޖެ އެވެ. 

އިއްޔެ ހެނދުނު 11:37 ހާއިރުން ފެށިގެން ފެން ހިންދުމަށް ކުރަމުން ދިޔަ މަސައްކަތުން މިއަދު 08:30 ހާއިރު ވަނީ މަގުތައް އާންމު ހާލަތަށް ގެނެސްފައެވެ. ބޯކޮށް ވާރޭވެހި މާލޭގެ މަގުތަކުގައި ފެން ބޮޑުވެގެން، ފެން ހިންދުމަަށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން، މާލޭގެ 6 ސަރަހައްދެއްގައި 16 ޕަންޕު ބަހައްޓައިގެން މަސައްކަތްކޮށްފައިވެއެވެ. މާލޭގެ މަގުތަކުން ފެން ހިންދުމަށް އެމްއެންޑީއެފް އިން މަސައްކަތް ކުރި ވަގުތަށް ބަލާއިރު މިނިޓަކު ވަނީ 24،397 ލީޓަރުގެ ފެން ބޭރުކޮށްފައެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ އިން ވިދާޅުވި ގޮތުގައި މާލެ އަށް އެންމެ ބޯކޮށް ވާރޭވެހިފައި ވަނީ އިއްޔެ ހަވީރު 5-6 އާ ދެމެދު އެވެ. އެ ވަގުތުކޮޅުތެރޭ މާލެ އަށް ވަނީ 60 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ މާލެ އަށް ވަނީ 142 މިލިމީޓަރުގެ ވާރޭ ވެހިފައެވެ.

މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ 6 ރަށަކަށް ވަނީ ބޯކޮށް ވާރޭ ވެހި ފެންބޮޑުވެފައެވެ. ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މިއަދާއި މާދަމާ ވެސް މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ އިދާރާ އިން ވަނީ ވިދާޅުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު